އެޗުޑީސީގެ މައި އޮފީސް ހުންނަ އިމާރާތުގެ ކުރިމަތީގައި މިރޭ ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ގޯސް ފާހަގަވީ ޖޫންގައި އެކަމަކު އެޗުޑީސީން ފުލުހުންނަކަށް ނާންގާ
މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދޭން ހިންގި ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނަން ވެސް ނެތި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެއަށް ހުޅުމާލެއިން ގޯއްޗެއް 'ދިން' ކަމަށް ބުނާ މައްސަލައެއް އާންމުންނަށް ފެންމަތިވީ މިއަދު ސޯޝަލް މީޑިއާއަށް އެކަން ތިލަވުމުންނެވެ.
ނަމަވެސް އޭގެ މާ ކުރިން، ޖުލައިގައި، އެޗުޑީސީއަށް އެކަން އެނގެ އެވެ. އެއީ ޖޫންގައި އިންފާރު ރޭނުމުގެ ހުއްދައަށް އެދި މީހަކު އެޗުޑީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވަނިކޮށް ޖުލައިގައި ހަމަ އެ ޕްލޮޓަށް އެފަދަ ހުށަހެޅުމެއް އެހެން މީހަކު ފޮނުވި ހިސާބުންނެވެ. އިންފާރު ރާނަން ހުށަހެޅުއްވި އެކަކީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލު ރަޝީދު އެވެ.
އެކަން ސޯޝަލް މީޑިއާއަށް ތިލަވުމާ އެކު ފަޒުލް ވަނީ މިރޭ އެޗުޑީސީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފަ އެވެ. ނޫސްވެރިން ކުރި ގިނަ ސުވާލުތަކުން ރެކިވަޑައިގެން، އެއް ތައްގަނޑަކަށް ޖަވާބެއްގެ ގޮތުގައި އޭނާ ވިދާޅުވީ 'ޕްރޮސެސް' އޮންނަ ގޮތެވެ.
'އެއްބަސްވުމާއި ބިން ދެނީ މިނިސްޓްރީން، ގޯސް ފާހަގަވީ އެޗުޑީސީއަށް'
ފަޒުލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މައްސަލަ ފުރަތަމަ ފާހަގަވީ އެޗުޑީސީއަށް ކަމަށާއި އެކަން ބަލަން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވީ ވެސް އެ ކުންފުނިން އިސްނައިގެން ކަމަށެވެ. އެ ހުރިހާ މަރުހަލާތަކެއް ހިނގަމުން ދިޔަކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ފަޒުލް އެއްބަސްވެވަޑައިގަތެވެ.
"އަޅުގަނޑުމެން ކަންނޭނގެ މިކަން އިންފޯމްކުރީ ވެސް ހައުސިންއަށް. އަޅުގަނޑުގެ ލޭ ހިނގާ ބޭބެއެއް ހުރި ކަމުގައި ވިޔަސް، މި ދެންނެވި ފަރާތަކީ ހައްގުވާ މީހެއްތޯ ނޫންތޯ ކަނޑައަޅާނީ ހައުސިންއިން. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް ނޫން،" ފަޒުލް ވިދާޅުވި އެވެ.
"ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ އިޝޫކުރަނީ އެޗުޑީސީގެ ފަރާތަކުން ނޫން. އިޝޫ ކޮށްފައި އޮތީކީ ވެސް އަޅުގަނޑުމެންނެއް ނޫން. ކުރީ ސަރުކާރުގައި އިޝޫކޮށްފައި ހުރި ބިންވެރިޔާ ޕްލޮޓްތަކެއް ރަޖިސްޓްރީ އެބަހުރި. އެގްރިމަންޓްތައް ހަދަނީ އެޗުޑީސީގެ ފަރާތަކުން ނޫން،" ފަޒުލް ވިދާޅުވި އެވެ.
"ބިން ހަވާލުކުރަނީ އެޗުޑީސީގެ ފަރާތަކުން ނޫން. އަޅުގަނޑުމެން ޝާމިލުވާ ހިސާބަކީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިވެގެން އެޕްލިކޭޝަނެއް އަންނަ ހިސާބު."
މިކަމުގެ މަރުހަލާތައް މިހެން ރާވާފައި އޮތްއިރު، ގޯސްތަކެއް ފާހަގަވީ، އޭނާ ވިދާޅުވި ގޮތުގައި، އެއް ޕްލޮޓަކަށް ދެ ފަރާތަކުން އިންފާރު ރޭނުމުގެ ހުއްދައަށް އެދުމުންނެވެ.
"އެ ހިސާބުން އަޅުގަނޑުމެންނަށް އެކަން ހައިލައިޓު ވެގެން މި ފޮނުވަނީ ހައުސިން މިނިސްޓްރީއަށް، ވެރިފިކޭޝަން ޕްރޮސެސްއަށް. މިގޮތަށް ފޮނުވި ދެ ޕްލޮޓެއްގެ މައުލޫމާތު މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން ގެންދިޔައީ،" ފަޒުލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް މިތަނުން ބިން ހަވާލުކޮށްފައެއް ނުވާނެ."
ގޯސް ފާހަގަވި އެޕްލިކޭޝަންތަކުގެ ތަފްސީލު ދެއްވަމުން ފަޒުލް ވިދާޅުވީ:
-
ޕްލޮޓް ނަންބަރު 20768 އަށް ފުރަތަމަ ރިކުއެސްޓު އައީ 30 ޖޫންގައި، ދެ ވަނަ ރިކުއެސްޓު އައީ 17 ޖުލައިގައި؛ އެކަން ބަލައިދިނުމަށް އެޗުޑީސީއިން މިނިސްޓްރީއަށް ސިޓީ ފޮނުވީ 24 ޖުލައިގައި
-
ޕްލޮޓް ނަންބަރު 20821 އަށް ފުރަތަމަ ރިކުއެސްޓު އައީ 29 ޖޫންގައި، ދެ ވަނަ ރިކުއެސްޓު އައީ 17 ޖުލައިގައި؛ މިނިސްޓްރީއަށް ސިޓީ ފޮނުވީ 22 ޖުލައިގައި
-
އެ ދެ ސިޓީގެ ޖަވާބު ވެސް ލިބުނީ 15 އޮގަސްޓުގައި
ޖޫންގައި ފާހަގަވި މައްސަލަ ފުލުހަށް ރިޕޯޓެއް ނުކުރޭ
ނޫސްވެރިން ފަޒުލްއާ އެންމެ ބޮޑަށް ކުރި އެއް ސުވާލަކީ މިދިޔަ ޖުލައިގައި އެނގުނު ކަމެއްގައި މިހާ ހިސާބަށް ވެސް އެކަން ނުބެލި އޮތީ ކީއްވެގެންތޯ އެވެ. އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ އެހެން ފަރާތްތަކާ ވެސް ގުޅިގެން ކުރަން ޖެހޭ ކަންކަން ހުންނަ ކަމަށެވެ.
"މައްސަލަ އަޅާނުލާ އޮތީކީ ނޫން" ކަމަށް ވިދާޅުވެ ފަޒުލް ވިދާޅުވި ގޮތުގައި އެޗުޑީސީއަށް ހުށަހަޅަނީ ރަޖިސްޓްރީގެ ސޮފްޓް ކޮޕީ ކަމަށް ވާތީ އޭގެ އަސްލު ކަށަވަރެއްނުވެ އެވެ.
އަމިއްލަ މަސްލަހަތު ނެތްކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ މިސާލަކަށް އަމިއްލަ މަސްލަހަތު އޮތް ނަމަވެސް، ކަން ހިނގާދިޔަ ގޮތަށް ބަލާއިރު އެޗުޑީސީއިން އޮތީ އެ ކުންފުނިން އަދާކުރަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްފައި ކަމަށެވެ.
"ދަންނަވައިފިން އަދިވެސް މި ދަނީ ޕްރޮސެސް އިނީޝިއޭޓު ކުރަމުންނޭ މީގައި މައްސަލަތަކެއް އުޅޭތޯ. ޖުމްލަ މައްސަލަތަކަށް ބަލާފައޭ ކަންކަން ރިޕޯޓުކުރެވޭނީ މިވެނި ގޮތަކަށް،" ފަޒުލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަސްލަހަތާ ގުޅިފައި ހުންނަ މިފަދަ މައްސަލަތަކުގައި، ފަޒުލް ވިދާޅުވީ، ހިފަހައްޓަން ޖެހޭ މައުލޫމާތުތައް އެ ކުންފުނިން ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
މައްސަލައިގެ ފެށުން - ސޯޝަލް މީޑިއާގައި ލީކުވެފައިވާ ސިޓީތަކަށް ބަލާއިރު އެނގޭ ކަންކަން:
-
ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ފަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެ ކުންފުންޏަށް ހުށަހެޅި
-
އޭގެ ތެރެއިން އެ ބިން ލިބިފައިވަނީ ކޮން ފަރާތަކަށްކަން އެ ކުންފުންޏަށް އަންގަައިދޭން އެދުނު
-
އެ ލޮޓް ނަންބަރުން ބިން ލިބުނު ކަމަށް ބުނާ އެކަކީ، ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލްއަށް ކަން ވެސް ސިޓީން އެނގޭ
-
އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށް
-
މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ''ފޯޖް' ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކުރި
-
ޝޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ އެއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށް
-
މި މައްސަލަ ތަހުގީގުކުރަން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ގޮވާލައްވާފައި
-
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ މިރޭ އެޗުޑީސީގެ މައި އޮފީހަށް ވަދެފައި
ކޮމެންޓް (2)
ތެފައާސާ.
ކޮސް