ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)

ގްރީން ޓެކްސް އާއި އެއާޕޯޓު ފީ ބޮޑު ކުރާ ބިލު ބަލައިގަނެ، ކޮމިޓީއަށް

އެއާ އެކު، ތިން ބާވަތެއްގެ ޓެކްސް ބޮޑު ކުރުމުގެ ބިލުގެ ބަހުސް ނިންމައި މިހާރު އޮތީ ކޮމިޓީ މަރުހަލާގައި

ގްރީން ޓެކްސް އަދި އެއާޕޯޓު ފީ ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދެ ބިލު މިއަދު ބަލައިގަނެ، ދިރާސާ ކުުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ -  ގްރީން ޓެކްސްއަށް މިހާރު ނަގާ އަދަދަށް ވުރެ ދެ ގުނަ ބޮޑުކޮށް އަންނަ ޖެނުއަރީން ފެށިގެން ނަގާ ގޮތަށް އިސްލާހު ގެނައުމަށް ހުށަހެޅީ ޓޫރިޒަމް ގާނޫނަށެވެ.

އަންނަ 1 ޑިސެމްބަރުން ފެށިގެން އެއާޕޯޓު ފީ ބޮޑު ކުރާ ގޮތަށް އިސްލާހު ހުށަހެޅީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަަށެވެ.

މި ދެ ބިލު ވެސް މަޖިލިސް ޖަލްސާއަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ތަފްސީލު - އެއާޕޯޓު ފީ ބޮޑުކުރުމުގެ އިސްލާހުގެ ބިލުގެ ބަހުސް އިއްޔެގެ ޖަލްސާގައި އޮތީ ނިންމާފަ އެވެ. އަދި ގްރީން ޓެކްސް ބޮޑު ކުރުމުގެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ފަށައި ބަހުސް ނިންމި އެވެ.

މި ދެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ގަލައިގަންނަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އިރު، އެ ހުރިހާ މެންބަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ.

މި ބިލުތައް ބަލައިގަތުމަށް ފާސްވުމާ އެކު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވި ކަމަށް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ އިއުލާންކުރައްވާފަ އެވެ.

އެއާޕޯޓު ފީ ބޮޑުކުރުން:

  • އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން 

  • އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރާނެ 

  • ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން 

  • ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން 

  • ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން 

ގްރީން ޓެކްސް ބޮޑުކުރުން:

  • ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން

  • ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން

ފާހަގަކޮށްލެވޭ ކަމެއް - އެ ދެ ބާވަތުގެ ޓެކްސްގެ އިތުރުން ސަރުކާރުން ވަނީ، ޓޫރިޒަމް ދާއިރާ އިން ނަގާ ޓީޖީއެސްޓީ ބޮޑު ކުރުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. އިއްޔެ ޖަލްސާގައި އެ އިސްލާހު ބަލައިގަނެ، ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް