އެޗްޑީސީގެ އެމްޑީ ފަޒުލް އާއި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު: ޕީއެންސީ މަޖިލިސް މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މި ދެބޭފުޅުންނާ މެދު
އިއްޔެ ރައްޔިތުންގެ މަޖިލިހުގައި، މި ސަރުކާރުން މިހާތަނަށް ނުކުރާ ކަމެއް ކުރިއަށް ގެންދިޔަ އެވެ.
މަޖިލިހުގެ ހަތަރު ވަނަ ބުރީގެ މީޓިން ރޫމްގައި ޕީއެންސީގެ 75 މެމްބަރުންނާ ބައްދަލުކުރެއްވީ ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އަލީ އާރިފް އާއި އަބްދުﷲ ނާސިރު (ހެރިންސް އަބްދުﷲ) އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ދެ މަންދޫބުންގެ ގޮތުގައި އެ ދެ ބޭފުޅުން އަޑުއެއްސެވީ ޕީއެންސީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކެވެ. ޝަކުވާތަކެވެ. ޖަވާބު ބޭނުން ސުވާލުތަކެވެ.
މި ބައްދަލުވުމާ ބެހޭ ބައެއް މައުލޫމާތު ބައެއް މެމްބަރުން ވަނީ، ނަން ނުޖަހާ ގޮތަށް، 'ދައުރު'އާ ހިއްސާކުރައްވައިފަ އެވެ.
އެންމެ ގިނަ ޝަކުވާތައް އަމާޒުވީ އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް ކަމަށް، ބައެއް މެމްބަރުން ވިދާޅުވި އެވެ.
"ފަޒުލްގެ ޝަކުވާ ހަމަ ވަރަށް ބޮޑު،" އެއް މެމްބަރަކު ވިދާޅުވި އެވެ.
އޭގެ ބައެއް ތަފުސީލުތައް ދެއްވަމުން އޭނާ ވިދާޅުވީ އެޗުޑީސީ ހިންގެވުމުގައި ފަޒުލް ގެންގުޅުއްވާ އުސޫލުތައް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށެވެ. ސަރުކާރު ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުއްލަވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވާ އިރު އެއިން މެމްބަރަކާ އެއްވެސް ވަރަކަށް ފަޒުލްއާ ނުގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ހުންނާނެތާ އެޗުޑީސީ ކަހަލަ ބޮޑު ކުންފުންޏެއްގައި ފަޒުލްއާ ވާހަކަ ދައްކައިގެން އޮޅުންފިލުވާނެ ކަންކަން. އެކަމަކު ފަޒުލް ހަމަ އެއްވެސް ޖަވާބެއް ނުދޭ، ބައްދަލެއް ނުކުރޭ،" މެމްބަރަކު ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވަނީ ބައްދަލުވުމުގައި ފަޒުލްއާ ގުޅޭ ގޮތުން ބޮޑެތި އެތައް ތުހުމަތުތަކެއް ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން އެޗުޑީސީގެ ތެރޭގައި ފަޒުލް 'އަޑިއަޑިން ކަންކަން ހިންގަނީ ރައީސް ވިދާޅުވިއޭ' ކިޔައިގެން ކަމަށް ވެސް، ބައެއް މެމްބަރުން ފާހަގަކުރެއްވިކަމަށް ވެ އެވެ.
"ފަޒުލްގެ ޝަކުވާ މުޅި ބައްދަލުވުމުގައި ވެސް ގިނަ މެމްބަރުން ނެގީ. ފަޒުލް ލައިގެން އެޗުޑީސީ ނުހިންގޭނެއޭ. ހުޅުމާލެ އާއި ތިލަފުށީގެ ބިންތަކާ ގުޅޭ އެތައް ޝަކުވާއެއް މެމްބަރުން ފާހަގަކުރި،" މެމްބަރަކު ވިދާޅުވި އެވެ.
ފަޒުލްއާ ބެހޭ ޝަކުވާތަކުގެ އިތުރުން ދެން އެންމެ ބޮޑު ޝަކުވާތަކެއް އަމާޒުކުރީ އެޑިޔުކޭޝަން މިނިސްޓަރު ޝަފީއުއަށް ކަމަށް، ބައެއް މެމްބަރުން ކިޔައިދެއްވި އެވެ.
ޝަފިއުގެ ވެސް މައްސަލައަކީ މެމްބަރުންނާ އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވެވުމެވެ. ފޯނަށް ޖަވާބު ނުދެއްވުމެވެ. ބައްދަލުނުކުރެއްވުމެވެ.
"ޝަފީއު ހީވަނީ ރައީސްގެ އެންމެ ބޮޑު މުޝީރުހެން. އެހެން ކަަމަށް މެމްބަރުން ސިފަކުރީ. އޮޅުންފިލުވަން ބޭނުންވީ ކީއްވެހޭ މެމްބަރުންނާ ދުރުން އެޑިޔުކޭޝަން މިނިސްޓަރު އުޅުއްވަނީ. އެއީ ރައީސް އަންގަވައިގެންތޯ ނުވަތަ ނޫންތޯ،" މައުލޫމާތު ހިއްސާކުރެއްވި މެމްބަރަކު ވިދާޅުވި އެވެ.
ޝަފީއުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުންގެ ތެރޭފައި ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ނިލަންދޫ ދާއިރާގެ ފާތުމަތު ސައުދާ ވެސް ހިމެނޭ ކަމަށް، ބައެއް މެމްބަރުން ވިދާޅުވި އެވެ.
"މެމްބަރުން ބޭނުންވާ ދެއްތޯ ތައުލީމީ ދާއިރާގެ ކަންކަމުގައި އެހީތެރިކަން. ރަށްރަށުގެ ސްކޫލްތަކަށް ދިމާވާ ކަންކަން ހުންނާނެ. ކުރެވޭނީ ކޮން ކަމެއްތޯ ވެސް އޮޅުންފިލުވާނެތާ. އެކަން ބަލަން ދެން އަޅުގަނޑުމެން ދާނީ ކޮން ތާކަށްތޯ އެޑިޔުކޭޝަން މިނިސްޓަރު ނޫނީ،" އެއް މެމްބަރަކު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ އެހާ ގުޅުން ކުޑަކޮށްގެން ކިހިނެއްތޯ އުޅޭނީ؟ މެމްބަރުން ދަނީ ރައްޔިތުންގެ ޝަކުވާތައް ހިފައިގެން. ރައްޔިތުންގެ ޝަކުވާ އަންނަނީ މެމްބަރުންނަށް. އަޅުގަނޑުމެން މިތިބީ ފޭސްކުރަން ހުރިހާ ކަމަކާ."
އާރިފް އާއި އަބްދުﷲ އަރިހުން ބައެއް މެމްބަރުން އެދިވަޑައިގަތީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރައީސްއާ ހަމައަށް ޝަކުވާތައް ގެންދަވައި، އަވަސް ފިޔަވަޅުތަކެއް އަޅުއްވާށެވެ.
ކޮމެންޓް (18)
ހތިަދޫ
ލަޔާން
ޢަނަމް
އަޑަފި
ގޮހޮޑާ
ތެފައާސާ.
ސިކުނޑި
ބޮޑަށްހީވަނީ
މާކޮސް
ސުންޖީރު
މަހުވެއި
މުޝީރު
ދޮންފުތާގެ މަރިޔަބު
އާޒާދީ
ވާނުވާ
ސުޖީ
ބޯހަލާކުކު
ޖިމޯ