ކުރީގެ ރައީސް ނަޝީދު (ދައުރު ފޮޓޯ/ހުސެއިން ސުނެއިން)
ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމުން ބަލައިނުގަނެވޭ: ނަޝީދު
ޗާގޯސް އާ މެދު ރާއްޖޭގެ ދައުވާކުރުންތަކެއް ހުއްޓާ އެ ރަށްތައް މޮރީޝަސް އާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުން ބަލައިނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ރަށްތައް މޮރިޝަސްއާ އަނބުރާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ.
ތަފްސީލް - އެ ނިންމުމާ ގުޅިގެން ނަޝީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭން ދައުވާކުރަމުން ދަނިކޮށް ޗާގޯސް މޮރިޝަސް އާ ހަވާލު ކުރެވިގެން ނުވާނެ ކަމަށެވެ.
"މިއީ ރަނގަޅު ސިޔާސަތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރިޔަސް، ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް ތަނުގައި ވެސް ހިންގަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
އެނގުން މުހިއްމު - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް)އިން ވަނީ ހުކުމްކޮށްފަ އެވެ.
އެއާއެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.
އޭރު ވެސް ނަޝީދާއި އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން އަންނަނީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.