ކުރީގެ ރައީސް ޔާމީން މިދިޔަ އަހަރުގެ ޑިސެމްބަރުތެރޭ ގެއަށް ބަދަލުކުރިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއެކު މުއިއްޒު
ރައީސް މުއިއްޒަށް ތާއީދުކުރެވުނީތީ އެކަމާ ހިތާމަކުރަން: ޔާމީން
ރައީސް މުހައްމަދު މުއިއްޒަށް މިދިޔަ ރިޔާސީ އިންތިހާބުގައި ތާއީދުކުރެއްވެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ލީޑަރެއް ކަމަށްވާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ޔާމީން މިއަދު ވަނީ ބައިވެރިވެވަޑައިގެން އިންޓަވިއު ދެއްވާފަ އެވެ. މިއީ ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު އެ ޓީވީއަށް ދެއްވި ފުރަތަަމަ އިންޓިވިއު އެވެ.
ބުނީ ކީކޭ؟ - އެ އިންޓަވިއުގައި ރައީސް މުއިއްޒަށް ތާއީދުކުރެއްވުމުން އެކަމާ ހިތާމަ ކުރައްވަންތޯ ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ވަރަށް ބޮޑަށް އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"[މުއިއްޒަށް ތާއީދުކުރެއްވުނީމަ] އެބްސޮލިއުޓްލީ، ވަރަށް ބޮޑަށް ރިގްރެޓްކުރަން،" އެ ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުޑުވަކުން އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކި ބޭފުޅެއް މިއީ. އެއްވެސް ގޮތަކަށް އުންމީދެއް ނުކުރަން މިހާ ދޭސީކޮށް، މިހާ ގައިރު ޒިންމާދާރުކޮށް، މިހާ ރެކްލެސްކޮށް ކަންތައްތައް ހިނގައިދާނެ ކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަން."
ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މިހާރު ވެރިކަމަށް ވަޑައިގެން ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންދަނީ ވަރަށް ހިތްދަތި، ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ.
"މި ހިނގާ ހުރިހާ ކަންތައްތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ރައްޔިތުން ސާމްޕަލްއެއް ނަންގަވާ. މިވަގުތު 10 މީހުން ނެގިޔަސް، 10 މީހުންގެ ތެރެއިން 10 މީހުން ބުނާނެ ތިމަންނަމެން މިހާރު މިހިނގާ ސަރުކާރުން ކުރާ ކަންތައްތަކާއި ހިތްހަމައެއް ނުޖެހެއޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތަކުގައި އެ މަނިކުފާނު ފާޑު ވިދާޅުވަނީ މުއިއްޒަށް ނޫން ކަމަށާއި ރާއްޖޭގައި ކަން ހިނގަމުންދާ ގޮތަށް ކަމަށެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިނގި ކަންތައްތަކަށް ވެސް ފާޑު ވިދާޅުވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ކޮންމެހެން މުއިއްޒު ކުރައްވާ ކަންތައްތަކަށް ނޫން ދެއްތޯ، އަޅުގަނޑު ރާއްޖޭގައި ހިނގާ އެކި ކަންތައްތަކަށް އަޅުގަނޑު އެޑްރެސް މިކުރަނީ،" ޔާމީން ވިދާޅުވި އެވެ.
"މިހާރު މުއިއްޒު ކުރައްވާ ކަންތައްތަކަށް ކޮންމެހެން މުއިއްޒުއަށް ޕްރައިވެޓްލީ، ޕާސަނަލީ މުއިއްޒަކަށް ނޫން، ކަންތައްތައް ހިނގާ ގޮތަށް ދެއްތޯ އަޅުގަނޑު ފާޑު މިކިޔަނީ."
ޔާމީން ވިދާޅުވީ މިސަރުކާރުގައި އެ މަނިކުފާނަށް އެންމެ ބޮޑު ދެ މައްސަލަ އަކީ:
-
އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ނިމުމަކަށް ނުގެނައުން
-
ޗާގޯސް އިން ގެއްލުނު ކަނޑުގެ ސަރަހައްދާއި ފޯޅަވަހި ހޯދަން މަސައްކަތް ނުކުރުން؛ އެ ތަނުގައި ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމް ފަށައިފި ނަމަ، ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ގެއްލޭނެ
"އެ ތަނުގެ މެރިޓައިމް ހެބިޓެޓަކީ ދިވެހިރާއްޖެއަށް ވުރެ މާ އަންޓަޗްޑް ތަނެއް. އެހެންވީމަ އެ ތަނުގައި ހުރި ކޮރަލް ގާޑެންތަކާއި ހުރިހާ އެއްޗެއް ގުދުރަތީ ރިސޯސްތައް އެތަނުގައި މާ ވަރުގަދަ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ޔާމީން ތާއީދުކުރެއްވީ އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމް-ޕީއެންސީ ލީޑަޝިޕަށް އެންގެވުމުން ސެނެޓުން އެކަމާ ދެކޮޅު ހަދައި ސެނެޓުގެ ވޯޓުން މުއިއްޒަށް ރިޔާސީ އިންތިހާބުގެ ޓިކެޓް ދިނުމުންނެވެ.
ކޮމެންޓް (2)
މިރާސް
މަހުވޭ