ޖަލްސާގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖލިސް)

ރާއްޖޭގައި އުފައްދާ ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ނަގަން ޖެހޭ: ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި، އެނާޖީ ޑްރިންކްސްއިން އިމްޕޯޓު ޑިއުޓީ ނެގިޔަސް، އެ ރާއްޖޭގައި އުފައްދަން ފެށުމުން އޭގެ ނަތީޖާ ހާސިލެއް ނުވޭ

ރާއްޖޭގައި އުފައްދާ އެނާޖީ ޑްރިންކްސް ފަދަ ހަކުރު އެކުލެވޭ ބުއިންތަކުން ވެސް ޓެކްސް ނަގަން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް މިގޮތަށް ގޮވާލެއްވީ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓް ޑިއުޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ތަފްސީލު - އެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ދުންފަތަށް އެކަނި ފޯކަސް ކޮށްގެން މައްސަލަ ހައްލު ނުވާނެ ކަމަށާއި ހަކުރުގެ ބާވަތްތައް އެކުލެވޭ އެނާޖީ ޑްރިންކްސްގެ ޓެކްސްތައް ވެސް ބޮޑު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ:

  • މީގެ ކުރިން އެނާޖީ ޑްރިންކްސްއިން އިމްޕޯޓު ޑިއުޓީ ނަގަން މަޖިލީހުން އިސްލާހު ގެނައި

  • ނަމަވެސް އޭގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ނުފެނުނީ ރާއްޖޭގައި އެނާޖީ ޑްރިންކްސް އުފައްދަން ފެށުމުން

"ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި އެނާޖީ ޑްރިންކްސް އުފެއްދުމުގެ ނަތީޖާއަކަށްވީ، އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމުން ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވުނު އާމްދަނީ ނުލިބުން. އަދި ހަމަ އެއާ އެކު، އެކަމުން ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލު ނުވުން،" މާޒިމް ވިދާޅުވި އެވެ.

"[ރާއްޖޭގައި] އިމްޕޯޓު ކުރެވޭ އެނާޖީ ޑްރިންކްސްގެ އަގު ބޮޑު. އެހެން ނަމަވެސް ރާއްޖޭގައި އުފައްދާ އެނާޖީ ޑްރިންކްސް ބާޒާރަށް ނެރެ ވިއްކަނީ އެ [އިމްޕޯޓު ކުރާ] އެނާޖީ ޑްރިންކްސްއާ ދާދި އެއް އަގެއްގައި، އެ އުފައްދާ ފަރާތްތަކަށް ބޮޑުވެގެންވާ މަންފާއެއް ލިބޭ ގޮތަށް."

އެހެންކަމުން، ނާޒިމް ގޮވާލެއްވީ އެހެން ގައުމުތަކުން ވެސް ކަންކަން ކުރާ ގޮތަށް އެކްސައިޒް ޑިއުޓީއެއް ނެގޭނެ ގޮތަށް ހެދުމަށެވެ. އެއީ، އެ އުފައްދާ ނުވަތަ ވިއްކަމުންދާ މިންވަރަކުން އެ ކުންފުންޏެއްގެ އަތުން ޓެކްސް ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަކުރުން ޓެކްސް ނެގުމަކީ ބޭރު ގައުމުތަކުގައި ކުރާ ކަމެއް. މިދިޔަ ހަފްތާގައި މެލޭޝިއާގައި ވެސް ތައާރަފް ކުރި ބަޖެޓުގައި ވެސް ހަކުރުގެ ޓެކްސް ވަނީ ބޮޑު ކޮށްފައި. ހަކުރު އަޅައިގެން އުފައްދާ ޑްރިންކްސްގެ ވެސް އަގު ބޮޑު ކޮށްފައި. އަދި މިހާރު ވެސް އިނގިރޭސިވިލާތުން ޝުގަރީ ޑްރިންކްސްއިން ޓެކްސް ކުރެވެމުންދޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑުމެންގެ ރައްޔިތުންގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި ހަމައެކަނި ދުންފަތުގެ ކަންތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، ހަކުރުގެ ބާވަތްތަކަށް ޓެކްސް ނެގުމުގެ ކަންތައް އަޅުގަނޑުމެން އެބަ ޖެހޭ ތައާރަފް ކުރަން މިހާރަށް ވުރެ ފުރިހަމަކޮށް، މިހާރަށް ވުރެ ފުޅާކޮށް."

ފާހަގަކޮށްލެވޭ ކަމެއް - ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމުގެ އިތުރުން، ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގެ ތިން ބާވަތެއްގެ ޓެކްސްއެއް ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ. މިހާރު އެ ބިލުތައް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް