ރައީސް އަބްދުﷲ ޔާމީން އަދި ގައްސާން
ޔާމީން އެންމެ ދެރަވީ ގައްސާން ދުރަށް ޖެހިވަޑައިގަތުމުން
އެމަނިކުފާނާ ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ގަބޫލުކުރައްވަން ދަތިވީ، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ދުރަށް ވަޑައިގަތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިގޮތަށް ވިދާޅުވީ މިއަދު ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީނަށް އަމާޒުކުރި ސުވާލަކީ، އެމަނިކުފާނާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ޝޮކެއް ލިބިވަޑައިގަތީ ކޮން ބޭފުޅެއްގެ ސަބަބުންތޯ އެވެ.
ތަފްސީލު - ރައީސް މުހައްމަދު މުއިއްޒުއާ މައްސަލަ ޖެހިގެން ޔާމީން ޕީޕީއެމްއިން ވަކިވެޑައިގެން މިހާރު ސިޔާސީ މަސައްކަތް ކުރައްވަނީ އަމިއްލައަށް އުފެއްދެވި ޕީއެންއެފް ޕާޓީގަ އެވެ. ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް މިހާރު ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން ހެދި ގޯސްތަކުގެ ވާހަކަ ދެއްކެވި ސިޔާސީ ލީޑަރުން ކަމަށެވެ. ގެއްލުނު ކަމަށް ބުނާ "ކަނޑުގެ ސަރަހައްދު ހޯދުމާއި އިންޑިއާ އަސްކަރިއްޔާ ބާލަނަމޭ" އޭރު އެމަނިކުފާނަށް ވުރެ ބާރަށް ގޮވީ އެ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ މިހާރު "އެ ބޭފުޅުން ގޯސް ހެއްދެވީމަ، ބަލައިގަންނަން އުނދަގޫ" ކަމަށެވެ.
"އޭގެ ތެރެއިން ވެސް އަޅުގަނޑަށް ތަންކޮޅެއް ދަތިވޭ، އެންމެ ބޮޑަށް ދަތިވާ ބޭފުޅުންގެ ތެރޭގައި އެއް ބޭފުޅަކު ދެ ބޭފުޅަކު ނަގަންޏާ، އަޅުގަނޑާ ވަރަށް ކައިރީގައި ގައްސާން މައުމޫން ހުންނެވީ. އަޅުގަނޑަށް ގަބޫލެއްނުކުރެވޭ [ގައްސާން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގަތުން]،" ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ގައްސާންއާ ގުޅޭ ގޮތުން ޔާމީން ވިދާޅުވި އެވެ.
"ގައްސާން މައުމޫންގެ ބައްޕާފުޅު [ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް]އަކީ، ގައުމަށް ނުލާހިކު ހިދުމަތްތެރި ބޭފުޅެއް. ގައްސާން މައުމޫން ވަޒީފާއެއް ނުލިބިގެން، އާމްދަނީ ނުލިބިގެން [މި ސަރުކާރުގެ މިނިސްޓަރުކަމަށް] ދާކަށް ނުޖެހޭ."
ޔާމީން ވިދާޅުވި ގޮތުގައި ގައްސާން ހުންނެވީ 'ކޮމްޕްރޮމައިޒް'ވެފަ އެވެ.
"އޭނާ [ގައްސާން]ގެ ކެރެކްޓާގައި، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކޮމްޕްރޮމައިޒްވެގެން ހުރެގެން ހިދުމަތް ކުރައްވަން [މި ސަރުކާރުގައި] ހުންނަވާކަށް ނުޖެހޭ. އެހެންވެ އެއީ އަޅުގަނޑަށް އުނދަގޫ ގަބޫލުކުރަން،" ޔާމީން ވިދާޅުވި އެވެ.
އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެކުގައި މަސައްކަތްކުރާ ކޮންމެ މީހަކު ދުރަށް ދިޔަ ނަމަވެސް 'ކޮންމެވެސް ވަރަކަށް ދެރަވާނެ' ކަމަށާއި ނަމަވެސް އެއީ 'ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ނޫން' ކަމަށެވެ.
"ސިޔާސީ ލީޑަރަކަށް، ރައީސްއަކަށް އަންނަ މީހާ ނުވަތަ ޕާޓީގެ އިސް މީހަކަށް ހުންނަ މީހަކީ، ކަންކަމަށް އެޓެންޑްކުރެވޭ ވަރުގެ ގާބިލުކަން ހުރި މީހެއް ނަމަ އިންސާނުން ބިލްޑް ކުރުމަކީ، އުނދަގޫ ކަމަށް ނޫން ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
މައުމޫން ހައްޔަރުކުރުން: 'ވިދާޅުވީ ފޯނު ވެސް ނެތް ކަމަށް'
ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން، 1 ފެބްރުއަރީ 2018ގައި ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރުމުން، އެކަމާ ގުޅޭ ގޮތުން ވެސް، ހުށައެޅުންތެރިޔާ އާމިރު ސަލީމް ސުވާލުކުރި އެވެ.
"ރައީސް މައުމޫން ޖަލަށް ދިޔައީ އަޅުގަނޑާ ހަމައަކުން ނޫން،" ޔާމީންގެ ޖަވާބު ފެށީ އެ ހިސާބުންނެވެ.
އޭރު ޖަލުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަންކުރަން ނެރުނު އެ އަމުރާ ގުޅިގެން އެ ފަނޑިޔާރުންނަށް ރިޝްވަތުގެ ތުހުމަތު އަމާޒުވި ކަމުގެ ވާހަކަ ޔާމީން މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އެގޮތުން ވިދާޅުވީ:
-
އެ އަމުރު ނެރުމަށްޓަކައި ހުޅުމާލެ އާއި މެލޭޝިއާއިން ދެ ފަނޑިޔާރުންނަށް ފްލެޓް ދިން؛ މިކަމުގެ ބައެއް ތަފްސީލުތައް އޭރު ފުލުހުންގެ ފަރާތުން ވެސް ހާމަކޮށްފައިވާނެ
-
މި ތުހުމަތުތަކާ ގުޅިގެން އޭރު ތަހުގީގަށް ހޯދި އޭރު ދިއްގަރު ދާއިރާގެ މެންބަރު އަދި މައުމޫންގެ ދަރިކަލުން ފާރިޝްގެ ލެޕްޓޮޕުން އެ މުއާމަލާތްތަކާ ގުޅޭ މައުލޫމާތުތަކެއް ލިބުނު
-
އެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ، ދުވަހުން ދުވަހަށް އަޅުގަނޑު އޭގައިވާ ކަންކަން އެނގި، ލަފާ ދީގެނެއް ނޫން
-
ފާރިޝްގެ ލެޕްޓޮޕުން ފެނުނު މައުލޫމާތުތަކާ ގުޅިގެން މައުމޫންއާ ސުވާލު ކުރުމަށް ނިންމީ ފުލުހުން
"ފުލުހުން އަޅުގަނޑު ކައިރީ އެދުނީ، ރައީސް މައުމޫން ތަހުގީގަށް ޕޮލިސްއަށް ހާޒިރުކުރަން. އަޅުގަނޑު ބުނިން އުހޫ، ހާޒިރުކޮށްގެން ނުވާނޭ. ރައީސް މައުމޫންގެ އަރިހަށް ކަލޭމެން ދާށޭ ރައީސް މައުމޫނަށް ފަސޭހަފުޅު ވަގުތެއްގައި. އެއްގޮތަކަށް ވެސް ރައީސް މައުމޫން ޕޮލިހަށް ހާޒިރުކޮށްގެން ނުވާނޭ،" ޔާމީން ވިދާޅުވި އެވެ.
"ހަމަ ރީތިކޮށް ގޮސް [މައުމޫނަށް] ދަންނަވާށޭ، ތިމަންނަމެންގެ އިޖުރާއަތު އޮންނަ ގޮތުން ވެއްޖިއްޔާ ރައީސް މައުމޫންގެ ފޯނާއި ރައީސް މައުމޫންގެ ޓެބް، ރައީސް މައުމޫން ދެއްވަން ޖެހެޔޭ މިކަހަލަ ތުހުމަތުތަކެއް ހުރީމައޭ."
އޭގެ ފަހުން ފުލުހުން އެ އެއްޗެހި ދޭން މައުމޫންގެ ކިބައިން އެދުނު ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރިކުއެސްޓް ކުރީމަ، ރައީސް މައުމޫން ވިދާޅުވި ކަމަށް އަޅުގަނޑަށް އެނގިފައި އޮތި، ތިމަންނަ މިއީ ފޯނު ގެންގުޅޭ މީހެއް ވެސް ނޫނޭ. ތިމަންނަ އަތުގައި ޓެބެއް ވެސް ނޯވެއޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ހިސާބުން މައުމޫން ހައްޔަރުކޮށް، ގެ ބަލާ ފާސްކުރުމުގެ އަމުރު ހޯދަން ނިންމައި، ފުލުހުން ކޯޓަށް ދިޔައީ އެ މުއައްސަސާގައި އޮންނަ އިޖުރާއަތްތަކުގެ ދަށުން ކަމަށެވެ.
ޔާމީން މިއަދު ދެއްވި އިންޓަވިއުއާ ގުޅޭ ބައެއް ލިޔުންތައް
ހުވަޔާ އެއްގޮތަށް ކޮން ބައެއް؟ ޔާމީން ފިޔަވައި އެންމެން
7 ނޮވެމްބަރު 2024
ހައްޖަށް ދިއުމާ ހަމައަށް ކޮރަޕްޝަނުގެ ހިލަމެއް ނުވޭ: ޔާމީން
7 ނޮވެމްބަރު 2024
ރައީސް މުއިއްޒަށް ތާއީދުކުރެވުނީތީ އެކަމާ ހިތާމަކުރަން: ޔާމީން
7 ނޮވެމްބަރު 2024
އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނަން: ޔާމީން
7 ނޮވެމްބަރު 2024
ކޮމެންޓް