އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޖަވާބުދާރީ ނުވެވޭނެ ކަމެއް ކޮށްފައެއް ނޯންނާނެ: ފަޒުލް
ފަޒުލްގެ ޕްރެސް ކޮންފަރެންސްގެ ކުރު ހުލާސާއެއް
ފަޒުލްއަށް ކުރިމަތިވި އެންމެ ބޮޑު ސުވާލަކީ 'ވަގު ގޯތީ'ގެ ލިއުން އޮތް ދެ މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކަން އެނގިވަޑައިގަތުމުން ވެސް ފިޔަވަޅު ނާޅާ މިހާ ދުވަސް ވީ ކީއްވެގެންތޯ. ދެން ވަގު ލިއުންތަކެއްކަން އެނގިވަޑައިގެންނެވި ހިސާބުން ފުލުހުންނަށް އެކަން ހުށަނޭޅުއްވީ ކީއްވެތޯ.
އެ ސުވާލުތަކަށް އޭނާ ދެއްވި ބައެއް ޖަވާބުތަކަކީ:
-
އެކި ފަރާތްތަކުން ސާފުކުރަން ޖެހޭ ކަންކަން ހުންނަ ކަން
-
ގޯތީގެ ލިއުން 'ލިބުނު' އެކަކަށް ބޭބެ ވުމަކީ އިއްތިފާގެއްކަން. އެހެންކަމުން އޭގައި ފަޒުލްގެ އެއްވެސް މައްސަލައެއް ނެތްކަން
-
އެ ގޯތީގައި މައްސަލައެއް އުޅޭކަން އެނގި އެކަން ސާފުކުރަން އިސްނެގީ ވެސް އެޗުޑީސީކަން. އެކަމާ ގުޅިގެން ހައުސިންއަށް އެޗުޑީސީން ސިޓީ ފޮނުވީ އޭނާއަށް އެނގިވަޑައިގެންކަން
-
ސިޓީ ފޮނުވަން ޖެހުނީ އެ ގޯތީގެ ވަށާ ފާރު ރާނަން ދެ މީހަކު ހުށައެޅުމުންކަން. އޭރު އޭނާގެ ބޭބެ (މުހައްމަދު ފަޒީލް ރަޝީދު)އަށް ހުއްދަ ދީފައި އޮތްކަން. އެހެންކަމުން މައްސަލައެއް އުޅޭކަން އެޗުޑީސީއަށް އެނގުނު ހިސާބުން އެކަން ބަލަން އިސްނެގިކަން.
ބައެއް ސުވާލުތަކަށް ފަޒުލް ދެއްވި ޖަވާބު ސާފު ނޫން ކަމުގެ ޝަކުވާ ނޫސްވެރިން ކުރި. އަދި އަނެއް ބައި ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވާ ކަމަށް ވެސް ނޫސްވެރިން ބުނި. އޭނާ ވިދާޅުވީ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށް.
ޕްރެސް ކޮންފަރެންސް ނިންމާލެއްވުމުގެ ކުރިން ފަޒުލް ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ މައްސަލައާ ގުޅިގެން އެޗުޑީސީގެ އެއްވެސް މުވައްޒަފަކު ވަކިކޮށް، ޑިމޯޓްކޮށް ނުވަތަ އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ވެސް ބަދަލުކޮށްފައި ނޯންނާނެ ކަމަށް. ބައްދަލުވުން ނިންމާލެއްވިކަން އޭނާ އިއުލާންކުރެއްވި އިރު ވެސް ނޫސްވެރިން ގެންދިޔައީ ސުވާލު ހުރި ކަމަށް ބުނެ، ފުރުސަތު ލިބޭތޯ ބަލަމުން.
މައްސަލަ ޖެހުނު ގޯތީގެ ވަށާފާރު ރާނަން ހުއްދަދިނީ 14 ޖުލައިގައި ހައުސިންއަށް ސިޓީ ފޮނުވުމުގެ ކުރިން ކަމަށް ފަޒުލް ވިދާޅުވި. އެ ގޯތި ލިބުނު އެކަކަށް ބޭބެ ވުމަކީ އިއްތިފާގެއް ކަމަށާއި އޭގައި އޭނާގެ އިޝޫއެއް ނެތް ކަމަށް ވެސް ވިދާޅުވި.
ފަޒުލްއާ މެދު ކުރެވޭ އެހެން ތުހުމަތުތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި. އޭގެ ތެރޭގައި ވިނަރެސްގެ ބައެއް ފްލެޓްތަކެއް ބަޔަކަށް ދިނުމާއި ހިޔާގައި ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު ހޭދަވުން ހިމެނޭ. އޭނާ ވިދާޅުވީ "ތުހުމަތުކުރާ ކިތައްމެ ކަމެއް އޮވޭ. އެއަށް ޖަވާބުދާރީ ނުވަނީ ސޯޝަލް މީޑިއާގެ ހުރިހާ ކަމަކީ ހަގީގަތެއް ނޫން. އަޅުގަނޑުމެން އައިއިރު ނެތް ދޭނެ ވިނަރެސްއެއް. ބޮޑު މަސްއުނިގަނޑެއް ހަދާފައި އޮތީ. އަޅުގަނޑުމެން އައިސް އެ ހުރިހާ ކަމެއް ރަނގަޅުކޮށް ދީފައި ހުންނާނީ މި ސަރުކާރުން."
"އަޅުގަނޑު މިތަން ހިންގަން މި އިންނަނީ. މިތަނުގައި ކަމެއް ފެންމަތިވެގެން އައިމާ އެނގޭނެ އަޅުގަނޑަށް. އަޅުގަނޑަށް އެނގިގެން ސިޓީ ފޮނުވާފައި އޮތީ. ދެން މިއީ އާންމުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް. އަޅުގަނޑު ބޭނުންވޭ ޖަވާބެއް ދޭއިރު އެކަންކަން ފުރިހަމަތޯ ޔަގީންކުރަން."
އެޗުޑީސީން ހައުސިންއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައި އޮތީ މައްސަލަ ޖެހުނު ޕްލޮޓް ލިބުނު ކަމަށް ލިއުންތަކުން ދައްކާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ހަސަންކަން ފަޒުލްއަށް އެނގިވަޑައިގެންނެވި ހިސާބުން އެކަން ނުބެލީ ކީއްވެގެންތޯ ސުވާލުކުރުމުން ފަޒުލް މަސައްކަތްކުރެއްވީ ލިއުމެއްގެ ސައްހަކަން ބެލުމަކީ އެޗުޑީސީގެ ކަމެއް ނޫން ކަމަށް ދައްކަވަން.
ފަޒުލްއާ އެންމެ ބޮޑަށް ކުރި އެއް ސުވާލަކީ މި އަހަރުގެ ޖުލައި މަހު އެނގުނު ކަމެއްގައި މިހާ ހިސާބަށް ވެސް އެކަން ނުބެލި އޮތީ ކީއްވެގެންތޯ. އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ އެހެން ފަރާތްތަކާ ވެސް ގުޅިގެން ކުރަން ޖެހޭ ކަންކަން ހުންނަ ކަމަށް.
ފަޒުލް ވިދާޅުވީ ދެ ޕްލޮޓްގެ މައްސަލަ ބަލަން އުޅުނީ ވެސް އެޗުޑީސީން ކަމަށް. އާއިލާގެ ގުޅުމަށް ނުބަލާ އެކަން ޔަގީންކުރުމުގެ ގޮތުން އެޗުޑީސީން އިސްނެގިކަން ތަކުރާރުކޮށް އޭނާ ވިދާޅުވި.
ފަޒުލް ވިދާޅުވީ އޭނާގެ އަބުރު ކަތިލަން ނުވަތަ ސިޔާސީ މަންފާއެއް ހޯދަން ބަޔަކު އުޅޭ އިރު އެ ހުރިހާ ކަމަކަށް ފުރިހަމަށް ޖަވާބުދާރީވަން ތައްޔާރަށް ހުންނެވި ކަމަށް. އަދި އޭނާއަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި.
ހައުސިން މިނިސްޓްރީން ސާފުކުރަން ހުށައެޅީ ދެ ޕްލޮޓެއްގެ މައުލޫމާތު ހޯދައި، ވެރިފައިކުރަން ކަމަށް.
އެއްވެސް ހާލެއްގައި ހައުސިން މިނިސްޓްރީން ނުބުނާ ބަޔަކަށް ބިން ދޫކޮށްފައެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި
ފަޒުލް ވިދާޅުވި ގޮތުގައި އުސޫލުތަކާ ހިލާފު ކަންކަން ހިނގާފައި ވާތީ އެކަން އޮޅުންފިލުވާ ދިނުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް.
ފަޒުލް ވިދާޅުވީ މިހާތަނަށް 'ބިންވެރިޔާ' ސްކޫމްގެ ދަށުން 709 ގޯތި ދޫކޮށްފައިވާ ކަމަށް.
