19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ސިޔާމް ބައިވެރިވެވަޑައިގަންނަަވަނީ (ފޮޓޯ/ މަޖިިލިސް)
'ޖަރީމާ' ހިންގާ ސަރުކާރު ކުންފުނިތައް އުވާލައި ހަރަދު ކުޑަކުރަން ސިޔާމް ގޮވާލައްވައިފި
ޓެކްސް ބޮޑު ނުކޮށް ސަރުކާރުން ކުރަންވީ ކަމަކީ "ޖަރީމާ" ހިންގާ ކުންފުނިތައް އުވާލައި ސަރުކާރުގެ ހަަރަދުތައް ކުޑަކުރުން ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާ ސިޔާމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން ހުށަހަޅުއްވާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނުގެ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ސިޔާމް ވިދާޅުވީ ރާއްޖެއަކީ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމަކަށް މިހާރު ވެފައިވާ ކަމަށެވެ. މި ގައުމަށް ދިމާވެފައިވާ މައްސަލައަކީ ނަގާ ޓެކްސް ކުޑަވުން ނޫން ކަމަށާއި މައްސަލައަކީ ބޭކާރު ހަރަދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގައުމަށް ލާރި ވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ މުއްސަނދި ގައުމު ވެސްމެ، ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާއިރު. އެހެން ނަމަވެސް، ޓެކްސްގެ މި ލިބޭ ވަރުގެ ތެރެއިން 5 ބިލިއަން ލިބޭ ކަމަށް ވަންޏާ 2 ބިލިއަން ކޮންމެ އަހަރަކު މި އަޅާލަނީ ކަނޑަށް،" ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ސިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް 5 ބިލިއަން ޑޮލަރު ލިބޭއިރުގައި 2 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ކަނޑަށް އަޅާ ކަމުގައި ވަންޏާ އަޅުގަނޑުމެން މި ޓެކްސް އިތުރަށް 10 ގުނަ ޖެއްސިއަސް، 100 ގުނަ ޖެއްސިއަސް، 1000 ގުނަ ޖެއްސިއަސް މިއަކުން ކުރާނެ ރާހަތެއް ނޯންނާނެ."
އޭގެ ބަދަލުގައި ކުރަންވީ ކަމަކީ، ސިޔާމް ވިދާޅުވި ގޮތުގައި، ސަރުކާރުތަކުގެ ހަރަދުތައް ކުޑަކުރުން ކަމަށެވެ. އެގޮތުން، ސަރުކާރުން ގެއްލުމުގައި ހިންގާ ކުންފުނިތައް ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ:
-
މިިދިޔަ އަހަރު މިފްކޯ އާއި އައިލެންޑް އޭވިއޭޝަނަށް ލިބުނު ގެއްލުން
-
އެ ފައިސާއަކީ "ކަނޑަށް" އެޅުނު ފައިސާ
-
އެ ދެ ކުންފުންޏަށް ޖުމްލަ 1 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވޭ
"ދެން އަޅުގަނޑުމެން ކިތަންމެ ޓެކްސްއެއް ނެގިއަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ،" ސިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދުން މިއަދަށް މިހާރުން މިހާރަށް ކުރަން ޖެހޭ ކަމަކީ ކޮބައިތޯ؟ މި ހިންގާ ޖަރީމާ ކުންފުނިތައް ވަގުތުން ހުއްޓާލުން. މި ހުސް ޖަރީމާ ހިންގާ ކުންފުނިތައް، މި ހުސް ވައްކަން ކުރާ ކުންފުނިތައް، އަޅުގަނޑު ގޮވާލަން މި މަޖިލީހުގެ ހުރިހާ މެންބަރުންނަށް، ރައީސަށް މި ކުންފުނިތައް މިއަދުން މިއަދަށް ހުއްޓާލަން."
އެ ކުންފުނިތައް އުވާނުލާ ނަމަ، ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ކެތް ނުކުރެވޭ ވަރަށް މި ގައުމު އިނދަޖެހިގެންދާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ހެއްކެއްގެ ގޮތުގައި އަވަށްޓެރި ސްރީ ލަންކާ ބަނގުރޫޓުވެގެން ދިޔަ ގޮތް ސިޔާމް ހިއްސާކުރެއްވި އެވެ. އޭނާ ވިދާޅުވީ ލަންކާގައި ވެސް ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގެން އުފެއްދެވި ކުންފުނިތަކަކީ އެ ގައުމު ބަނގުރޫޓުވި ސަބަބު ކަމަށެވެ.
މިދިޔަ އަަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާގެ މާކެޓް 'ގެއްލިގެން' 1 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި އެކަމުން އަރައިނުގަނެވި އުޅެނިކޮށް ޓެކްސް ބޮޑުކުރުމަކީ "ރިހޭ ފައިމައްޗަށް ފޮއި ވައްޓާލު"މުގެ ގޮތުގައި ސިޔާމް ސިފަކުރެއްވި އެވެ.
"އަޅުގަނޑު ޓެކްސް ނަގަން ދެކޮޅީކީ ނޫން. ޓެކްސް ނަގައިގެން އެ ލިބޭ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރާށޭ، ވައްކަަން ނުކުރާށޭ، ނުފޭރޭށޭ ރައްޔިތުންގެ ލާރި ތި ކުންފުނިތައް ހުއްޓާލާށޭ. އެ ނޫން ގޮތަކަށް ދާ ނަމަ، މި ގައުމު ހަލާކުވެގެންދާނެކަން ހަމަ %100 ޔަގީން،" މިހާރު ވެސް ދައުލަތުގައި ފައިސާ ނެތްކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވި އެވެ.
މިިހާރު ވެސް ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކަމުންދާ ފައިސާއަށް ވަމުންދާ ގޮތާ މެދު ސިޔާމް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ލޯނު ނަގައިގެން ރާއްޖޭގެ ވެރިކަން ކުރުމާ މެދު ވެސް ސިޔާމް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
އެނގުން މުހިންމު - ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން، ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ދެ ގުނަ ކުރާނެެ އެވެ. އެގޮތުން:
-
ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން