ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ކޮމިޓީން ނިންމީ އިޒްރޭލް ޕާސްޕޯޓްގެ މައްސަލަ އަންނަ އަހަރު ފެބްރުއަރީ މަހު ނިންމަން
އިޒްރޭލް ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީގައި ނިންމުމަށް އެ ބިލު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ބިލެއް ހުށަހަޅުއްވާފައި އޮންނަތާ ފަސް މަސް ދުވަހުން ފަހުން ފުރަތަމަ ފަހަރަށް އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. މިދިޔަ ޖޫން މަހު ކުރީކޮޅު ހުށަހެޅުއްވި އެ ބިލުގެ މަސައްކަތް ފަށަން މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ތާވަލު ކުރިއިރު، އިދިކޮޅު އެމްޑީޕީ އާއި ބައެއް އާންމުން ވެސް ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ތަފްސީލު - މިއަދުގެ ބައްދަލުވުމުގައި އޮތީ، އެ ބިލުގެ ސުންގަޑި ކަނޑައެޅުމެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުޅުވާލުމުން، ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ބޭނުންވީ، މި ބިލު ރަނގަޅަށް ދިރާސާ ކުރުމަށް ދިގު މުއްދަތެއް ދިނުމަށެވެ.
"ހުށަހެޅިފައިވާ އިސްލާހުގައިވާ ކަންކަމަކީ ވަރަށް ހާއްސާސީ ކަމެއް. އެހެންވީމާ މިކަމާ ބެހޭ ގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރަން ޖެހޭ ވަރަށް ބައިވަރު މުއައްސަސާތައް ހުރިކަން ފާހަގަ ކުރެވޭ. އަދި ހަމަ އެހެންމެ މިއަދު ހުށަހެޅިގެންދާ ބަޖެޓުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ފުދޭވަރަކަށް ވަގުތު ހޭދަވާނެ ކަމަށް ފެންނާތީ އާއި 1ޑިސެމްބަރުން ފެށިގެން ދެ މަސް ދުވަހަށް ޗުއްޓީއަށް ދާން އޮތުމުން،" ބިލު ދިރާސާ ކުރުމަށް ދިގު މުއްދަތެއް ދޭން ޖެހޭކަން ފާހަގަކޮށް، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހައްނާން އަބޫބަކު ވިދާޅުވި އެވެ.
އެހެންވެ އޭނާ ކޮމިޓީއަށް ހުށަހެޅުއްވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށެވެ. އެހުށަހެޅުމަށް ތާއީދު ކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ނާޒިމް ވިދާޅުވީ:
-
އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި މި އިސްލާހަކީ "ވަރަށް ހައްސާސް އިސްލާހެއް" ކަމަށް
-
ކޮމިޓީގެ ތިބި މެންބަރުން މަދު މެންބަރުން ގޮތެއް ނިންމުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން؛ އެހެންވީމާ ފުޅާ ދާއިރާއެއްގައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރަން ޖެހޭ
"ހާއްސަ ގޮތެއްގައި އިގްތިސާދީ ގޮތުން މިކަހަލަ ދަށް، އުދަނގޫ ދަނޑިވަޅެއްގައި އަނެއްކާ ވެސް އިތުރު ކަމެއް ކުރުމަކީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
އިޒްލޭލުން ފަލަސްތީނަށް ދެމުންދާ "ނޭއްގާނީ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން"ކަން ފާހަގަކޮށް، ނާޒިމް ވަނީ އޭނާ ނިސްބަތްވާ އެމްއެންޕީ އާއި އަމިއްލަ ނަމުގައި އެ އަމަލުތައް ކުށްވެރިކުރައްވައިފަ އެވެ. އަދި އެ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، އެ މައްސަލާގައި ރައީސް މުހަމައްދު މުއިއްޒު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.
"މިކަމަކީ ސިޔަސީ ނުފޫޒެއްގެ ތެރެއިން ބަޔަކު އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ހިންގުމަށްޓަކައި ހާއްސަކޮށް ސަރުކަރަށް ނުފޫޒު ހިންގުމަށްޓަކައި އަދި ސަރުކާރު ރައްޔިތުންގެ ކުރިމަތީގައި ނިކަމަތި ކުރުމަށްޓަކައި ހުށަހެޅިފައިވާ އެއްޗެއްކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
"އެއީ މިދިޔަ ސަރުކާރުގައި ވެސް މިކަން [މަޖިލިހަށް] ހުށަހެޅި އެހެން ނަމަވެސް މި ސަރުކާރު ނިމިގެން ދިޔައިރު ވެސް އެކަން ނުކޮށް، މި ސަރުކާރުގެ ބުރައެއްގެ ގޮތުގައި މިކަން ވައްޓާލައި، ސަރުކާރު ބަދުނާމު ކުރަން މިކަން ކުރަން ހުށަހެޅުފައިވާ [ބިލެއް މިއީ]."
އަބްދުލް ހަންނާންގެ ހުށަހެޅުމަށް ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންސިމް އިބްރާހިމް ވެސް ތާއީދު ކުރެއްވި އެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، އެ ހުށަހެޅުން ފާސްވީ ކިތައް މެންބަރުންގެ ވޯޓުން ކަމެއް ރިޔާސަތުން އިއުލާނެއް ނުކުރެ އެވެ.
ވޯޓަށް ފަހު ކޮމިޓީގައި ވާހަކަ ދެއްކެވި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ:
-
މި ބިލަކީ "މުޅި ރާއްޖޭގެ އިގްތިސާދާއި މިނިވަންކަމާ އެހެން ގޮސް ގައުމަކަށް ދިމާވާނެ ހުރިހާ ކަމެއް ކުރިމަތިވާ" ބިލެއް ކަމަށް
-
އެހެންކަމުން އެ ބިލު ދިރާސާނުކޮށް ކުއްލިއަކަށް ނިންމުމަކީ ރަނގަޅު ކަމެއް ނޫންކަން ދެކެވަޑައިގަންނަވާ ކަމަށް
-
އެއްވެސް ދިވެހި ރައްޔިތަކު އެހެން މުސްލިމަކަށް އަނިޔާއެއް ލިބުމަށް ނޭދޭނެ؛ ވަކިން ހާއްސަކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން
"މިއަދު އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން ފާޑުކިޔުންތައް އަންނާނެ. ވަކިން ހާއްސަކޮށް، މިއަދުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން މިކަން ވަރަށް ބޮޑަށް ސިޔާސީ ގޮތުން ނަންގަވައިގެން ސަރުކާރަށް ފިއްތުންތައް ފިއްތުމަށްޓަކައި، އެބަ ޕްރެޝާ ކުރައްވާ،" ޝާހިދު ވިދާޅުވި އެވެ.
"ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ އެކު އަޅުގަނޑުމެން މި ތިބީ. އެ ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމެއް ވެސް އަޅުގަނޑުމެންނަށް ލިބޭ ގެއްލުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އެހެން ނަމަވެސް އަޅުގަނޑުމެން ވެސް ވިސްނާލަން ޖެހޭ އަޅުގަނޑުމެން ވެސް ގައުމެއްގެ ގޮތުގައި ކުރިއަށްދާ އިރު، ގައުުމުގެ މިފަދަ ހައްސާސް މައްސަލަތަކުގައި ހިމެނޭ، މިކަމަގައި ޝާމިލްވެގެން ތިިބި، މިކަމުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތައް އަދި ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން ހުރިހާ ޕާޓީތަކާ ވެސް މަޝްވަރާ ކުރަން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.
އެކަން އެގޮތަށް ކުރަން ޖެހެނީ ގައުމުގެ މަސްލަހަތު މިކަމުގައި ހިމެނޭތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީން މި ބިލު ހުށަހެޅި ފަހުން، ޖޫންގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތަށް އޭރު ނިންމީ ބައެއް އާންމުން މިކަމާ ގުޅިގެން އަޑުއުފުލަމުން ގެންދިޔުމުންނެވެ.
ގުޅުން ހުރި ލިޔުންތައް ކިޔާލަން
އިޒްރޭލު ޕާސްޕޯޓު މައްސަލަ ލަސްވާތީ މަޖިލީހަށް ގަރާރެއް
12 ނޮވެމްބަރު 2024
'އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ސަރުކާރުން ހެދީ ހަޖޫ ޖެހުމަކަށް'
21 އޮކްޓޯބަރު 2024
އިޒްރޭލް ޕާސްޕޯޓު މަނާކުރާ އެމްޑީޕީގެ ބިލަށް ޕީއެންސީގެ ތާއީދު
10 ޖޫން 2024
އިޒްރޭލް މީހުން އައުން މަނާކުރަން ގާނޫނަށް ބަދަލު ގެންނަނީ
2 ޖޫން 2024
ކޮމެންޓް