ފަޒުލް ވިދާޅުވީ ބިންވެރިޔާގެ ސްކީމުން ބިން ދެނީ ވެސް، ބިމުގެ ރަޖިސްޓްރީ ދެނީ ވެސް އެޗުޑީސީން ނޫން ކަމަށް.
ފަޒުލް ވިދާޅުވީ ފުލުހުން އެޗުޑީސީއަށް އައި ކަމަށާއި ކޮންމެ ތަހުގީގެއް ކުރިއަށް ގެންދިޔަސް ފުރިހަމަ އެއްބާރުން ދޭނެ ކަމަށް.
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް މިހާރު ގެންދަވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ 'ބިންވެރިޔާ' ސްކީމުން ހައްގު ނޫން އެތައް ބަޔަކަށް ބިން ދިނުމަކީ އެކަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް. އެހެންވެ އެ މުއާމަލާތްތަކުގައި ހިމެނޭ އެންމެންނަށް ވެސް އަދަބު ދޭން އެ ޕާޓީން ގޮވާލި. ސަރުކާރަށް ފާޑުކިއުމުގެ އިތުރުން އެމްޑީޕީން ވަނީ ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސާތަކުން އެކަންކަމާ ދެކޮޅަށް މަސައްކަތްނުކުރާތީ ވެސް ފާޑުކިޔާފައި.
އެމްޑީޕީން ގޮވާލީ އެޗުޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ވަކިކުރަން
މި ސަރުކާރުން 'ބޯހިޔާވަހިކަމުން ވައްކަންކޮށްފައި'ވާ ކަމަށާއި 'ބިންވެރިޔާ' ސްކީމުން ހައްގު ނޫން ބަޔަކަށް ބިންތަކެއް ދީފައިވާތީ އެޗުޑީސީގެ އެމްޑީކަމުން އިބްރާހިމް ފަޒުލް ރަޝީދު ވަކިކުރެއްވުމަށް، އިދިކޮޅު އެމްޑީޕީން ދެންމެ ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފި. އެގޮތަށް އެމްޑީޕީން ގޮވާލީ މިހާރު ފެންމަތިވެގެން އުޅޭ ތުހުމަތުތަކާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި
"އެޗުޑީސީން އުސޫލުން ބޭރުން 400 މިލިއަން ރުފިޔާގެ ބިން ދޫކުރި"
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވާ ގޮތުގައި އެޗުޑީސީން މިހާތަނަށް ގަވާއިދާ ހިލާފަށް 50އަށް ވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައި. އޭގެ އަގު 400 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ލަފާކުރައްވާ. އެގޮތަށް އޭނާ ވިދާޅުވީ އެޗުޑީސީގެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މިއަދު ފޮނުއްވި ސިޓީއެއްގައި.
އެޗުޑީސީ ކައިރިއަށް ބައެއް އާންމުން ވެސް އެއްވެ ލިއުންތަކެއް ދައްކައި، އަންނަނީ ޝުއޫރު ފާޅުކުރަމުން. އެ މީހުން ބުނަނީ އެމީހުންގެ ފްލެޓް ދޭށާއި ދައުލަތުން ދީފައި ހުންނަ ރަސްމީ ލިއުންތަކާ ނުކުޅޭށޭ.
އެޗުޑީސީއާ މެދު ކޮންމެ ސަރުކާރެއްގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ. އެކަމަކު އެއިން އެއްވެސް ތުހުމަތެއްގެ ތަހުގީގަށް ފުލުހުން މީގެ ކުރިން ވަދެފައެއް ނުވޭ.
މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައިގެ ހުލާސާއަކީ:
-
ބިންވެރިޔާ ސްކީމްގައި ނަން ވެސް ނުހިމެނޭ ދެ މީހަކަށް އެޗުޑީސީން ބިން ދޫކުރުން
-
އޭގެ ތެރޭގައި އެޗުޑީސީގެ އެމްޑީ ފަޒުލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ
-
އެއް ބިމެއް ދެ މީހަކަށް (ފަޒީލް ހިމެނޭ ގޮތަށް) ދީ، އެ ދެ މީހުން ވެސް އެތަނުގައި ވަށާފާރު ރާނަން އެޗުޑީސީއަށް ހުށައެޅި. އެހެންވެ އެޗުޑީސީން ވަނީ ހައުސިން މިނިސްޓްރީއަށް، އެ ބިން ލިބިފައިވަނީ ކާކަށްތޯ އޮޅުންފިލުވައިދޭން ޖުލައި މަހު ސިޓީއެއް ފޮނުވާފައި
-
އެ ސިޓީގެ ޖަވާބު 15 އޮގަސްޓްގައި އެޗުޑީސީއަށް ފޮނުވި. ލީކުވި ސިޓީގައި ބުނެފައިވާ ގޮތުން އޭގެ ތެރެއިން އެކަކަށް ވެސް ބިން ލިބިފައެއް ނުވޭ، އަދި ބިންވެރިޔާ ސްކީމާ ބެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ ދެ މީހުންގެ ނަން ވެސް ނުހިމެނޭ
-
އެޗުޑީސީގެ ވަގު ލިއުންތަކެއް އުފެއްދިކަމުގެ ތުހުމަތުގައި ފުލުހުންގެ ތަހުގީގެއް ފަށާފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު 'ދައުރު'އަށް ވިދާޅުވި
-
ފުލުހުން މިހާރު އެޗުޑީސީއަށް ވަދެ ތަހުގީގުގެ ބެލުންތަކައިގެން ކުރިއަށް ދާން ފެށީ އޭނާ އެގޮތަށް ވިދާޅުވި ފަހުން
އެޗުޑީސީއާ ގުޅުން ހުރި ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ ލީކުވެ، އޭގެ ތަހުގީގު ފުލުހުން ފަށައިގެން އެޗުޑީސީގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުން. މިހާރު އެޗުޑީސީއަށާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް އަމާޒުވެފައި ވާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ޕްރެސް ކޮންފަރެންސެއް މިރޭ އޮންނާނެ ކަމަށް، އެޗުޑީސީން ވަނީ މީޑިއާތަކަށް އަންގާފައި.
ހުޅުމާލެއިން ބިން ނުލިބޭ ބަޔަކަށް ބިންތަކެއް ދިންކަމުގެ ތުހުމަތުގައި ފުލުހުން ފެށި ތަހުގީގުގައި ދެންމެ އެޗުޑީސީގެ މައި އޮފީހަށް ފުލުހުން ވަދެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ތަހުގީގު މިހާ ބޮޑަށް ފުޅާވީ އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމްގައި ނަން ވެސް ނެތި، ބިމެއް ދިންކަމުގެ ތުހުމަތުގައި އޭނާއަށް ފާޑުކިއުން ވެސް އަމާޒުވެފައި އޮއްވަ އެވެ.
ބުނީ ކީކޭ؟ - "ފުލުހުން ހިންގަމުންދާ ތަހުގީގެއްގެ ބޭނުމަށް އެޗުޑީސީގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ޕޮލިސް މީޑިއާއިން ފޮނުވި މެސެޖެއްގައި ބުންޏެވެ.
ތަފްސީލު - މި ތަހުގީގު އަސްލު ފެށިގެން މިއައީ ސޯޝަލް މީޑިއާގައި ލީކުކޮށްލި ލިއުންތަކަކާ ގުޅިގެންނެވެ.
އެ ލިއުންތަކުން އެނގޭ ގޮތުގައި ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗުޑީސީއަށް ހުށައަޅާފައިވެ އެވެ.
ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށްވެ އެވެ.
ލީކުވެފައިވާ ސިޓީތަކަށް ބަލާއިރު އެނގޭ ކަންކަން:
-
ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ފަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެ ކުންފުންޏަށް ހުށަހެޅި
-
އޭގެ ތެރެއިން އެ ބިން ލިބިފައިވަނީ ކޮން ފަރާތަކަށްކަން އެ ކުންފުންޏަށް އަންގަައިދޭން އެދުނު
-
އެ ލޮޓް ނަންބަރުން ބިން ލިބުނު ކަމަށް ބުނާ އެކަކީ، ފަޒުލްގެ ކޮއްކޮ މުހައްމަދު ފަޒީލްއަށްކަން ވެސް ސިޓީން އެނގޭ
-
އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށް
-
މުހައްމަދު ފަޒުލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ''ފޯޖް' ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކުރި
-
ޝޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ އެއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށް
-
މި މައްސަލަ ތަހުގީގުކުރަން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ގޮވާލައްވާފައި
ކޮމެންޓް (3)
ހީހީ ބަނޑަށް ގޮށް ލައިފި
މަށޭ އެބަ ކިޔާތަ
އަލީ މުޙައްމަދު މަނިކު