ޕީއެންސީ ޕީޖީގެ ނުސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް އިދިކޮޅުން ހުށަހެޅި ބިލަށް ޕީއެންސީގެ ތާއީދު

ޕީއެންސީގެ ޕީޖީ ލީޑަރު ހުށަހަޅުއްވީ އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް

ރާއްޖެެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ތާއިދުކޮށްފި އެވެ.

ވީ ކިހިނެއް؟ -  ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިދިޔަ މަހުގެ ފަހުކޮޅު އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފަށާފަ އެވެ.

އެ ބަހުސްގެ ތެރެއިން އެ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާއިގެ މެންބަރު އިބްރާހިމް ފަލާހެވެެ.

ބުނީ ކީކޭ؟ - "ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަރަށް މުހިންމު ބިލެއް،" ބަހުސްގައި ވާހަކަ ދައްކަވަން ފައްޓަވަމުން ފަލާހު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - އެމްޑީޕީން ހުށަހަޅައި އެ ބިލަށް ތާއީދު ކުރެއްވި ނަމަވެސް، ފަލާހު ވަނީ އެ ޕާޓީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން، ފަލާހު ވިދާޅުވީ:

  • ފަލަސްތީނަށް އިޒްރޭލުން ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޯބަރުގައި؛ އޭރު ވެރިކަމުގައި އޮތީ އެމްޑީޕީ

  • އެމްޑީޕީގެ ވެރިކަމުގައި މި ފިޔަވަޅު ނޭޅީ ކީއްވެގެން ކަމާ މެދު ސުވާލު އުފެއްދެވި

  • މި މައްސަލަ ސިޔާސީ ކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، މިކަން ސިޔާސީ ކޮށްފި ނަމަ، އޭގެން ބޭނުންވާ ނަތީޖާ ނުނުކުންނާނެ ކަމަށް

ފަލާހު ހުށަހެޅުއްވީ، އެ ބިލު ދިރާސާކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށެވެ. އަދި އެ ހުށަހެޅުމަށް ބަހުސް ތެރެއިން، މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ތާއީދު ކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ އެދިވަޑައިގަތުމަކީ، ކޮމިޓީގެ މަރުހަލާގައި ހުރިހާ ނަޒަރިއްޔާއަކުން ވިސްނުމަށް ފަހު، މިކަމުގައި ގޮތެއް ނިންމުން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން ނިންމާ ނިންމުމަކީ، ޖުމްލަ ގޮތެއްގައި [ނުވަތަ] ޖަމްއު ގޮތެއްގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ރައްކާތެރިކަމާއި އިގްތިސާދީ ގޮތުން ވެސް އަޅުގަނޑުމެންނަށް ގެއްލުން ނުވާނެ ގޮަތަކަށް މިކަންކަން ނިންމުން،" ނާޒިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީން ހުށަހެޅި ބިލަށް ޕީއެންސީން މިއަދު ތާއީދުކޮށްފައި ވާއިރު، އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން މި މަހުގެ 2ގައި ނިންމާފައިވެ އެވެ. އަދި 19 ވަނަ މަޖިލީހުގެ ފަހު ދުވަސްކޮޅު ގަރާރަކުން ވަނީ އިޒްރޭލް މީހުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް