ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)

ޗާގޯސް ޖަޒީރާ

ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން އެއްބަސްވެއްޖެ

ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރަނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮންނަ ޑިއެގޯ ގާސިއާ ވެސް އެކު
3 އޮކްޓޯބަރު 2024

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ރަށްތައް މޮރިޝަސްއާ އަނބުރާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން މިއަދު ނިންމައިފި އެވެ. 

އައްޑޫގެ ދެކުނުން 400 އެއްހާ މޭލު ދުުރުގައި އޮންނަ ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އިނގިރޭސިން އެއްބަސްވާކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މިއަދު ނެރުއްވި ގުޅިފައިވާ ބަޔާނެއްގަ އެވެ. 

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވީ އެ ޖަޒީރާގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • މޮރިޝަސްއަށް ޗާގޯސް އަނބުރާ ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށް

  • ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔަ ނަމަވެސް ފޯޅަވަހީގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރު ވެސް ހިންގާގޮތަށް ހިންގަން އެ ރަށް ހާއްސަކޮށްފައި ބާއްވަން ދެ ފަރާތުން ވަނީ އެއްބަސްވެފައި 

  • ޑިއޭގޯ ގާސިއާ ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ 

ބަޔާނުގައި ބުނެފައި ވަނީ ޗާގޯސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނީ ދެ ގައުމުގެ ދެމެދުގައި އެކުލަވާލާ ހާއްސަ މުއާހަދާއަކުން ކަމަށެވެ. އަދި އެ މުއާހަދާގައި ވީހާ ވެސް އަވަހަކަށް ދެ ގައުމުން ސޮއިކުރާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

"މުއާހަދާގެ ޝަރުތުތަކުގެ ދަށުން އިނގިރޭސިވިލާތުން އެއްބަސްވާނީ ޑިއޭގޯ ގާސިއާ ހިމެނޭ ގޮތަށް ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް،" އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތުރޭޑް ނެރުއްވި ބަޔާނެއްގައި ވެ އެވެ.

"ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޑިއޭގޯ ގާސިއާގައި މިހާރު ހަދާފައިވާ އަސްކަރީ މަރުކަޒު ދިގު މުއްދަތަކަށް، ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ހިންގޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައި."

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ޗާގޯސްއިން ގަދަކަމުން ބޭރުކުރި އެތަނުގެ ރަށްވެހިން ކަމަށްވާ، ޗާގޯސީންނަށް ގެއްލުނު ހައްގުތައް އަނބުރާ ހޯދައިދީ އެ މީހުންނަށް އެކަށޭނަ ބަދަލެއް ހޯދައިދިނުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. 

މޮރިޝަސް ސަރުކާރުން ޒަމާނުއްސުރެ ބުނަމުން އަންނަނީ 1968 ވަނަ އަހަރު އިނގިރޭސިވިލާތުން އެ ގައުމަށް މިނިވަންކަން ދިނީ ޗާގޯސް ޖަޒީރާ އިނގިރޭސިންނާ ހަވާލުކުރަން މަޖުބޫރުތަކެއް ކުރިމަތިކުރުވައިގެން ކަމަށެވެ. 

އެމެރިކާއަށް ކުއްޔަށް ދީގެން ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި ޗާގޯސްގައި އުޅެމުން ދިޔަ 1،000 އެއްހާ ވަޒަންވެރިން ގަދަކަމުން އެ ރަށްތަކުން ބާލާފައި ވަނީ 1960ގެ ފަހުކޮޅާއި 1970ގެ ކުރީކޮޅުގަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް