ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި ކެނެބިސް ޝިޕްމަންޓް

ވޭޕް

ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރަން އުޅުނު ކެނެބިސް ޝިޕްމަންޓެއް ހިފަހައްޓައިފި

ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުެރާ ތަކެތި އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް މިއަދުވަނީ ނިންމަވާފައި
14 އޮކްޓޯބަރު 2024

ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި ކެނެބިސް ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކުރައްވާ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ދެންމެ އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ.

ތަފްސީލް - އިހުސާން އިތުރަށް ވިދާޅުވީ ވޭޕް މަނާކުރަން މިއަދު ރައީސް މުހައްމަދު މުއިއްޒު ނިންމެވީ މިފަދަ ސަބަބުތަކާއި ހުރެ ކަމަށެވެ.

"ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި،" އިހުސާން އެކްސްގައި ވިދާޅުވި އެވެ. 

އަތުލައިގަތް ޝިޕްމަންޓާ ގުޅޭ ތަފްސީލެއް އިހުސާން ނުދެއްވަ އެވެ. އަދި ފުލުހުން ވެސް ކަސްޓަމްސްއިން ވެސް އަދި އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

ރައީސްގެ މިއަދުގެ ނިންމެވުމާއެކު:

  • ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ 15 ނޮވެމްބަރުން ފެށިގެން މަނާކުރުން

  •  ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް

އެކަމާ ގުޅޭގޮތުން ރައީސްގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ވޭޕް މަނާކުރި ސަބަބުތައް ހާމަކުރައްވާފަ އެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ:

  • މިދިޔަ އަހަރުތަކުގައި އެއްވެސް ސަރުކާރަކަށް ވޭޕް ރެގިއުލޭޓް ކުރެވިފައެއް ނުވޭ

  • ޒުވާނުންނާއި ކުޑަކުދިން ވޭޕް ބޭނުންކުރާ މިންވަރު ކަންބޮޑުވާ މިންވަރަކަށް މިފަހުން އިތުރުވެފައިވޭ، އެކަމުގެ ސަބަބުން ސިއްހީ ނުރައްކާތަކަށް އަންނަނީ ހުށަހެޅެމުން

  • ވޭޕްގެ ޑިވައިސްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން، އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑު

  • މިދިޔަ 5 އަހަރު ތެރޭގައި 600،000 އަށްވުރެ ގިނަ ވޭޕް ޑިވައިސް ރާއްޖެ އެތެރެކޮށްފައިވޭ

  • މަސްތުވާތަކެތި ފެތުރުމުގައި އާ އުކުޅުތައް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވަން އުނދަގޫވެ އެތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން އިތުރުވެ އޯވަޑޯޒް ކޭސްތައް އަންނަނީ އިތުރުވަމުން

އެ ޕޯސްޓުގައި ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުންފަތާއި ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

ފާހަގަކޮށްލެވޭ - ވޭޕް މަނާކުރުމަށް ރައީސް ނިންމި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ތާއީދުކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް