ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސަރުކާރުގެ އެހީގައި ކިޔަވާ ކުދިން ހާލުގައި ނުޖައްސާނެ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނީ ލޯނު ފައިސާ ލިބުން އާންމުކޮށް ލަސްވަނީ ކަނޑައެޅިފައިވާ ވަގުތަށް މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ނުލިބޭތީ ކަމަށް

ސްޓޫޑެންޓް ލޯނުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބަރާބަރަށް ސަރުކާރުން ފައިސާ ޖަމާކޮށް ނުދޭކަމަށް ބުނެ އެކި ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދީ، ސަރުކާރުގެ އެހީގައި ކިޔަވަމުންދާ އެއްވެސް ދަރިވަރަކު ހާލުގައި ނުޖައްސާނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.

މައްސަލައިގެ ފެށުން - ސްޓޫޑެންޓް ލޯނުގެ ފައިސާ ދަރިވަރުންނަށް ޖަމާކޮށްދިނުން ލަސްވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އިއްޔެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

އެ މައްސަލާގައި ނާޒިލް ވިދާޅުވީ:

  • ސްޓޫޑެންޓް ލޯނުގެ އެހީގައި، ބޭރުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ފައިސާ ޖަމާކޮށްދިނުން ހުއްޓާލައި ބައެއް ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ލަސްކުރަމުންދާ ކަމަށް

  • އެކަމުގެ ސަބަބުން ދަރިވަރުންނަށް ކޯސް ފީ ނުދެއްކި، އެކުދިންނަށް ކޮލެޖުން އިންޒާރުދީ ބްލެކްލިސްޓް ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް

  • ބައެއް ދަރިވަރުން ދިރިއުޅެމުންދާ ތަނަށް ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވުމުން، ދިރިއުޅެމުންދާ ތަން ހުސްކުރަން އަންގާ، އެކުދިން މަގުމަތިވުމުގެ ބިރުވެސް ކުރިމަތިވެފައިވާ ކަމަށް

  • ބައެއް ދަރިވަރުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައްވެސް ނުކުރެވި އެކުދިންނާއި އެކުދިންގެ އާއިލާ އެކި ފަރާތްތަކުގެ އެހީއަށް ސަލާންޖަހަންޖެހޭ ހާލަތަށްވެސް ގޮސްފައިވާ ކަމަށް  

އެކަމާ ގުޅިގެން ސަރުކާރުން ކިޔަވާ ކުދިން 'ހާލުގައި ޖައްސައިފި' ކަމަށް ބުނެ  ބައެއް މީޑިއާތަކުގައި އެ މައްސަލަ ރިޕޯޓު ކޮށްފައި ވެސް ވެއެވެ.

ވީ ކިހިނެއް؟ - އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވާ، މިނިސްޓްރީތަކުގެ މަސައްކަތްތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ 'ސަރުކާރު' ނޫހުގައި ރޭ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަބަރެއް ޖަހާފައިވެ އެވެ.

"... ދަރިވަރުންގެ ކޯސްފީއާއި ލިވިން އެލަވަންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ މި މިނިސްޓްރީން އަބަދުމެ ކުރަމުން އަންނަކަމެކެވެ. ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށް ގަބޫލުކުރަމެވެ. އެއީ މިއަދަކު އެކަނިވިކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ،" އެ ހަބަރުގައިވެ އެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި އާންމުކޮށް ޕޭމަންޓުތައް ލަސްވާ މައިގަނޑު ސަބަބުތަކަކީ:

  • ކަނޑައެޅިފައިވާ ވަގުތަށް މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުން 

  • ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ވަގުތު ނެގުން

ތަފްސީލް - "އެެއް ޕޭމަންޓަށް ފަހުގައި އަނެއް ޕޭމަންޓަށް ރިކުއެސްޓް ކުރާއިރު، ވަގުތު އޮއްވާ އެކަންކަން ކުރަން އަޅުގަނޑުމެން މި އެދެނީ،" އެކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވަމުން ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ނަޒީރު 'ދައުރު'އަށް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ފައިސާގެ މިފަދަ މުއާމަލާތްތައް ކުރުމުގައި ފުރިހަމަ ކުރަންޖެހޭ ވެރިފިކޭޝަންގެ ގިނަ މަރުހަލާތަކެއް ހުންނާތީ ފައިސާ ޕްރޮސެސް ކުރަން މަދުވެގެން ހަތް ދުވަސް ނަގަ އެވެ. އެހެންކަމުން، ބައެއް ހާލަތްތަކުގައި ޕޭމަންޓް ލިބެންޖެހޭ ދުވަސް ކައިރިވެފައި ވަނިކޮށް ފައިސާއަށް އެދި ހުށަހަޅާއިރު، އެކަމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް މަދުވެގެން ހަމަކުރަން ޖެހޭނަމަ ހަތަރު، ފަސް ވަރަކަށް ދުވަހުގެ ލަސްކަމެއް އަތުވެދާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ އެކި ސަބަބުތަކުގެ ސަބަބުން ލޯނު ފައިސާ ލިބުން ލަސްވެގެން މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ދެތިން ދަރިވަރުންނަށް ވެސް މިހާރު އެ ފައިސާ ދޫކުރެވިފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ހަބަރުފަތުރާފައިވާ ގޮތުގައި ދަރިވަރުންގެ ލޯނު ފައިސާ ދޫކުރުން ލަސްވެފައިވަނީ ޑޮލަރުގެ ތާށިކަމެއް އުޅޭތީ އެވެ. ނަމަވެސް، ނަޒީރު ވިދާޅުވީ ސަރުކާރުން ދޫކުރާ ލޯނުގެ މުއާމަލާތްތައް ކުރަނީ ދިވެހި ރުފިޔާއިން ކަމަށެވެ. އެހެންކަމުން، ސްޓޫޑަންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަަށް ޕޭމަންޓު ލަސްވުމުގެ މައްސަލައެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ނަޒީރު ދެއްވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ޑޮލަރުން ފައިސާ ފޮނުވަނީ ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަނި

  • ނަމަވެސް، އެ ދަރިވަރުންގެ ޕޭމަންޓުގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން އޮންނާނީ ޔުނިވަސިޓީތަކަށް ދީފައި

  • އެހެންކަމުން، އެއްވެސް ސަބަބަކާ ހުރެ، އެއީ ބެންކުގެ ލަސްކަމަކުން ނުވަތަ އެހެން ހާލަތެއް ކުރިމަތިވެގެން ނަމަވެސް، ޕޭމަންޓެއް ލަސްވި ނަމަވެސް ދަރިވަރުގެ ކިޔެވުމަކަށް ބުރުލެއް ނާރާނެ

ލޯނު ފައިސާ ލަސްވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި، ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ހިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް މިހާރަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"... ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް ދޭންއޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެން އޮތް ކޮންމެކަމެއް ދިވެހި ސަރުކާރުން ކުރާނެކަމެވެ. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، މި ގައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރު ކުރުމެވެ." މިނިސްޓްރީން ބުންޏެވެ.

ފާހަގަކޮށްލެވޭ - ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާ ހެދި ސްޓޫޑެންޓް ލޯނު ދޫކުރުމުގައި ލަސްތަކެއް އަންނަ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް