އާސަންދައިން ހިދުމަތް ދޭކަން އަންގައިދޭ ނިޝާނެއް އެ ސްކީމްގެ ލޯގޯއާ އެކު ޖަހާފައި: ދުންފަތުން ލިބޭ އާމްދަނީއަށްވުރެ ސިއްހަތަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށް ނާޒިމް ވިދާޅުވި (ފައިލް ފޮޓޯ)

ދުންފަތުން ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ސިއްހަތަށް ކުރާ ހަރަދު އިންތިހާއަށް ބޮޑު: ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި، ވޭޕް ރެގިލޭޓު ކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުގައި ފިޔަވަޅު އަޅާފައި ނުވުމުން މިއަދު އެކަން އޮތީ ބޮއްސުންލައިގެން ގޮސްފައި

ދުންފަތުން ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ސިއްހަތަށް ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑު ކަމަށް ވިދާޅުވެ، ދުންފަތާ ގުޅޭ ގަވައިދުތައް ތަންފީޒު ނުވާ ކަމުގެ ކަންބޮޑުވުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ފާޅު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރުކަން ކުރައްވާ ނާޒިމް މި ކަންބޮޑުވުން ފާޅު ކުރެއްވީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދު ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ތަފްސީލު - ނާޒިމް ވިދާޅުވީ، މި ގެންނަ ބަދަލުން ދައުލަތަށް 1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ފާހަގަކޮށްފައިިވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ސިއްހީ ކަންކަމަށް 3 ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ، ސިއްހަތަށް ހޭދަ ކުރަން ޖެހޭ އަދަދުގެ ތިން ބައިކުޅަ އެއް ބައި ވެސް މި ޓެކްސްއަކުން ނުލިބޭ. އަދި އަޅުގަނޑުމެންގެ ބަޖެޓުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ނުބައްދަލު މިންވަރަކަށް އެހެން ގައުމުތަކާ އަޅާބަލާއިރު، އަޅުގަނޑުމެން މިދަނީ ސިއްހީ ހަރަދުތައް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖލިސް)

ނާޒިމް ވިދާޅުވީ ގައުމުގެ އިޖްތިމާއީ ނިޒާމްގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން ބަލިވުމުން ގިނަ ރައްޔިތުން ބަރޯސާ ވަނީ އާސަންދައަށް ކަމަށެވެ. އާސަންދައިގެ ހިސާބުތަކަށް ބަލާއިރު ވެސް ދޮށީ އުމުރުގެ މީހުން "ސޭފްޓީ ނެޓެއްގެ ގޮތުގައި ބޭނުން ކުރަނީ އާސަންދަ" ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް "ދިރިއުޅުމުގެ އާދަތައް ހުންނަނީ ބޭނުންހާ ގޮތަކަށް" ކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ.

"އުމުރުގެ ބޮޑު ބައި ސިނގިރޭޓު ބޮއެފައި، ދުންފަތް ބޭނުންކޮށްފައި އަދި އެނާޖީ ޑްރިންކްސް [އާއި] ހަކުރު އެޅި އެހެން ބުއިންތައް ބޭނުންކޮށްފައި އެއްގޮތަކަށް ވެސް ސިއްހަތަށް ބަލާނުލައި އުޅެފައި، މުސްކުޅިވާ ދުވަހު އާސަންދައަށް ބަރޯސާ ވެގެން، ދައުލަތުން ބޭސްކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެކަމާ ދޭތެރޭ ވިސްނަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • ދައުލަތަށް ލިބޭ އާމްދަނީ 34 ބިލިއަން ރުފިޔާގައި މި އަހަރު ހުރި އިރު، އާސަންދައިގެ ހަރަދުތައް ހުރީ ގާތްގަނޑަކަށް %8ގައި

  • އޭގެ މާނައަކީ 2.5 މިލިއަން ރުފިޔާ އާސަންދައަށް ހަރަދު ކުރި ކަމުގައި ވިޔަސް ރާއްޖެއަށް ލިބޭ ވަރަށް ބޮޑު އަދަދެއް ސިއްހީ ކަންތައްތަކަށް ހޭދަވާކަން

'ސިނގިރޭޓު ޑީއުޓީ ބޮޑުކޮށްގެން އެކަނި މަގްސަދު އަދި ހާސިލު ނުވާނެ'

އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކޮށް އަދި 15 ޑިސެމްބަރުން ފެށިގެން ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ސަރުކާރުން ނިންމުމުން އެ ނިންމުމަށް ނާޒިމް މަރުހަބާ ވިދާޅުވި އެވެ. އަދި ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރަން ތާއީދު ކުރައްވާކަން ވެސް އޭނާ ހާމަ ކުރެއްވި އެވެ.

ނަމަވެސް އޭނާ އުފެއްދެވި ސުވާލަކީ ޑިއުޓީ ބޮޑު ކޮށްގެން އެކަނި މަގްސަދު ހާސިލުވާނެތޯ އެވެ.

"ޓެކްސް ބޮޑު ކުރުމުގެ ސަބަބުން، ދުންފަތާ މީހުން ދުރަަށް މީހުން ގެންދިއުމަށްޓަކައި އޭގެ ފަހުން ވެސް ކުރަން ޖެހޭ ކަންތައްތައް ވެސް ކުރުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރުމެވެ.

"މިގޮތަށް މި ގަވައިދުތައް ތަންފީޒުކޮށްގެން ނުދާ ނަމަ، ސިނގިރޭޓު އަދި އަގު ބޮޑުވުމަކުން މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލު ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މީގެ ކުރިން ދުނިޔޭގެ ބައެއް ގައުމުތަކުގައި ސިނގިރޭޓްގެ އަގު ބޮޑު ކުރުމުން ބެލެކް މާކެޓުގައި ސިނގިރޭޓު ދައުރުވުން ގިނަވެ، އަގު ހެޔޮ ބާވަތްތައް ބާޒާރަށް ނުކުތް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ރާއްޖޭގައި ވިއްކަމުންދާ ސިނގިރޭޓުގެ ގިނަ ބާވަތްތަކަކީ ފެންވަރު ރަނގަޅު އަދި އެންމެ ފުންނާބުއުސް ކުންފުނިތަކުގެ އުފެއްދުންތައް

  • ސިނގިރޭޓުގެ އަގު ބޮޑުވުމުން، އަގު ހެޔޮ ބާވަތްތަކުގެ ސިނގިރޭޓު ރާއްޖޭގެ މާކެޓްއަށް އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް

"ސަބަބަކީ، އެފަދަ ދަށް ކޮލިޓީގެ ސިނގިރެޓަކީ އޭގެ ސިއްހީ ހިރާސް މިހާރު މި ބޭނުން ކުރާ ސިނގިރޭޓަށް ވުރެ އަދި މާ ބޮޑު އެއްޗެއް. އެހެންކަމުން ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރެވި، ބްލެކް މާކެޓްގައި އެ އެއްޗެހި ނުގެނެވޭނެ ގޮތަށް ރާވާ އަދި ސްމަގުލް ނުކުރެވޭނެ ގޮތަށް ރާވަން ޖެހޭ،" މިފަހުން ވެސް ރާއްޖެއިން ފޭކް ސިނގިރޭޓު ކޮންޓެއިނަރެއް ހިފެހެއްޓިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

ވޭޕް މަނާ ކުރުމާ ގޫޅޭ ގޮތުން ނާޒިމް ވިދާޅުވީ:

  • އެ ނިންމުން ނިންމަން ޖެހޭ ހިސާބަށް ކަންކަން ދިޔައީ ވޭތުވެދިޔަ ސަރުކާރުގައި މިކަންކަން ރެގިއުލޭޓްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަސްޖެހުމުން

  • 2010ގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ވުޖޫދު ކުރިއިރު، ވޭޕްއަކީ އާންމުން ދަންނަ އެއްޗެއް ނޫން؛ އެކަމަކު މިހާރު މިކަން ވަނީ ބޮއްސުން ލައިގެން ގޮސްފައި

  • 2021 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 800،000އެއްހާ ވޭޕިން ޑިވައިސް އެތެރެކޮށްފައިވޭ؛ އެ އަދަދުތަކަށް ބަލާލުމުން ވެސް ރާއްޖޭގެ ވޭޕް ބޭނުން ކުރުން އަށަގެންފައިވާ މިންވަރު އެނގޭ

"ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނުގައި ވޭޕްގެ ވާހަކަ ނެތުމާ އެކު، ވޭޕްއަށް އެޕްލައި ކުރަމުން ދިޔައީ %200ގެ ޓެކްސްއެއް. ސަބަބަކީ، އޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި ނުހިމެނޭ ބާވަތެއް ނަމަ، އެޕްލައި ކުރާނީ %200 ޓެކްސްއޭ. ވޭޕް ރާއްޖޭގައި ފުޅާ ވެގެން ފެތުރިގެން ދިޔައީ ޓެކްސްއަށް މަކަރު ހަދައި ހެޔޮ އަގުގައި ޓެކްސް ލިބޭ ގޮތް ފަހިވެގެން ދިޔައިމަ،" ނާޒިމް ވިދާޅުވި އެވެ.

"ބޭރު އެހެން ގައުމުތަކުގައި ވޭޕްއަށް ޓެކްސް ކުރަމުން ދިޔައީ ސިނގިރޭޓަށް ކުރާ ގޮތަށް. ސިނގިރޭޓަށް ކުރަނީ ކޮންމެ ގްރާމަކަށް ވަކި ވަރެއް. އަދި ވޭޕަށް ކުރަނީ ކޮންމެ މިލިލީޓަރަކަށް ވަކި ވަރެއް. އެކަމަކު ރާއްޖޭގައި އެކަން އެގޮތަށް ނުގެނައުމުގެ ސަބަބުން ވޭޕުގެ ކަންތައް ފެތުރިގެން ގޮސް، ބޮއްސުންލައިގެން ގޮސް، ވަބާއަކަށް ވާން ގާތްވެފައިވާ ހިސާބުން ސަރުކާރުން މި ވަނީ ވޭޕް މަނާ ކުރަން ނިންމާފައި." 

ކޮމެންޓް (2)

profile-image-placeholder

ޖަންގިޔާ ކައްގަނޑު

6 ގަޑިއިރު ކުރިން
އާސަންދައިން ޚަރަދުކުރި 3 ބިލިއަން އެއީ ދުންފަތުގެ ސަބަބުން ދިމާވި ސިއްޙީ ކަންކަމަށްކުރި ޚަރަދުކަމަށްތޯ ތިނިންމަނީ؟ އެހެންކަމަށްވާނަމަ، ދޮންދަރިފުޅު ނިޔާވުމުން އެކަމާ ގުޅިގެން އައި.ޖީ.އެމް.އެޗް އިން ހޯދި ޚިދުމަތަތަކަށް އާސަންދައިން ދެއްކި ފައިސާވެސް ހަމަ އެވަންނަނީ ދުންފަތުގެ ތެރެއަށް. ހަމައެއް ލަމައެއް ނެތި ވާހަކަދައްކާ، އެއަށް ބިނާކޮށް ޤާނޫނުހެދުން ދުންފަތް ބޭނުންކުރުމަށްވުރެ ގެއްލުން ބޮޑު. އުމުރެއް ތި ހުސްކޮށްލަނީ މެމްބަރުކަމުގައި، ދެކޮޅުޖެހޭ ވާހަކަދައްކަން އިނގޭހާ ދުވަސްވެއްޖެ.

ހިރިގާ

6 ގަޑިއިރު ކުރިން
ސިއްހަތަށް ކުރަން ޖެހޭ ހަރަދުގެ ބަލަދުއަރަނީ ހަމައެކަނި ދުންފަތަށްތަ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް