ކުއްލި މައްސަލަ ހުށަހެޅުއްވި ނާޒިލް

ދަރިވަރުންނަށް ފައިސާ ޖަމާނުކޮށްދޭ މައްސަލައަށް މެންބަރުންގެ ޝައުގެއް ނެތް

އެ ކުއްލި މައްސަލައިގައި ބުނީ ލޯނު ފައިސާ ނުލިބޭތީ ކުދިން ކޮލެޖްތަކާއި ޔުނިވާސިޓީތަކުން އިންޒާރުލިބި ބްލެކްލިސްޓްވާ ހިސާބަށް ގޮސް އަދި މަގުމަތިވުމުގެ ބިރު އޮތް ކަމަށް

ސްޓޫޑެންޓް ލޯނުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބަރާބަރަށް ސަރުކާރުން ފައިސާ ޖަމާކޮށްނުދޭތީ އެމްޑީޕީގެ ފަރާތުން ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ މަޖިލީހަށް ހުށައެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.

ތަފްސީލް - މަޖިލީހުން މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ޖަލްސާގައި ހާޒިރުވެ ތިއްބެވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ވޯޓުންނެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 71 މެންބަރުންނެވެ.

އެ މައްސަލައިގައި ނާޒިލް ވިދާޅުވީ:

  • ސްޓޫޑެންޓް ލޯނުގެ އެހީގައި، ބޭރުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ފައިސާ ޖަމާކޮށްދިނުން ހުއްޓާލައި ބައެއް ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ލަސްކުރަމުންދާ ކަމަށް

  • އެކަމުގެ ސަބަބުން ދަރިވަރުންނަށް ކޯސް ފީ ނުދެއްކި، އެކުދިންނަށް ކޮލެޖުން އިންޒާރުދީ ބްލެކްލިސްޓް ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް

  • ބައެއް ދަރިވަރުން ދިރިއުޅެމުންދާ ތަނަށް ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވުމުން، ދިރިއުޅެމުންދާ ތަން ހުސްކުރަން އަންގާ، އެކުދިން މަގުމަތިވުމުގެ ބިރުވެސް ކުރިމަތިވެފައިވާ ކަމަށް

  • ބައެއް ދަރިވަރުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައްވެސް ނުކުރެވި އެކުދިންނާއި އެކުދިންގެ އާއިލާ އެކި ފަރާތްތަކުގެ އެހީއަށް ސަލާންޖަހަންޖެހޭ ހާލަތަށްވެސް ގޮސްފައިވާ ކަމަށް

އެ މައްސަލައިގައި ނާޒިލްވަނީ މި ސަރުކާރުން ދައުލަތުގެ ފައިސާ ހަރަދުކުރަނީ އެބޭފުޅުން ދިރިއުޅޭ ގެއާއި އޮފީސްތައް ޒީނަތްތެރިކުރަން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ސަރުކާރުގެ އިސްވެރިން ބޮޑެތި ފައުޖު ހަދައިގެން ރާއްޖޭން ބޭރަށް ދަތުރުކުރައްވާ އަދި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އައްޔަނުކޮށް މުސާރަ ދިނުމަށް ދައުލަތުގެ ތިޖޫރީ ހުސްކުރަމުންދާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

އޭގެ އިތުރުން

  • މި ސަރުކާރުން އުމްރާނީ ތަރައްގީ އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރެވިފައިވޭ

  • އަދި އެފަދަ ކަންތައްތަކަށް ބޭނުންވާ އެއްވެސް ސިޔާސަތެއް ވެސް އެކުލަވާލާ ތަންފީޒުކުރަމުންނުދާކަން ފާހަގަކޮށް މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ނަތީޖާ ދައްކައިދޭ އެއްވެސް މަސައްކަތެއްކޮށްފައިނުވާ ކަމަށް 

  • ދަރިވަރުންނަށް އެއްވެސް ޖަވާބެއްދެމުން ނުދާތީ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ކުދިންނާއި އެކުދިންގެ އާއިލާއަށް ކުރިމަތިވެފައިވާ އުނދަގުލާއި، ހާސްކަމާއި، ހިތްދަތިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް

ނާޒިލްގެ ގަރާރުގައި ގޮވާލާފައި ވަނީ އެ ފައިސާ މިހާރުން މިހާރަށް ޖަމާކުރުމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާއެއް ކަމަށާއި މިހާރުން މިހާރަށް އެ ޒިންމާ އަދާކުރެއްވުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް (1)

ނާޒިލާ

8 ޖުލައި 2024
މީނާ މިހުށަހެޅި ކަމަކީ ހަގީގަތެއްތޯ ބަލާފައި ސަރުކާރުން މީނައަށް ޖަވާބު ދޭން އެބަޖެހޭ. ދޮގެއްނަމަ އަދަބު ދޭންޖެހޭނެ. އަބަދު މިބައިގަޑު މިއުޅެނީ މީހުން ހާސް ކުރުމުގައި. ރަގަޅު އާރުލާ ވާހަކަ ތިތާގައި ދައްކަބަލަ ނާޒިލޫ،،
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް