ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

ޗާގޯސް ޖަޒީރާ

ޗާގޯސް މައްސަލާގައި އަދިވެސް ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯދަނީ

އައްޑޫގެ ދެކުނުން 400އެއްހާ މޭލު ދުުރުގައި އޮންނަ ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އިނގިރޭސިން އެއްބަސްވާކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މި މަހުގެ 3 ވަނަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި

ޗާގޯސްއާ މެދު ރާއްޖޭގެ ދައުވާކުރުންތަކެއް ހުއްޓައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ އިނގިރޭސިވިލާތުގެ ނިންމުމާ ގުޅިގެން ރާއްޖެއަށް ލަފާ ދޭ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ލަފާ ހޯދަން ފަށާފައިވާ ކަމަށެވެ.

މައްސަލަައިގެ ފެށުން - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ ހުކުމްކޮށްފަ އެވެ.

އެއާ އެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.  

ނަމަވެސް، އޭރު އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން އަންނަނީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.

ބުނީ ކީކޭ؟ - އުޝާމް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އެއް ތަޖުރިބާކާރެއްގެ ލަފާ މިހާތަނަށް ލިބިފައިވާ ކަމަށާއި އިތުރު ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ކަމަކީ އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް އެކްސްޕާޓުންގެ އޮޕީނިއަން ހޯދައިގެން ކުރެވޭ ޒާތުގެ ކަމަކަށް ވާތީ ކޮންމެ ޑިވެލޮޕްމެންޓަކާ ގުޅިގެން ވެސް އަޅުގަނޑުމެންގެ ސްޓްރެޓަޖީތަކާ އެއްޗެހި، ކުރިއަށް ދާނެ ގޮތްތަކާ އެއްޗެހި ބަދަލު ކުރަން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފަސްމަންޒަރު - އައްޑޫގެ ދެކުނުން 400އެއްހާ މޭލު ދުުރުގައި އޮންނަ ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އިނގިރޭސިން އެއްބަސްވާކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މި މަހުގެ 3 ވަނަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގަ އެވެ. 

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވީ އެ ޖަޒީރާގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހުގަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • މޮރިޝަސްއަށް ޗާގޯސް އަނބުރާ ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށް

  • ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔަ ނަމަވެސް ފޯޅަވަހީގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރު ވެސް ހިންގާ ގޮތަށް ހިންގަން އެ ރަށް ހާއްސަކޮށްފައި ބާއްވަން ދެ ފަރާތުން ވަނީ އެއްބަސްވެފައި 

  • ޑިއޭގޯ ގާސިއާ ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ 

މޮރިޝަސް ސަރުކާރުން ޒަމާނުއްސުރެ ބުނަމުން އަންނަނީ 1968 ވަނަ އަހަރު އިނގިރޭސިވިލާތުން އެ ގައުމަށް މިނިވަންކަން ދިނީ ޗާގޯސް ޖަޒީރާ އިނގިރޭސިންނާ ހަވާލުކުރަން މަޖުބޫރުތަކެއް ކުރިމަތިކުރުވައިގެން ކަމަށެވެ. 

އެމެރިކާއަށް ކުއްޔަށް ދީގެން ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި ޗާގޯސްގައި އުޅެމުން ދިޔަ 1،000އެއްހާ ވަޒަންވެރިން ގަދަކަމުން އެ ރަށްތަކުން ބާލާފައި ވަނީ 1960ގެ ފަހުކޮޅާއި 1970ގެ ކުރީކޮޅުގަ އެވެ. 

ކޮމެންޓް (1)

ޗާގޯސް

19 އޮކްޓޯބަރު 2024
އުޝާމް ރައްޓެހި ބޭރުގެ ލޯ ފާމް އަކަށް ފައިސާ ދެނީ ހެން ހީވަނީ ޗާގޮސް އޭ ކިޔައިގެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް