އެމްޑީޕީގެ މަޖިލިސް މެންބަރުން ޓީވީ ޗެނަލަކާ ވާހަކަ ދައްކަވަނީ: އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިޒްރޭލު ޕާސްޕޯޓު މަނާނުކޮށް ސަރުކާރުން ބަޔާންތައް ނެރެނީ ރައްޔިތުންނަށް ހަޖޫ ޖަހަން: އެމްޑީޕީ

އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ޕީއެންސީން އިލްތިމާސްކޮށް ބަޔާން ނެރުމަށް ފަހު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގައި މައްސަލަ ލަސްކުރުން އެމްޑީޕީގެ މަޖިލިސް މެންބަރުން ސިފަކުރެއްވީ ރައްޔިތުންނަށް ކުރާ މަލާމާތެއްގެ ގޮތުގައި
21 އޮކްޓޯބަރު 2024

އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ޕީއެންސީން އިލްތިމާސްކޮށް ބަޔާން ނެރުމަށް ފަހު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގައި މައްސަލަ ލަސްކުރުން އެއީ ރައްޔިތުންނަށް ކުރާ މަލާމާތެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ސިފަކުރައްވައިފި އެވެ.

ވީކިހިނެއް؟ - އެމްޑީޕީއަށް ނިސްބަތްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ކޮމިޓީގައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ވުމުން ބިލުގެ މަސައްކަތް އަވަސްކުރުމަށް އެމްޑީޕީން މިއަދު ކުއްލި މައްސަލައެއް ހުށަހެޅި އެވެ.

ތަފްސީލް - މިއަދުގެ މަޖިލިސް ޖަލްސާއަށް ފަހު، އެމްޑީޕީގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އެ ކުއްލި މައްސަލައަށް ބަހުސްކުރުމާ މެދު ގޮތެއް ނިންމަން ވޯޓަށް ވެސް ނާހައި މައްސަލަ ރަޖިސްޓްރީނުކުރަން ރިޔާސަތުން ނިންމުމުން އެ ކަންބޮޑުވުން ފާޅުކުރެއްވުމަށެވެ. އެގޮތުން:

  •  ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

  • މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލަ ބަލައިނުގެންނެވީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ކަމަށް ކަމަށް ގަވާއިދުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާތީ ކަމަށް

އެންގުން މުހިންމު - މަޖިލީހުގެ ގަވައިދުގެ 192 ވަނަ މާއްދާގައިވާ ގޮތުން، ކުއްލި މައްސަލައަކީ، މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ވެގެން ނުވާނެ އެވެ.

ކީކޭ ބުނީ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލް ވިދާޅުވީ ބިލުގެ މަސައްކަތް އަވަސްކުރުމަށް އިލްތިމާސްކޮށް ވެރިކަންކުރާ ޕީއެންސީން ނޫސް ބަޔާނެއް ނެރުނު އިރު މަޖިލީހާއި ސަރުކާރުގެ ބާރުވެރިކަން އޮތީ އެ ޕާޓީއަށް ކަމަށެވެ.

"ޕީއެންސީން ބިލު އަވަސްކޮށްދޭން އާދޭސް ކުރާހެން އިލްތިމާސްކޮށްފައި ބަޔާނެއް ނެރުނުއިރު މަޖިލީހުގެ ރައީސަކަށް ހުންނެވީ ޕީއެންސީގެ ޗެއާޕާސަން. މަޖިލީހާއި 241 ކޮމިޓީގައި މި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ،" މީކާއީލް ވިދާޅުވި އެވެ.

ޕީއެންސީގެ އެ އަމަލަކީ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.

"ދެން ޕީއެންސީގެ ފަރާތުން އަނެއްކާ މި މައްސަލަ އަވަސްކުރަން ރައްޔިތުންގެ މަޖިލީހަށް ދަންނަވާ ހިސާބަށް ދިއުމަކީ، އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއްހެން. ރައްޔިތުންނަށް ހަޖޫ ޖެހުން ހުއްޓާލައި ބިލު އަވަސްކުރަން އެދެން،" އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އިޝާރާތް ކުރެއްވީ މަޖިލީހުގައި ބިލު ލަސްކުރަން އަދި އަވަސްކުރަން ވެސް ސަރުކާރުން ނާންގާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައަށެވެ.

މައުރޫފު އެކަން ސިފަކުރެއްވީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ބިލު ލަސްކުރާ ކަމުގެ ތުހުމަތު އެޅުވުން ކަމަށެވެ. އެމްޑީޕީގެ ފަރާތުން މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅީ ވެސް އެފަދަ ބޮޑު ތުހުމަތެއް މުޅި މަޖިލީހަށް އަމާޒުވާ ގޮތަށް ކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިކަން ބޮޑު "ސިޔާސީ ކުޅިވަރަކަށް" ހަދާފައިވާކަން ފެންނަ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ހަޖޫ ޖަހައި އޮޅުވާލައި ބޮޑު ސިޔާސީ ކަމަކަށް މި ކަން ހަދައި ސަރުކާރުން ގެންދާ ގެންދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ސަރުކާރުން ބޭނުންވާ ކަންކަން އެއް ދުވަހުން ވާއިރު ކީއްކުރަންތޯ ބަޔާނެއް ނެރެންވީ؟،" މައުރޫފު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް