ޖަލްސާއެއްގައި ޔާމީން ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
ހައްޖަށް ދިއުމާ ހަމައަށް އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ހިލަމެއް އަޅުގަނޑަކަށް ނުވޭ: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ މަނިކުފާނު ދަތުރުކުރެއްވި ލޯންޗު ގޮއްވާލުމުގެ ކުރިއަށް އަނބިކަނބަލުން ފާތިމަތު އަހުމަދާ އެކު އޭރު ކުރެއްވި ހައްޖު ދަތުރާ ހަމައަށް އެ ސަރުކާރުގައި ހިނގަމުން ދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނުގެ އެއްވެސް "ހިލަމެއް" އެ މަނިކުފާނަށް ނުވާ ކަމަށް ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - 'ރާއްޖެ ޓީވީ'ގެ ޕްރޮގްރާމެއްގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެން ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގެ ވާހަކަ ދައްކަވައިފަ އެވެ.
ކީކޭ ބުނީ؟ - "އަޅުގަނޑަށް ކުޑަކޮށް ވެސް ނޭނގޭ، ނައިބު ރައީސަކަށް އަހުމަދު އަދީބު ހުންނަވައިގެން ޓުއަރިޒަމް މިނިސްޓްރީ ހިންގަވަމުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް މި ވަރުގެ ބޮޑު ކޮރަޕްޝަނެއް، މި ވަރުގެ ކަންތައްތަކެއް ހިންގަވާ ކަމެއް އަޅުގަނޑަށް ހަމަ ކުޑަކޮށް ވެސް ހިލަމެއް،" އެ މައްސަލާގައި ހިޔާނާތުގެ ދައުވާތައް ވެސް އުފުލާފައިވާ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ކަމެއް ގޯސްކޮށް ކަމެއް ހިނގައިގެން އުޅޭކަން ފާހަގަވާން ފެށީ ހައްޖަށް ވަޑައިގަތުމުގެ ކުރިން ބަޖެޓުގެ މައުލޫމާތު އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ގެންނެވުމުން އޭގެ ހިސާބުތައް ފެނުމުން ކަމަށެވެ.
"ޖިހާދު ބަޖެޓު ގެންނެވި އިރު ބަޖެޓުގައި އާމްދަނީއަށް ރަށްރަށް ވިއްކައިގެން މި ވަންނަ އެކުއިޒިޝަން ކޮސްޓްއަށް ވަރަށް ކުޑަކުޑަ އެއްޗެއް ޖަހާފައި އޮތީ. އޭރު ވަރަށް ގިނަ ރަށްތައް މި ހުރީ ދޫކޮށްފައި. ފަޅުތައް ހުރީ ދޫކޮށްފައި،" ޔާމީން ވިދާޅުވި އެވެ.
ބަޖެޓުން އެ ގޮތަށް މައުލޫމާތު ފެނުމުން މީރާއިން ވެސް އެ ތަފުސީލުތައް ހޯއްދެވި ކަމަށް ޔާމީން ވިދާޅުވި އެވެ. މީރާއިން ދިން މައުލޫމާތުން އެނގުނު ގޮތުގައި، ރަށްތަކާއި ފަޅުތައް ވިއްކައިގެން ނުވަތަ ކުއްޔަށް ދޫކޮށްގެން އެ އަހަރު ލިބުނީ 10 މިލިއަން ޑޮލަރަށް ވުރެ މަދު އަދަދެއްކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު އަދީބާ ސުވާލު ކުރިން. ކީއްވެގެން ހެއްޔޭ މިހާ ދަށް އަދަދެއް މި އޮތީ؟ ބަޖެޓު މެނޭޖު ނުކުރެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ރަށްތަކެއް ވިއްކީ ބަޖެޓު ދެކޮޅު ޖައްސަން ވެގެނޭ. ރީފައިނޭންސް ނުކޮށް ބަޖެޓު މެނޭޖު ކުރަން ބޭނުންވާތީއޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ތެރޭގައި ގޯހެއް އުޅޭކަން ފާހަގަވީ ބައެއް އިރުޝާދުތަކަށް އަދީބު ދެކޮޅު ހައްދަވަން ފެއްޓެވުމުންކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި، އެ ކަންތައް ހިނގައިދިޔަ ގޮތަކީ:
-
ޔާމީން ހައްޖުން ވަޑައިގަތުމުން ޓުއަރިޒަމް މިނިސްޓަރަކު ހަމަޖައްސަވަން ޖެހޭނެ ކަމަށް އެންގެވުމުން އަދީބު ހިތްހަމަނުޖެހުންތަކެއް ހުންނެވި
-
ޓުއަރިޒަމް މިނިސްޓަރަކަށް އެމްއެމްޕީއާރުސީގެ އޭރު މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ދެއްވުމުން ޔާމީން ދެކޮޅު ހެއްދެވި؛ އެ ކަމާ ވެސް އަދީބު ހިތްހަމަނުޖެހިވަޑައިގަތް
"އަޅުގަނޑު ބުނިން ޒިޔަތަށް ނުހުރެވޭނެއޭ. ސަބަބަކީ އޮޑިޓަ ޖެނެރަލަށް ލައިފަ އެ ހުރީ ޒިޔަތުގެ ބޭބެއޭ. ޓުއަރިޒަމް މިނިސްޓަރަކަށް އެހެން ބޭފުޅެއްގެ ނަން ދޭށޭ. އަދީބަކަށް ފަސޭހަފުޅެއް ނުވި. ދެން އެ ކަމުގައި ވެސް އަދީބުގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވުނު،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ ސެމްޓެމްބަރު 2015ގަ އެވެ. އެއީ ޔާމީން ހައްޖަށް ކުރެއްވި ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގަތް ދުވަހު އެވެ. އެ ހާދިސާގައި ޔާމީންގެ އަނބިކަނބަލުންނާއި ބޮޑީގާޑެއްގެ އިތުރުން ސެކްރެޓަރީއަށް އަނިޔާތަކެއް ލިބުނެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އޭރު ތަހުގީގު ކުރަން ފެށީ، ލޯންޗު ގޮއްވާލުމުގެ ތުހުމަތުގައި އަދީބު ހައްޔަރުކޮށް އެ ތަހުގީގު ކުރަމުން ދަނިކޮށެވެ.
ފާހަގަކޮށްލެވޭ - ޔާމީނުގެ ވެރިކަން ނިމުނު ފަހުން އެ މަނިކުފާނަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ތަހުގީގުކޮށް، ދައުލަތުން ދައުވާކޮށް ޝަރީއަތްތައް ވެސް ހިންގި އެވެ. މިދިޔަ ސަރުކާރުގައި ދެ ފަހަރު މަތިން ޔާމީނަށް ހުކުމް އިއްވި އެވެ. އެ ގޮތުން:
-
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެ މަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި؛ ނަމަވެސް ސުޕްރީމް ކޯޓުން ނޮވެމްބަރު 2021ގައި ހުކުމް ބާތިލްކުރި
-
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔަނާތުގެ މައްސަލާގައ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ޑިސެމްބަރު 2022ގައި
-
ކްރިމިނަލް ކޯޓުން އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށް އެ މަނިކުފާނު މިނިވަންވީ މިދިޔަ އޭޕްރީލް މަހު
-
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް އެމަނިކުފާނަށް ދައުވާކޮށް ޝަރީއަތް ފެށި؛ ނަމަވެސް މިދިޔަ އަހަރު އޮގަސްޓުގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވޭ
ކޮމެންޓް (3)
އޮޑިތާން ކަލޭގެ
ހޮޅި އާއިލާ
ބޮޑާބެ