ޑިމޮކްރެޓްސްއިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)
އެޗްޑީސީގެ ގޯތި 'ވައްކަން' ސިއްރުކުރުމަކީ ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމެއް: ޑިމޮކްރެޓްސް
މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދޭން ހިންގި 'ބިންވެރިޔާ' ސްކީމްގެ ލިސްޓުގައި ނަން ވެސް ނެތި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެއަށް ހުޅުމާލެއިން ގޯއްޗެއް ދިން ކަމަށް ބުނާ މައްސަލަ އެޗްޑީސީން "ސިއްރުކުރުމުން" އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ޑިމޮކްރެޓްސްއިން ރޭ ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައި އެންމެ ފުރަތަމަ ތިލަވީ، އިއްޔެ ޝޯޝަލް މީޑިއާގައި މިކަމާ ގުޅޭ ލިޔެކިޔުންތަކެއް ލީކްވުމާ ގުޅިގެންނެވެ. އެއާ އެކު:
-
ފުލުހުން ވަނީ ފޯޖަރީގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ހާމަކޮށް، ހެކި ހޯދުމަށް އެޗްޑީސީއަށް ވަދެފައި
-
ފަޒުލް ވަނީ ދިފާއުވުމަށް ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އޭނާއަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައި؛ އޭނާ ވިދާޅުވި ގޮތުގައި، މި މައްސަލަ އެޗްޑީސީގެ ސަމާލުމަކަށް އައީ ޖޫން މަހު
-
ނަމަވެސް ފޯޖަރީގެ މި މައްސަލަ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް އެޗްޑީސީން ގެނެސްފައި ނުވާ ކަމަށް ފަޒުލް ވެސް އެއްބަސްވެވަޑައިގެންނެވި
ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ފަހުން ރޭ ޑިމޮކްރެޓްސް އިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރަފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލު - ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ގޯތި ހަވާލުކުރުން އިންތިހާއަށް ލަސްވެފައިވާ މި ދަނޑިވަޅުގައި، ސައްހަ ނޫން ލިޔެކިޔުން އުފައްދައި ހުށަހަޅައިގެން ހުޅުމާލޭގެ ބިމުން "ވަގަށް ގޯތި ކަނޑައި ދޫކޮށްފައިވާ" މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
"ގޯތީގެ ސައްހަ ނޫން ލިޔުން ތައްޔާރުކޮށްގެން އިންފާރު ރާނަން އެދުނު ހިސާބުން ވެސް މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ހަވާލުކޮށްފައިވާ ގޯތި ނޫންކަން އެޗްޑީސީއަށް ސާފުވާކަން އާންމުވެފައިވާ ލިޔެކިޔުމުން ދައްކަ އެވެ. އެހެން ނަމަވެސް އިންފާރު ރާނަން އެޗްޑީސީން ހުއްދަ ދީ، ވަގު ގޯތީގެ އިންފާރު ރާނާފައިވަނީ އެޗްޑީސީގެ އެނގުމާއި ފެނުމުގެ ތެރެއިންކަން ސާފުކޮށް އެނގެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
"މި ބޮޑު ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅައި ތަހުގީގު ކުރުމަށް އެދުމުގެ ބަދަލުގައި އެ ކުންފުނިން އެ މައްސަލަ ސިއްރުކުރި ކަމީ މިއަދު ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމެކެވެ."
އޭގެ އިތުރުން، މި މައްސަލަ ރައްދުވާ ފަޒުލް އަދި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަކީ، ސީދާ ރައީސް އައްޔަން ކުރައްވާ މަގާމެއްގައި ތިއްބެވި ދެ ބޭފުޅުން ކަމުން، އެއީ ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޑިމޮކްރެޓްސް އިން ފާހަގަ ކުރި އެވެ.
"ސަރުކާރުގެ މި ބާވަތުގެ ބާރުގަދަ ސިޔާސީންނާ މެދު ކެނޑިނޭޅި ތުހުމަތު އުފުލެމުންދާ މައްސަލަތަކުގައި އެދެވޭ ތަހުގީގެއް ނުހިންގި، ފިޔަވަޅެއް ނޭޅި، މަގާމުގެ ބާރާއި އިހުތިޔާރުތައް އަމިއްލަ ޒާތީ އަދި ސިޔާސީ މަންފާއަށް ބޭނުންކުރުމުގައި ދެމިތިބެން މި ސަރުކާރުން ފުރުސަތު ދެމުންދާކަން މިދަނޑިވަޅު ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
"ސަރުކާރުގެ ޒިންމާދާރު އިސް މަގާމުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްފައިވާ ބޭބޭފުޅުންނާ މެދު ތަކުރާރުކޮށް އާންމުކޮށް އިވި، ފެންނަމުން މިދާ ކަންކަމުން ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަކީ މިސަރުކާރުގެ ހިންގުމުގެ ވައްޓަފާޅިކަން މާ ބޮޑަށް މިދަނީ ސާފުވަމުން."
އޭގެ އިތުރުން، އެ ބަޔާނުގައި ބުނީ:
-
"ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ހަމައިން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެ، ލަސްކުރަމުންދަނީ މިބާވަތުގެ ކޮރަޕްޝަންގެ ޖަރީމާތަކަށް ކަންފަހިކުރުމަށް."
ފާހަގަކޮށްލެވޭ ކަމެއް - ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ މި މައްސަލައިގެ ތަހުގީގު ނިމެންދެން ފަޒުލް ހިމެނޭ ގޮތަށް އެ ކުންފުނީގެ ބޯޑު މެންބަރުން ސަސްެޕެންޑްކޮށްފަ އެވެ. އޭގެ އިތުރުން، އޭނާގެ ބޭބެ ފަޒީލު ވެސް މަގާމުން ސަސްޕެންޑް ކުރުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށް ކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމެންޓް (1)
ހަރީފު އަހްމަދު