ޕީއެންސީ ޕީޖީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު (މ) ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ކުއްލި މައްސަލަ ހުށަހެޅުން ހަނިކުރަން ގަވައިދު އިސްލާހު ކުރާކަށް ނޫޅެން: ޕީއެންސީ ޕީޖީ

އެމްޑީޕީ އިން ކުއްލި މައްސަލަ ހުށަހަޅަނީ މަޖިލީހުގެ 'ވަގުތު ބޭކާރުކުރަން' ކަމަށް ސިފަކޮށް، ޕީއެންސީގެ ބައެއް މެންބަރުން ވަނީ، ކުއްލި މައްސަލަ ހުށަހެޅުން ގަވައިދުގެ ތެރެއިން ހަރުކަށި ކުރުމަށް ގޮވާލާފައި. ނަމަވެސް ފަލާހު ވިދާޅުވީ އެއީ މުޅި ޕާލަމެންޓްރީ ގްރޫޕުގެ ވިސްނުމެއް ނޫން ކަމަަށް.

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހެޅުމަށް މެންބަރުންނަށް މިހާރު އޮންނަ ފުޅާ ފުރުސަތު ހަނިކުރުމަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެންނަން ނޫޅޭ ކަމަށް ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފަހުން އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި ތިން މައްސަލައެއް ޕީއެންސީގެ މެންބަރުންގެ ވޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.

އަދި މަޖިލީހުގައި މި ހަފްތާގައި ހިނގައިދިޔަ ބަހުސްތަކުގައި ޕީއެންސީގެ ބައެއް މެންބަރުން ވަނީ، އިދިކޮޅުން ކުއްލި މައްސަލަ ހުށަހަޅަނީ "ވަގުތު ބޭކާރުކުރަން" ކަމަށް ސިފަކޮށް، އެފަދަ ކުއްލި މައްސަލަތައް ހުށަހެޅުން ގަވައިދުގެ ތެރެއިން ހަރުކަށި ކުރުމަށް ގޮވާލާފަ އެވެ.

ތަފްސީލް - މިކަމާ ގުޅޭ ގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއާ 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ޕާޓިގެ ބައެއް މެންބަރުންގެ އެ ވާހަކަތަކަކީ މުޅި ޕީޖީގެ ވިސްނުމެއް ނޫން ކަމަށެވެ.

"މަޖިލިސް ގަވައިދުގައި، އަޅުގަނޑުމެން ކުއްލި މައްސަލަ ހުށަހެޅުމާ ގުޅޭ އެއްވެސް އިސްލާހެއް [ނުގެންނަނާން]. އެކަމަކު އަޅުގަނޑުމެންނަށް އިހްތިޔާރު އެބަ އޮތް އަޅުގަނޑުމެން ބޭނުމިއްޔާ އެކަން ކުރަން. އެހެންނަމަވެސް، އަޅުގަނޑުމެން އެކަންކަމުގެ [ކުއްލި މައްސަލަ ހުށަހެޅުން ހަނިކުރުމުގެ] ވިސްނުމެއް ނުގެންގުޅެން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހު ވިދާޅުވި އެވެ.

"މަޖިލިސް ތެރޭގައި އިދިކޮޅު [މެންބަރުންނަކީ ވެސް] އަޅުގަނޑުމެންގެ އަހުންގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރަނީ. ސިޔާސީ އެއްވެސް ހުރަހެއް ނާޅާނަން [އަދި] އެއްވެސް ކަމެއް ހަންޏެއް ނުކުރާނަން."

ފަލާހު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

'ކުއްލި މައްސަލަ ހުށަހަޅަން އޮންނަނީ ވަރަށް ހައްސާސް ކަންކަމުގައި'

ފަލާހު ވިދާޅުވީ، މަޖިލީހުގެ ގަވައިދު މިހާރު އޮންނަ ގޮތުން، ކުއްލި މައްސަލައަކީ ވަރަށް ހައްސާސް ދަނޑިވަޅުތަކުގައި ކުއްލިއަކަށް ކަމެއް ދިމާވުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ. އެމްޑީޕީން މިހާރު ހުށަހަޅަނީ ކުއްލި މައްސަލައަކަށް ނުވާ ފަދަ ކުއްލި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ސުނާމީއެއް، ކޮވިޑް ފަދަ ހާލަތެއްގައި ކުރަން އޮންނަ ކަމެއް މިއީ. މިއަދު ފުޓުބޯޅަ މެޗެއް އޮންނާތީއޭ ކިޔާފައި، އެ ހުއްޓުވުމަށް ކުއްލި މައްސަލަ ހުށައެއްނޭޅޭނެ،" 75 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު ފަލާހު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ކުއްލި މައްސަލަ ހުށަހެޅުން ހަނިކުރުމަށް ބާރުއަޅުއްވާ ގޮތަށް ޕީއެންސީގެ ބައެއް މެންބަރުން ވާހަކަދައްކަވާފައިވާތީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެކަން ކުރަން އުޅެނީ އިދިކޮޅުގެ "އަޑު ކަނޑުވާލަން" ކަމަށެވެ.

އިދިކޮޅުން ހުށަހަޅައިގެން ބޭރުކޮށްލި ކުއްލި މައްސަލަތަކުގެ ތެރޭގައި، ބޭރު ގައުމުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުން ލަސްވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ހިމެނެ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފަލާހު ވިދާޅުވީ:

  • ބޭރުގައި ތިބޭ ދަރިވަރުންނަށް ފައިސާ ބަރާބަރަށް ދެމުން ގެންދާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަށަވަރުކޮށްދީފައިވާއިރު، އެކަމަށް އެއްވެސް ދައްޗެއް ނާންނާނެ ކަމަށް؛ ދަރިވަރުންގެ ކަންކަމަށް ރައީސް މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށް

  • އެ ފައިސާ ދިނުން އެއް ދުވަސް، ދެ ދުވަސް ލަސްވުމަކީ، ކުއްލި މައްސަލައެއް ހުށަހަޅަން ޖެހޭ ކަމެއް ނޫން ކަމަށް

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އާންމު ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އެކަން ނިމެންދެން އަމަލު ކުރަމުން އަންނަނީ، ނިމިދިޔަ 19 ވަނަ މަޖިލީހުގައި ހަދާފައިވާ ގަވައިދަށެވެ. އެ ގަވައިދުގެ 170 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން:

  • ކުއްލި މައްސަލައަކީ، ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން އަދި އެކަމުގެ މުއާލާތް ކެނޑިދާނެތީ ނުވަތަ ވަގުތު ފައިތުވެދާނެތީ ހުށަހަޅާ މައްސަލައެއް

ފަލާހު އިތުރަށް ވިދާޅުވީ، މިދިޔަ ފަސް އަހަރު ޕީޕިއެމް-ޕީއެންސީ އިދިކޮޅުގައި އޮވެ، އެ ދެ ޕާޓީގެ މެންބަރުން ހުށަހެޅި ކުއްލި މައްސަލަތައް އޭރު ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ބޭރުކޮށްލި ކަމަށާއި ނަމަވެސް ޕީއެންސީން ކަންކަން ކުރަމުން ދަނީ އެގޮތަކަށް ނޫން ކަމަށެވެ.

މިފްކޯ އިން މަސްވެރިންނަށް 48 ގަޑި އިރު ތެރޭ ފައިސާ ދޭން ގޮވާލައި އެމްޑީޕީ އިން މިދިޔަ މަހު ހުށަހެޅި ކުއްލި މައްސަލައެއް މަޖިލީހަށް ބަލައިގެންފައިވެ އެވެ. އަދި އައްޑޫގެ ފެނުގެ މައްސަލަ ހައްލުނުވާތީ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައެއް ވެސް ބަލައިގަތެވެ.

"ރަނގަޅު ކުއްލި މައްސަލައެއް ވިއްޔާ [ނުވަތަ] ރައްޔިތުންނަށް މުހިންމު ކަންކަމުގައި ހުށަހެޅޭ ކުއްލި މައްސަލަތައް އަޅުގަނޑުމެން [ޕީއެންސީ މެންބަރުން] ބަލައިގަނެ އެކަމަށް ބަހުސް ކުރާނެ،" އެމްޑީޕީން ހުށަހެޅި ބައެއް ކުއްލި މައްސަލަތައް ބަލައިގެންފައިވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް