1 ފެބްރުއަރީ 2018ގެ ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ ދެ މަސް ފަހުން އޮތް ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާއަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ (ފައިލް ފޮޓޯ/މިހާރު)

ހުވަޔާ އެއްގޮތަށް އުޅެންވީ ކޮން ބައެއް؟ ޔާމީން ފިޔަވައި އެންމެން

ކުރީގެ ރައީސް އަބްދުﷲ ޔާމީން 'ރާއްޖެ ޓީވީ'އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ބައެއް ވާހަކަތަކުން އެނގުނީ ލިބިވަޑައިގަންނަވާ ގާނޫނީ މުހިންމު ލަފާތަކަށް އިހުތިރާމްނުކުރައްވާކަން
7 ނޮވެމްބަރު 2024
4

ސިފައިންގެ މައި މަރުކަޒަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި އިރު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ރައީސް އޮފީހުގައި ގާނޫނާ ގުޅޭ ކަންކަމާ މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވެސް ހުންނެވި އެވެ.

ޔާމީން އެއްސެވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ޖެހޭނެތޯ އެވެ. އެ ހުރިހާ ބޭފުޅުންގެ ވެސް ގާނޫނީ ލަފަޔަކީ އެއީ ކުރަން ޖެހޭނެ ކަމެއް ކަމެވެ.

ނަމަވެސް ޔާމީން ވިދާޅުވީ 'އަޅުގަނޑުގެ ވިސްނުން ތަފާތު' ކަމަށެވެ. އެ ތަފާތު ވިސްނެވުމުގެ ނަތީޖާއަކީ ކޮބައިކަން 1 ފެބްރުއަރީ 2018ގެ ފަހުން ދެން ހިނގައިދިޔަ ކަންކަމުން އެނގެން އެ އޮތީ އެވެ.

އަނެއްކާވެސް 1 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރުގެ ވާހަކަ މި ތިލަވީ މިއަދު ހެނދުނު 'ރާއްޖެ ޓީވީ'ގެ 'ފަށާއިރު' ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ އެކުގަ އެވެ. އާމިރު ސަލީމް ހުށައަޅާ މި ޕްރޮގްރާމްގައި ޔާމީންގެ ވެރިކަމުގެ އެންމެ ބޮޑު އެއް މައްސަލަގަނޑުގެ ވާހަކަތަކާ ހަމައަށް ވަޑައިގަތީ 'އަޅުގަނޑަށް މީހުން ދަހެއް ނުވެއޭ' ވިދާޅުވެފައި ވާތީ އޭގެ މާނައަކީ ކޮބައިތޯ ސުވާލުކުރުމުންނެވެ.

ޔާމީންގެ ތަފުސީލީ ޖަވާބުތައް އައި ގޮތުން ބައެއް މީހުންނަށް ނެގޭނެ މާނައަކީ ވަކި ޒިންމާތަކަކާ ހަވާލުވާ މީހުން ކުރާ ހުވަޔަށް ތަބާއަނުވާތީ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ފެނުނު ހަގީގަތްތަކަށް ބަލާ ނަމަ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ހުވާ އޮތީ ކޮން ތާކުތޯ ސުވާލު އުފެދެ އެވެ. ނުވަތަ އޭރު ސިޔާސީ އިދިކޮޅު ލީޑަރުންނާއި މުޒާހަރާ ކުރި ބައެއް މީހުންނާ ދެކޮޅަށް ކޯޓުތަކުން ކުރި ހުކުމްތަކަށް ރައީސްގެ ފަރާތްޕުޅުން ސީދާކޮށާއި ނުސީދާކޮށް ފޯރުވީ ކޮން ކަހަލަ ނުފޫޒުތަކެއްތޯ ވެސް، މާޒީގެ ސަފުހާތަކަށް ވިސްނާލާފައި، ސުވާލު ކުރެވިދާނެ އެވެ.

ޔަމީން މިހާރު ބާއްވަމުން ގެންދަވާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޔާމީން އާއި އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބު އެންގެވިހާ ކަމެއް ރާއްޖޭގެ ކޯޓުތަކުން ފުރިހަމަކުރަމުން އައިކަން، އެ ހަނދާންތައް އާކުރަން ބޭނުންނުވާ މީހުންގެ ބޯމަތިން ދުއްވާލިޔަސް، އެ ދުވަހު ވެސް އާންމުންނާ ހަމައަށް ކަންކަން ގެނެސްދޭން ތިބި އެތައް ބައެއްގެ ސިކުނޑީގައި އޮތީ 'ތާޒާކޮށެ'ވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމްކުރި ގޮތާއި އެ ހުކުމް އަވަސްކުރަން ކޯޓުތަކުން ކުރި މަސައްކަތާއި ޝަރީއަތް ދިޔަ ގޮތެވެ. ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އެވެ. ފަހުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރުމެވެ. ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި، 1 ފެބްރުއަރީގެ އަމުރު ނެރުނު ފަނޑިޔާރުން، އޭގެ ކުރިން ނިންމި ނިންމުމަކުން 'ގެއްލުނު' ގޮތެވެ. ދެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލި ހަމީދު ހައްޔަރުކުރަން ސިފައިން ބޭނުންކުރިކުރުމެވެ.

ޔާމީންގެ ވެރިކަމަށްޓަކައި ސުޕްރީމް ކޯޓުން ކުރި ގާނޫނުއަސާސީއާ ހިލާފު ނިންމުންތައް އެމަނިކުފާނަށް އެންމެ ރަނގަޅެވެ. ގާނޫނުއަސާސީއާ ހިލާފު ނިންމުމަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން ވަކިވާނެކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ޝަރުތުތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް އިތުރުކޮށްގެން ނެރުނު ހުކުމެވެ. އެ ފަނޑިޔާރުން ލައްވާ އެކަން ކުރުވީ ކޮން ބޭފުޅެއްތޯ އެވެ؟ އަޑީގައި ހުންނެވީ ރައީސް ޔަމީން ނޫން އެހެން ބޭފުޅެއް ނޫނެވެ.

މީހުން ދަސްނުވާ ކަމަށް ވިދާޅުވީ އަދީބަކަށް ނޫން، ފަނޑިޔާރުންނަށް

ޔާމީންގެ ވެރިކަމަށް ފަހު ބައެއް ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ 'އަދިވެސް މީހުން ދަސްނުވާ' ކަމަށް ވިދާޅުވެފަ އެވެ. އެގޮތަށް ވިދާޅުވީ އަދީބަށް ނިސްބަތްކޮށް ކަމަށް ގިނަ މީހުންނަށް ހީވާހީވުން ގޯސް ކަމަށް 'ފަށާއިރު'ގައި ޔާމީން ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ އެ ވާހަކަ އަސްލު އިޝާރަތްކުރެއްވީ 1 ފެބްރުއަރީގެ އަމުރު ނެރުނު ފަނޑިޔާރުންނަށެވެ.

"މާތްﷲ ގަންދީ ހުވާކޮށްގެން ހުވާގެ މަތީގައި މުއައްސަސާތަކާ ހަވާލުވެގެން މުއައްސަސާތަކުގެ ޒިންމާތައް އަދާކުރަން ތިބޭ މީހުން. މިސާލަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބޮޑަށް ރިފާކުރީ،" ޔާމީން ވިދާޅުވި އެވެ. 

1 ފެބްރުއަރީ 2018ގެ ހުކުމާ ގުޅިގެން ހައްޔަރުކުރި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޝަަރީއަތަކަށް ފަހު ދޫނިދުއަށް ގެންދަނީ (ފައިލް ފޮޓޯ/މިހާރު)

އެމަނިކުފާނުގެ ބައެއް ވާހަކަފުޅުތައް ރަނގަޅެވެ. މިސާލަކަށް އެ އަމުރު ނެރުނީ މީހަކު އެފަދަ ކަމަކަށް އެދިގެންނެއް ނޫނެވެ. ހަމަ ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި، ކޯޓުގެ ވެބްސައިޓްގައި ޝާއިއުކުރީ އެވެ. އެ އަމުރު ތަންފީޒުކުރަން  ޖެހޭ އިދާރާތަކަށް ފޮނުއްވީ އެވެ. އެ ވަގުތު ޔާމީން ހުންނެވީ އާރަށުގައި ފުޓްބޯޅަ ކުޅުއްވާށެވެ. 'ވަރަށް ނުުބައި އަމުރެއް ސުޕްރީމް ކޯޓުން ނެރެނިއްޔޭ ނުވަތަ ނެރެފިޔޭ' ވިދާޅުވެ ޔާމީނަށް ފޯނުން އެކަން އެންގެވީ ރައްޔިތުން މަޖިލިހުގެ މިހާރުގެ ރައީސް އަދި ޔާމީނަށް އެންމެ ބޮޑަށް މިހާރު ފާޑުވިދާޅުވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ އެވެ.

ކުޅުން ހުއްޓާލައްވާފައި މާލެ ވަޑައިގަތެވެ. އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޯނުކުރައްވާ ވިދާޅުވީ ބަންޑާރަ ކޮއްޓަށް ވަޑައިގަތުމަށެވެ.

"ވިދާޅުވީ ރައީސްއޭ އަމުރެއް ނުކުމެގެންނޭ މި އުޅެނީ. ރައީސް އައިސްދޭންވީ ނޫންހޭ ބަންޑާރަ ކޮއްޓަށް. އަޅުގަނޑު އެހީ ކީއްކުރަންހޭ ބަންޑާރަ ކޮށްޓަށް. ދެން އަޅުގަނޑަށް ދެއްވި އެކްސްޕްލެނޭޝަނަކީ މިތާ ޗީފް އާއި ވައިސް ޗީފް ވެސް އެބަ ތިއްބޭ، ވިދާޅުވިއޭ ރައީސްއަށް ސެކިއުރިޓީ ދޭން. އަޅުގަނޑު ދެންނެވިން އަޅުގަނޑު ގޭގައި ހުރެގެން ސެކިއުރިޓީ ނުދެވޭ ވަރުގެ ކަމެއް ދިމާވީ ހެއްޔޭ. ދެން ބުނެފި ވަރަށް ހާލަތު ގޯސްކޮށް ކަމަށޭ ތިމަންނަމެންނަށް ގަބޫލުކުރެވެނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވަޑައިގެންނެވި އިރު ގަނޫނީ ގޮތުން ލަފާ ދެއްވުމުގެ އެންމެ އިސް ބޭފުޅުން ކަމަށްވާ އަނިލް އާއި އާޒިމާ ތިއްބެވި އެވެ. ޕްރޮސެކިއުޓަ ޖެނެރަލްއަކީ މިނިވަން ބޭފުޅަކަށް ވާތީ ބިޝާމް އެވަގުތު އެތަނުގައި އިންނެވުމާ މެދު ސުވާލު އުފެއްދިދާނެ އެވެ. އެކަމަކު އޭނާ ވެސް އިންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ހުރިހާ ބޭފުޅުން ވިދާޅުވީ އެއީ ސުޕްރީމް ކޯޓުގެ އަމުރެކޭ، ތަންފީޒުކުރަން ޖެހޭނެއޭ،" އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އަނިލް އަރިހު [އެހިން] ތަންފީޒުކުރަން ޖެހޭ އަމުރެއް ހެއްޔޭ. އަނިލް ވިދާޅުވީ އާއެނކޭ. ސުޕްރީމް ކޯޓުގެ އަމުރެއް ވީމާ ތަންފީޒުކުރަން ޖެހޭނެއޭ. އެއީ އެ ބޭފުޅުންގެ  ރައުޔު. ދެން އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ވިސްނުން ތަފާތޭ، ތިއީ ގާނޫނާ އެއްގޮތަށް ނެރެފައި އޮތް އަމުރެއް ނޫނޭ."

1 ފެބްރުއަރީ 2018ގެ އަމުރު ނެރުނު އޮތް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ އެކު އޭރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް (ވާތް ފަރާތުގައި) ޖަލްސާއެއްގައި (ފައިލް ފޮޓޯ/މިހާރު)

ދައުލަތާއި ސަރުކާރަށް ގާނޫނީ ލަފާ ދެއްވުމުގެ އިސް ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ބަންޑާރަނައިބުގެ ލަފާ ޔާމީނަށް ގަބޫލުނުކުރެއްވުނު އެއް ސަބަބަކީ، އެ އަމުރުގައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުބެލޭނެ ކަމަށް ކަނޑައަޅާފައި އޮތް އޮތުމެވެ.

"ދެން އޭގައި ހުރި ގާނޫނުއަސާސީއާ ހިލާފު ކަންކަން. އެ ހިސާބުން ތަންފީޒުނުކުރީ.  އެއީ [އަޅުގަނޑަށް] މީހުން ނޭނގޭ ކަމަށް ދެންނެވި ސަބަބަކީ،" ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ގޮންޖައްސަވާފައި ޔާމީން އިއުލާންކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އެއްބަފާ ބޭބޭފުޅު މައުމޫނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވެސް ހައްޔަރުކުރި އެވެ.

މަތިން އެ ފޯރުވާ ނުފޫޒު ހަނދާން ނައްތާލާކަށް ނުވާނެ

ރައީސުލްޖުމްހޫރިއްޔާގެ ހުވަޔަކީ ގާނޫނުއަސާސީގައި އޮތް އެންމެ ބޮޑު ހުވަ އެވެ. މާތްﷲ ގަންދީ ކުރައްވާ އެ ހުވާގައި ރާއްޖޭގެ ގާނޫނުއަސާސީ ނެގެހެއްޓުމުގެ ޒިންމާ އޮވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެ އަމުރުގައި އޭރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ދިވެހިންގެ އަސާސީ އެތައް ހައްގަކަށް ފަނޑިޔާރުން ވިސްނާފައި އޮތް ކަމަށް ބަޔާންކުރި އެވެ. އޭގެ މާނައަކީ އޭރު ސިޔާސީ ގޮތުން ހިންގަމުން އައި ހަރަކާތްތަކާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދިޔަ ހަރުކަށި ފިޔަވަޅުތަކެވެ. އެ ހުރިހާ ކަމެއްގައި ރައީސްގެ ހައިސިއްޔަތުން ޔާމީންގެ ދައުރު އެހާމެ ބޮޑެވެ.

ދިވެހިން މިހާރު ވެސް އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ ދައުލަތުގެ ވެރިން ހުވާކުރައްވާ ހިސާބުން އެ ހުވާގެ މަތިން ހަނދާން ނައްތާލެއްވުމެވެ. ހުވަޔާ އެއްގޮތަށް އަމަލްކުރައްވާ ނަމަ ގައުމު މިހާ ހިސާބަކަށް ނުދިޔައީ އެވެ. ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އޮތީހެވެ.

އެކަމަކު ޔާމީން އަބަދުވެސް ދައްކަވަނީ އެހެން މީހުންގެ ކަންކަމެވެ. ކުރި ހުވާގެ މަތީގައި ދެމިތިބެންވީ އެހެން މީހުންނެވެ. އެމަނިކުފާނެއް ނޫނެވެ.

ދެބަސްވެވޭކަށް ނެތެވެ. ޔާމީނަކީ ޝައުގުވެރި ބޭފުޅެކެވެ. އިންޓަވިއުގައި ދެއްކެވި  ވާހަކަފުޅުތައް ވެސް އެހާމެ ޝައުގުވެރި އެވެ. ނަމަވެސް ތާރީހަށް ބުރަވާ ނަމަ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުނީ ދައުލަތުގެ މިނިވަން ހުރިހާ މުއައްސަސާއެއްގެ ވެރިން ކުރެއްވި ހުވަޔަށް ހިޔަނި އަޅުވައިފަ އެވެ. އާއެނކެވެ. އެއީ އެ ބޭފުޅުންގެ ވެސް އިހުލާސްތެރިކަން ނެތުމެވެ. އެކަމަކު އެ ބޭފުޅުންނަށް އެ އަންނަ ނުފޫޒުތަކުގެ މަތިން ހަނދާން ނައްތާލާކަށް ނުވާނެ އެވެ. 

ކޮމެންޓް (4)

ޖީނިއަސް

9 ނޮވެމްބަރު 2024
"ސުޕްރީމް ކޯޓަށް ގޮންޖައްސަވާފައި ޔާމީން އިއުލާންކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ" ކަލޭ ހަމަ ބުއްދީގަތަ ތިހިރީ މޫސާ ލަތީފް؟ ސްޕްރީމް ކޯޓުން މާދަން ކަލޭގެ ހުރިހާ މުދަލަކާ ފައިސާއެއް ނަގަން ހުކުމް ކުރިޔަސް ކަލޭ ހަމަ ހެޔޮހިތުން ދޭނަން؟ ސްޕްރީމް ކޯޓުން ނެރުނު ހުކުމް ނެރުނީ ކީއްވެ ކަމާ އެކަން ކުރީ ކޮން ބަޔަކު ކޮން ބޭނުމެއްގަ ކަން ކަލެއަށް ހަމަ ނޭނގޭ؟ ހަގީގަތަކީ އާޒިމާމެން އަނިލްމެން ބިޝާމްމެންނަށް ވުރެ ޔާމީންގެ ތަންދޮރު އޮޅުންފިލާފަ ހުރިކަން ގާނޫނީ ގޮތުންވެސް.
5 2

ހުވަދޫ އަހައްމަދޭ

9 ނޮވެމްބަރު 2024
މީނައަށް ރުގްޔާ ކުރަން އެބަޖެހޭ ނޫނީ ބޮލުގެ ޑޮކްޓަރަކަށް ދައްކަންޖެހޭ. މިގައުމުގަ ޔާމީން ނޫން މީހެއް ގާނޫނެއް ނުމުގުރާ. އެހެންވެތާ މީނައަށް ރިޕޯޓް ލިޔަން ނޭނގިގެން މި އުޅެނީ
4 2

ހިމާރުލްގައުމު

9 ނޮވެމްބަރު 2024
ކަލެއަށް އަޅެ ޔާމީން ކޮން ކަމެއް ކޮށްގެންތަ ތިޔަ ތެޅެނީ. މިދިޔަ ފަސްއަހަރު ނޫނީ ކަލޭގެ ބޮސް ޒާހިރު ހުުސެއިންމެންގެ ރަން ތިރީސް އަހަރު އެއްވެސް ކަމެއް އެއްވެސް ގާނުނާ ޙިލާފު ކަމެއް ނުހިނގަނީތަ ކަލޭގެ "މިނިވަން" ގަލަމުން ރިޕޯޓް ނުނެރެނީ.
4 3

އައްޔަ

7 ނޮވެމްބަރު 2024
"ޔާމީން" އަދި "ރައީސް" މި ދެ ލަފުޒު އެއް ތަނެއްގައި އޮއްވައި ފެންނަ އިރަށް، މޫސާ ލަޠީފު ދުވެ ގޮސް މި ކަހަލަ ތަޢައްޞުބާއި ނަފްރަތުގެ ދޮގު ރިޕޯޓެއް އެބަ ލިޔާކަން ފާހަގަ ވޭ. ދިވެހިރާއްޖޭގައި ފަހަކަށް އައިސް ވެރިކަން ކުރި އެހެން ރައީސުންނަކީ، ޑރ. ވަޙީދު ފިޔަވައި، ޔާމީނަށް ވުރެ މާ ނުބައިކޮށް ޤާނޫނުއަސާސީ މުގުރި މީހުން. އެއިން މީހަކާ މެދު މޫސާ ލަޠީފަށް ލިޔާކަށް ނޭނގޭ. އެއިން މީހެއްގެ ޣައިރުދުސްތޫރީ ޢަމަލުތައް ފެންނަ ކަމަކަށް ވެސް ނުވޭ. ކޮން ނަފްރަތެއްބާ ތިޔަ އޮންނަނީ؟
9 8

އިތުރު އާޓިކަލް

އިތުރު އާޓިކަލް