މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
އިޒްރޭލް އެންމެން ރާއްޖެ އައުން މަނާކުރުމުގެ ވިސްނުމެއް ނެތް: އޭޖީ
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށާއި އެހެންވެ އިޒްރޭލް އެންމެން ރާއްޖެ އައުން މަނާނުވާނެ ގޮތަށް އެ ބިލަށް އިސްލާހުތަކެއް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެންގުން މުހިންމު- ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ވީ ކިހިނެއް؟ - އެ ބިލު ހުށަހެޅި ފަހުން، ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހު ކުރަންށެވެ.
އެމްޑީޕީން ހުށަހެޅި ބިލާ ގުޅޭ ގޮތުން އުޝާމް ވާހަކަ ދެއްކެވީ، މިއަދު ބަންޑާރަނައިބު އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ސަރުކާރުން ވެސް ވިސްނީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން އެކަން ކުރަން ކަމަށެވެ. ނަމަވެސް މަޖިލިސް ގަވައިދު އޮންނަ ގޮތުން މަޖިލީހުގެ އެއް ދައުރެއް ތެރޭ، އެއް ކަމަކަށް ދެ ބިލެއް ހުށަނޭޅޭ ކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުގެ ފަރާތުން އިތުރު ބިލެއް އެ މައްސަލައިގައި ހުށަނާޅާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވާ އިސްލާހުތައް އެ ބިލަށް ގެންނާނީ،" ނަވާރަ ވަނަ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.
މިހާރު ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން އުޝާމް ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ އެހުމުން އޭނާ ވިދާޅުވީ، "އެ ބިލު މިހާރު އޮތީ އެ މައްސަލައަށް ހަލެއް ލިބޭ ގޮތަކަށް ނޫން" ކަމަށެވެ.
"އެ ބިލު އިސްލާހު ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ... ކޮމިޓީ މަރުހަލާގައި އަޅުގަނޑުމެން ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހަޅާނަން،" އުޝާމް އިތުރަށް ވިދާޅުވި އެވެ.
"ބިލް އޮތީ ނަތީޖާ ހާސިލުނުވާނެ ގޮތަކަށް."
ބިލު މިހާރު ހުށަހަޅާފައި ވަނީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރާ ގޮތަށެވެ. އެއީ:
-
ރާއްޖެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި 'އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާ'އި އިޒްރޭލް ޕާސްޕޯޓު އޮންނަ 'އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުން' ހިމެނުމަށް
ބިލު މިހާރު ހުށަހަޅާފައި އޮތް ގޮތުން އޭގެ ނަތީޖާއަކީ، އިޒްރޭލް ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން މަނާވުމެވެ.
ސަރުކާރުގެ ވިސްނުމަކީ މިހާރު އިޒްރޭލުގެ ވަކި ބަޔަކު އައުން މަނާކުރުންތޯ، މިކަމުގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވީތޯ 'ދައުރު'ން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ ސަރުކާރުގެ ސްޓޭންޑް ބަދަލުނުވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވި ވާހަކައަކީ، ބައެއް ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ، މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލް ޕާސްޕޯޓު ހޯލްޑް ކުރާ ފަލަސްތީނުގެ ބައިވަރު ރައްޔިތުން ވެސް އެބަ ތިބި، މިލިއަނުން ގުނާލެވޭ. އެހެންވީމަ ބްލޭންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފި ނަމަ، ކިހިނެއްތޯ ވާނީ،" އެއީ ކުޑަކޮށް ވިސްނާލަން ޖެހޭ ކަންކަން ކަމަށް ފާހަގަކޮށް، އުޝާމް ސުވާލު އުފެއްދެވި އެވެ.
"އެހެންވީމަ، އެކަންކަމާ މެދު ވިސްނުމަށް ފަހު، އަޅުގަނޑުމެން މީގެ އެންމެ ރަނގަޅު ހައްލެއް ހޯދާނަން."
އުޝާމް ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު އޮންނަ ހުރިހާ ގައުމެއްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ގޮތަަށް ހަދައިފި ނަމަ، "އެކަމުގައި އިތުރު ކޮޕްލިކޭޝަންތަކެއް" ނުވަތަ އުނދަގޫތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ރާއްޖެ ބައިވެރިވެފައިވާ ބައެއް މުއާހަދާތަކުން ޑިޕްލޮމެޓުންނަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ބަޔަކަށް ވާއިރު، މިހާރު ބިލު އޮތް ގޮތުން އިސްތިސްނާއެއް ނެތި އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރުމުން މިކަމުގައި އުޝާމް ދެކެވަޑައިގަންނަވާ ގޮތާ ގުޅޭ ގޮތުން ވެސް ނޫސްވެރިޔަކު ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކޮށްފި ނަމަ، "އެކަމުގައި އިތުރު ކޮމްޕްލިކޭޝަންތަކެއް އަައުމުގެ ފުރުސަތު އެބަ އޮތް" ކަމަށެވެ. އަދި އެކަމުގައި ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"ތި ވިދާޅުވި ގޮތަށް، ބައެއް ކަހަލަ ކޮމްޕްލިކޭޝަންތައް އައުމުގެ ފުރުސަތު އެބަ އޮތް ހުށަހަޅާފައި އޮތް ގޮތަށް އޭތި ފާސްކޮށްފިކަމަށް ވަނީ ނަމަ،" އުޝާމް ވިދާޅުވި އެވެ.
އެ ބިލަށް ހުށަހަޅާނެ ސީދާ އިސްލާހެއް އުޝާމް ވިދާޅެއް ނުވެ އެވެ.
ކެބިނެޓުން މިކަމުގައި ނިންމީ ކިހިނެއްތޯ އެހުމުން އުޝާމް ވިދާޅުވީ އިޒްރޭލް ވަކިވަކި ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ނުނިންމާ ކަމަށެވެ.