ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

ޕީއެންސީން ދަނީ ސުޕަ މެޖޯރިޓީ ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުން: އެމްޑީޕީ

ކުއްލި މައްސަލަ ހުށަހެޅޭ ގޮތް ހަނިކުރަން އުޅެނީ އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތު ކުރި

ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް މަޖިލީހަށް ހުށަހަޅަމުންދާ ކުއްލި މައްސަލަތައް ބޭރުކޮށް، ބާރުގައި އޮތް ޕީއެންސީން ސުޕަ މެޖޯރިޓީގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީ އިން މިއަދު ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އިން މި ދެ ދުވަހު ހުށަހެޅި ކުއްލި ދެ މައްސަލައެއް، ޕީއެންސީގެ މެންބަރުންގެ ވޯޓުން ބޭރުކޮށްލުމުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން މިއަދު ހަވީރު ވަނީ މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލު - އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތަރުޖަމާނު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މަޖިލީހުން ބޭރުކޮށްލީ މި ދަނޑިވަޅުގައި މުހިންމު ދެ މައްސަލަ ކަމަށެވެ. އެ ދެ މައްސަލަ ބޭރުކޮށްލުމަކީ ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ:

  • އިއްޔެ ހުށަހެޅި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ، ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް ދައުލަތުން ދޭން ޖެހޭ އިނާޔަތްތައް މިހާރު ނުލިބުމަކީ އެ ދަރިވަރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް؛ އަދި އެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން އެމްޑީޕީ މެންބަރުންނަށް އެކަމުގެ ޝަކުވާ ދަނީ ލިބެމުން ކަމަށް

  • މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ކަންތައްތަކެއް ކުރާނެ ކަމަށް ބުނެ، އެ ވާހަކަތަކާ ދިމާ އިދިކޮޅަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން ދިޔުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް؛ އެގޮތަށް ސިޔާސީ މުވައްޒަފުން އެކި ނަންނަމުގައި ބޮޑެތި މުސާރައިގައި އިތުރުކުރަމުން ދަނީ، ކުންފުނިތަކުގައި ތިބި ދުވަސްވީ ނުވަތަ އާދައިގެ މުވައްޒަފުން ކަނޑާލުމަށް ފަހު ކަމަށް

"މިފަދަ މުހިންމު ކަންކަން މިއީ، އަޅުގަނޑުމެން ވަގުތު ނަގާލަން ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަމުންދާކަން ފާހަގަކުރަން،" މައުރޫފް ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެ ޖަލްސާގައި، ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ކުއްލި މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހަނި ކުރުމަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. އެ ވާހަކަތަކަށް ވެސް މައުރޫފް ފާޑުވިދާޅުވި އެވެ.

"އެއީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން އިންތިހާއަށް ކަންބޮޑުވާ އަދި އެގޮތަށް އެއީ މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ އިޝާރާތެއްގެ ގޮތުގައި ފާހަގަ ކުރަން،" އެކަން އެގޮތަށް ވިޔަނުދޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުރޫފް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުރޫފް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އެ މަގާމަށް ވަޑައިގެން، މިއީ ނަމޫނާ މަޖިލީހަކަށް ވާނެ ކަމަށް ވިދާޅުވި ވިދާޅުވުމާ މެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ.

މީގެ އިތުރުން، މިފަހުން ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެޗްޑީސީން ވަކި ކުރި މުވައްޒަފު އެމްޑީޕީގެ ހަރުގެ ޖަލްސާގައި ގުރުއާން ކިޔަވަނީ: އޭނާ ވަޒީފާއިން ވަކިކުރުމުން އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް މިއަދު ބަޔާނެއް ވެސް ނެރެފައި.

އެނގުން މުހިއްމު - މުވައްޒަފު ކަނޑާލި މައްސަލައިގައި އެޗްޑީސީން ބައެއް މީޑިއާތަކަށް ބުނެފައިވަނީ އޭނާ މަގާމުން ވަކިކުރީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނޫން ކަމަށާއި އެ ފިޔަވަޅު އެޅީ އޭނާ ވަޒީފާއަށް ފަރުވާކުޑަކޮށް، އޮފީހަށް ނުނިކުންނާތީ ކަމަށެވެ.

ކޮމެންޓް (1)

ކެންދޫ އަތިރިމަތިން

9 ޖުލައި 2024
ކޮއެފުޅާ މައުރޫފޫ ބަލަ ދިވެހިން ވޯޓް ދިންއިރުވެސް ތިޔަކަންތައް އޮތީ އެނގިފައޭ ނިމުނު ދައުރުގެ ރީމެކެއްކަން މިގެނެސްދެނީ. މިފަހަރު ފެންނާނެ މާއެޑުވާންސް ކަންތައް އަދި ދުވަސްކޮޅެއްފަހުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް