މައުރޫފް މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލް ކުރައްވަން ވާޙަކަ ދައްކަވަނީ

އެމްޑީޕީން މަޖިލީހަށް ލީ ކުއްލި މައްސަލަ މިއަދު ވެސް ބޭރުކޮށްލައިފި

އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް "ހައްދެއް ނެތި" މުވައްޒަފުން އިތުރުކުރުމަށް އެކުންފުނިތަކުގެ އާދައިގެ މަގާމުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށް
9 ޖުލައި 2024

ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް "ހައްދެއް ނެތި" މުވައްޒަފުން އިތުރުކުރުމަށް ޓަކައި އެ ކުންފުނިތަކުގެ އާދައިގެ މަގާމުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލަން ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ މަޖިލީހަށް ހުށައެޅީ އެމްޑީޕީއަށް ނިސްބަތްޗާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.

ތަފްސީލް - މަޖިލީހުން މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ފާސްވީ ޖަލްސާގައި ހާޒިރުވެ ތިއްބެވި 69 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 69 މެންބަރުންނެވެ.

އެ މައްސަލައިގައި މައުރޫފް ވިދާޅުވީ:

  • ސަރުކާރުގެ ރިކަރަންޓް ހަރަދުކުޑަ ކުރަން ރައީސް މުހައްމަދު މުއިއްޒު ސިޔާސީ މުވައްޒަފުންގެ އަދަދު 700 އިން ދަށުގައި ބަހައްޓައި ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވި ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު 2000 އާ ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނާކަމަށް

  • ރައީސްގެ ވައުދާ ހިލާފްވެ، ރައީސަށް ލިބިފައިވާ ބާރުގެ ދަށުން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށް

  • ސިޔާސީ މަގާމުތަކަށް ނަގާފައިވާ މީހުންގެ އަދަދު ހޯދަން މާލިއްޔަތު ކޮމެޓީން ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު އެ ކޮމެޓީއަށް ވެސް ފޯރުކޮށްދީފައެއް ނުވާކަމަށް

  • ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށްފައިވާ ސީދާ އަދަދެއް ނޭނގުނު ނަމަވެސް، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާކަން އެނގޭ ކަމަށް

އެކަންކަމަށް ބާރުދީ މައުރޫފް ވިދާޅުވީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ހޮނިހިރު ދުވަހު އައްޔަނުކޮށްފައިވާކަމަށެވެ.

"ސަރުކާރުގެ ސައްތައިން ސައްތަ އޮންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެތަކެއް މުވައްޒަފުންނަށް ޖުލައި 4ގައި މެމޯ ފޮނުވާފައިވާއިރު ހަމަ އެ ދުވަހު ވަނީ ކުންފުނީގެ ހިއުމަން ރިސޯސް މަސައްކަތާއި ރިޕެއާ އެންޑް މެއިންޓެނެންސް މަސައްކަތްތައް ތަޖުރިބާކުރުމަށް ކަމަށްބުނެ 35،000ރ. ދެ ކޮންސަލްޓެންޓުން ނަގާފައި،" މައުރޫފް ހުށައެޅި އެ މައްސަލައިގައިވެ އެވެ.

އޭގެ އިތުރުން މައުރޫފްގެ މައްސަލައިގައި ބުނީ:

  • ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ނަމުގައި ހިންގާ "ޖަރީމާ" އަމާޒުކުރަނީ ހަމައެކަނި އާދައިގެ މުވައްޒަފުންނަށް ކަމަށް

  • ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގާ ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް

އެނގުން މުހިންމު - ސިޔާސީ މަގާމުތަކުގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައަށް ކުރާ ހަރަދު ސަރުކާރުން ހާމަކުރަމުން އިންކާރުކުރަމުންދާތީ އެކަން ސަރުކާރަށް ލާޒިމްކުރުމަށް ގޮވާލާ، އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިދިޔަ ހަފްތާގައި ހުށައެޅި ކުއްލި މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް