ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)
ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ މެދު ބައިނަލްއަގުވާމީ ފަރާތްތަކުގެ ލަފާހޯދަން އެކްސްޕާޓުންނާ ހަވާލުކޮށްފި
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން ގެންގުޅުނީ ރަނގަޅު ސްޓޭންޑެއްތޯ ބެލުމަށް ބައިނަލް އަގުވާމީ ލަފާ ހޯދަން ބޭރުގެ އެކްސްޕާޓުންނާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިން ވަކިކުރުމުގެ މައްސަލާގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭނެ ގޮތެއް ހޯދައި، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މި ސަރުކާރުން މަސައްކަތް ފަށައި މިދިޔަ މަހު ބަންޑާރަ ނައިބުގެ އޮފީހާ ވަނީ ހަވާލުކޮށްފަ އެވެ.
އެގޮތުން އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ހޯދައި އެ ލިޔެކިއުންތައް ދިރާސާކުރުމާއި އެ މައްސަލާގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަނާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށާފައިވާ ކަމަށް ވެސް މިދިޔަ މަހު ސަރުކާރުން ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ މުހިންމު ކަންކަން ހާމަކުރަން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ލަފާ ހޯދުމަށް ބޭރުގެ އެކްސްޕާޓުން ފާހަގަކުރެވި، އެ މީހުންނާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ނާޒިމް ވިދާޅުވި ގޮތުން ބޭރުގެ އެކްސްޕާޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ:
-
ޔޫކޭގެ ކިންގްސް ކައުންސިލެއް؛ އޭނާގެ ރިޕޯޓު އަންނަ މަހުގެތެރޭގައި ވަޒީރުންގެ މަޖިލީހަށް ލިބޭނެ
-
މޯލްޓާގެ ލޯ އޮފްދަ ސީ ޕްރޮފެސަރެއް؛ އޭނާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ އަދި އެ ބޭފުޅާގެ ރިޕޯޓް މި މަހު މެދުތެރޭ ވަޒީރުންގެ މަޖިލީހަށް ލިބޭނެ
"މި ދެންނެވި އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އެ އެކްސްޕާޓުންގެ ނަންތަކެއް މިއަދު ރައީސް އޮފީހުން އާންމެއް ނުކުރެ އެވެ. އެ މައުލޫމާތު ބަންޑާރަ ނައިބުގެ އޮފީހުން ފަހުން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމަށް ކުރަމުންދާ މަސައްކަތަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އިސްވެ ހިންގަވާ ގޮތަށް ހާއްސަ ކޮމިޓީއެއް ވެސް މި ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.
އެ ކޮމިޓީގައި ހިމެނޭ އިތުރު ބޭފުޅުންނަކީ؛
-
ޑިފެންސް މިނިސްޓްރީގެ ފަރާތުން އަހުމަދު މުޖުތަބާ
-
ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ މަލްޓިލެޓެރަލް އަހްމަދު ޝިއާން
މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިއުންތަކަކީ، ސަރުކާރުން ބުނިގޮތުގައި:
-
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ 22 އޮގަސްޓުގައި އޭރުގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު
-
އެ ސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ސޯލިހަށް ފޮނުވާފައިވާ ސިޓީފުޅު
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ 22 އޮގަސްޓުގައި އޭރުގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު މިދިޔަ މަހުގެ 19ގައި މި ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައިވާ އިރު، ސަރުކާރުން ތުހުމަތުކުރާ ފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ.
ފަސް މަންޒަރު - ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
-
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
-
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރަމުންދާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރަނީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ވަނީ ހިމަނައިފަ އެވެ.