ވޭޕް ކުރުމާއި ސިނގިރެޓް ބުޔުން މަނާކަން އަންގައިދޭ ބޯޑެއް ބަހައްޓާފައި

ވޭޕް

ވޭޕް މަނާކުރުން: ގިނަ ބަޔަކު ބުނީ މުސްތަގްބަލަށް މުހިންމު ނިންމުމެއް ކަމަަށް

ވޭޕް އެތެރެކުރުން 15 ނޮވެމްބަރުން ފެށިގެން މަނާވާނެ އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން 15 ޑިސެމްބަރުން ފެށިގެން މަނާވާނެ
14 އޮކްޓޯބަރު 2024

ވޭޕްކުރަން ބޭނުންކުުރާ އެންމެހާ ތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން މިއަދު ނިންމައި ރައީސް މުހައްމަދު މުއިއްޒު އެކަން މިއަދު އިއުލާނުކުރެއްވުމާ އެކު ގިނަ ބަޔަކު އަންނަނީ އެ މީހުންގެ ޝުއޫރުތައް އެކަމުގައި ފާޅުކުރަމުންނެވެ. ވޭޕް މަނާކުރުން ސިއްހީ ދާއިރާގެ ފަރާތްތަކާއި ބައެއް އާންމުން ސިފަކުރީ ރަނގަޅު ކަމެއްގެ ގޮތުގަ އެވެ. ހިތްވަރު ގަދަ ނިންމުމެއްގެ ގޮތުގަ އެވެ. 

އެ ނިންމުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް 'އެކްސް'ގައި ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "އެކްސް"ގައި ވިދާޅުވީ ރައީސްގެ އެ ނިންމެވުމަކ ގައުމުގެ މާދަމާގެ މުސްތަގްބަލަށް ޓަކައި ނިންމެވި ވަރަށް ބޭނުންތެރި ނިންމެވުމެއް ކަމަށެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ. ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި،" އުޝާމް ވިދާޅުވި އެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ޒުވާނުން މަސްތުގެ މަގަށް އެންމެ ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައު އޮތީ ވޭޕް ކުރުން ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު މިއަދު ނިންމެވި ނިންމުމަކީ މިގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މުހައްމަދު ސިނާންގެ ނަމުގައި "އެކްސް"ގައި ހިޔާލުފާޅުކުރި މީހަކު ބުނީ މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިން އަވާއެއްގައި ޖެހި ހަލާކުވާން ދޫކޮށްނުލާ އެކަމަށް ހަރުދަނާ ފިޔަވަޅު އެޅި ފުރަތަމަ ފަހަރު ކަމަށެވެ.

ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވެސް ވަނީ އެ ނިންމުމަށް ތާއިދުކޮށްފަ އެވެ. އެ ޖަމްއިއްޔާއިން ބުނީ އެ ފިޔަވަޅަކީ އާންމު ސިއްހީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމަށް ވެސް ބުންޏެވެ. ނިކޮޓިން އާއި ވޭޕުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުން ސިއްހަތަށް ގެއްލުން ލިބި ކުރިމަތިލާ ސިއްހީ މައްސަލަތައް މަދުކުރެވޭނެ ކަމަށް ޑައިބެޓިކް ސޮސައިޓީން ގަބޫލުކުރެ އެވެ. 

އެ ނިންމުމާ އެކު ބައެއް މީހުން ގެންދަނީ ވޭޕް މަނާކުރުމުގެ އިތުރަށް ދުންފަތާއި ދުންފަތާ ގުޅުންހުރި އެހެން ބާވަތްތައް ވެސް މަނާކުރަން ގޮވާލާފަ އެވެ. އޭގެ ތެރޭގައި ސިނގިރޭޓާއި ސީޝާ ފަދަ ތަކެތި މަނާކުރަން އަންނަނީ ގޮވާލަމުންނެވެ. 

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ 15 ނޮވެމްބަރުން ފެށިގެން މަނާކުރަން ނިންމާފައިވާއިރު ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާވާނެ އެވެ. 

ވޭޕް އާއި އީ-ސިނގިރޭޓް ރާއްޖޭގައި އާންމުވެ އެކަމުގެ ސަބަބުން ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް އެކަމާ ގުޅިފައިވާ ސީރިއަސް ސިއްހީ މައްސަލަތައް ރާއްޖޭގައި ވެސް ދަނީ އިތުރުވަމުންނެވެ. އެކަމާ ގުޅިގެން ވޭޕް އާއި އީ-ސިގިރޭޓް ރާއްޖޭގައި މަނާކުރަން އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ސަރުކާރަށް ދިޔައީ ގޮވާލައި ބާރުއަޅަމުންނެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް