ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ޓުއަރިޒަމް މިނިސްޓަރު ފައިސަލް އަދި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް (ފައިލް ފޮޓޯ/ ރައީސް އޮފީސަް)

ޓޫރިޒަމަށް ތަންތަން ދޫކުރަން ރައީސް އޮފީހުގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް އިސްލާހެއް

ރަށް ދޫކުރުމުގެ ކުރިން ރައީސްގެ ހުއްދަ ހޯދަން ނުޖެހުނަސް، ކޮންމެ އަހަރަކު ވެސް ދޫކުރަން ނިންމާ ތަންތަނުގެ ލިސްޓު ހަދަން ޖެހެނީ ރައީސްގެ މަޝްވަރާގެ މަތިން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވޭ

ޓޫރިސްޓު ބޭނުމަށް ރަށްތަކާއި ބިންތަކާ އަދި ފަޅުތައް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދިނުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ޓޫރިޒަމްއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ތަފްސީލު - ޓޫރިޒަމް ގާނޫނު މިހާރު އޮންނަ ގޮތުން ރަށްތަކާއި ބިންތަކާއި ފަޅުތައް ދޫޫކުރުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދަން ޖެހެ އެވެ. އެގޮތުން:

  • ރައީސް އޮފީހުން ހުއްދަ ހޯދަން ޖެހޭ ގޮތަށް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާ ގުޅިގެން މި ގާނޫނަށް 10 ޖުލައި 20216ގައި ގެނައި އިސްލާހާއެކު

  • އޭރު މި ގާނޫނުގެ 5 ވަނަ މާއްދާގެ (ރ)ގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ރަށެށް، ބިމެއް ނުވަތަ ފަޅެއް ދޫކުރުމުގެ ކުރިން ރައިސް އޮފީހުގެ ހުއްދަ ހޯދަން ޖެހޭ

މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި އެ އަކުރު އުވާލަން ހިމަނާފައިވެ އެވެ. އެހެންކަމުން، މި ބިލު މިގޮތަށް އޮވެ ފާސްވެއްޖެ ނަމަ، އެފަދަ ތަންތަން ދޫކުރުމުގެ ކުރިން ރައީސް އޮފީހުގެ ބަހެއް ހޯދާކަށް ނުޖެހޭނެ އެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމްއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މެންބަރު، މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން.

އޭރު 2016ގައި ގެނައި އަނެއް އިސްލާހަކީ، ޓޫރިޒަމް ބޭނުންތަކަށް ދޫކުރާނެ ރަށްތަކާއި ބިންތަކާއި ފަޅުތަކުގެ އަދަދުތަކާއި އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ޓޫރިޒަމް މިނިސްޓްރީން އާންމު ކުރަން ޖެހޭ ގޮތަށް ހެދުމެވެ. އަދި އެ ލިސްޓު ހަދަން ޖެހެނީ ވެސް ރައީސް އޮފީހުގެ މަޝްވަރާގެ މަތިން ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އޭގެ އިތުރުން އެ ލިސްޓަށް އުނި އިތުރެއް ވެސް ގެނެވެނީ ރައީސް އޮފީހުގެ ހުއްދައާ އެކު އެވެ.

ސަރުކާރުން މިފަހަރު ހުށަހެޅި އިސްލާހުގައިވާ ގޮތުން، އެ ލިސްޓު ހެދުމުގައި އަދި އުނިއިތުރު ގެނައުމަށްޓަކައި މަޝްވަރާ ކުރަން ޖެހެނީ ރައީސް އޮފީހުގެ ބަދަލުގައި ސީދާ ރައީސްއާ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ގުޅުން ހުރި - މި އިސްލާހުގައި ދެން ގެންނަ މައިގަނޑު ބަދަލަކަށް އޮތީ، ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ދެ ގުނަ ކުރާ ގޮތަށް ހެދުމަށް ގެންނަ އިސްލާހެވެ. އެގޮތުން:

  • ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން

  • ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް