ނޮވެމްބަރު 15، 2023: އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލާ މާލޭގައި ބޭއްވި މުޒާހަރާއެއް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފަލަސްތީން

އިޒްރޭލް މީހުން އައުން މަނާކުރަން ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލު އާންމު ކުށްވެރިކޮށް ރާއްޖޭގައި އާންމުން އަޑުއުފުލައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރަށް ގޮވާލާތާ ވަނީ އެތައް ދުވަހެއްވެފައި

އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވުން މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލް އާންމު ކުށްވެރިކޮށް ރާއްޖޭގައި އާންމުން އަޑުއުފުލާ، އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން އަޑުއުފުލާތާ އެތައް މަހެއް ވެއްޖެ އެވެ.

ތަފްސީލް - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެއަށް އިޒްރޭލް މީހުން އައުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ނިންމިކަން އިއުލާން ކުރެއްވީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ. އޭނާ ވިދާޅުވީ އެކަމަށް ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. 

"އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމައި އެކަމަށްޓަކާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ކޮމެޓީ އެއް ވެސް ވަނީ އެކުލަވާލައިފައި،" އިހުސާން ވިދާޅުވި އެވެ. 

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން

  • އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް

  • ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

  • އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިއަދުގެ ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންތައް ދެނެގަތުމަށް ރައީސްގެ ފަރާތުން ހާއްސަ އެންވޯއީއެއް ކަނޑައެޅުމަށް ވެސް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ނިންމި ކަމަށެވެ.

މީގެ އިތުރުން:

  • ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް ރާއްޖޭގައި ފަންޑު ރެއިޒިން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމި

  • ފަލަސްތީނާއެކު ދިވެހިންގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ނިންމި

  • ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ވެސް ނިންމި

އިހުސާން ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ އާންމުންގެ ގިނަ ބަޔަކު ވެސް އެކި ހާލަތްތަކުގައިި ރައީސް އާ ހިއްސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދެންނެވި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން،" އިހުސާން ވިދާޅުވި އެވެ.

'އެމްޑީޕީން ހުށަހެޅި އިސްލާހަށް ތާއީދުކުރަން ޖެހިދާނެ'

އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ގާނޫނީ ބަދަލުތައް ގެންނަން ނިންމިއިރު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. 

އެ ބިލާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އިހުސާން ވިދާޅުވީ އެއާގުޅޭ ގޮތުން އެއްޗެއް ދެންނެވޭނީ ބިލު ދިރާސާ ކުރުމަށް ފަހު ކަމަށާއި ފަހަރުގައި އެ ބިލުގައި އޮތީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވެސް ވެދާނެ ކަމަށެވެ.

ސީދާ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސްގެ ގަރާރެއް އާންމު ނުކުރައްވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ހުރިގޮތުން އެޓާނީ ޖެނެރަލް ވެސް ލަފާ އަރުވަނީ ގާނޫނުން އެކަން މަނާކުރަން ކަމަށެވެ.

"ބައިނަލްއަގުވާމީ ގޮތުން ވެސް އެބަހުރި ސީދާ ވަކިވަކި ގައުމުތަކުގެ ނަންތައް ކަނޑައަޅާފައި ގާނޫނުގައި މިގޮތަށް މާނަކޮށް ރެސްޓްރިކްޝަންތައް އަޅަން ވެސް ބާރު އަޅާފައި. ގާނޫނީ ގޮތުން މިކަން ކުރެވޭނެ އެންމެ އަވަސް މަގެއް މި ހޯދަނީ. އަޅުގަނޑުމެން މި ބަލަނީ ގާނޫނަކުން ކަމަށް ކަނޑައެޅޭނީ ރާއްޖެ އަށް އެތެރެވުން މަނާކުރެވޭނީ." އިހުސާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް