މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއިލް ނަސީމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ސިޔާސީ އަދަދު ހާމަކުރަން ހުށައެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް

މަޖިލީހުން މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ޖަލްސާގައި ހާޒިރުވެ ތިއްބެވި 68 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުން؛ ފެންނަ ކަމަށް ވޯޓު ދިނީ 11 މެންބަރުން

ސިޔާސީ މަގާމްތަކުގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައަށް ކުރާ ހަރަދު ސަރުކާރުން ހާމަކުރަމުން އިންކާރުކުރަމުންދާތީ އެކަން ސަރުކާރަށް ލާޒިމްކުރުމަށް ގޮވާލާ، އެމްޑީޕީން ހުށައެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ މަޖިލީހަށް ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެެއްވުމަށް ފަހު ރައީސް ވިދާޅުވިޔަސް، އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަންކޮށްފައިވާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާާޅުކުރެ އެވެ. އެކަން މަޖިލިސް އިންތިހާބުގެ ތެރޭގައި އެޗްއާރްސީއެމްއިން ނެރުނު ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައިވެ އެވެ. 

ނަމަވެސް، މި ސަރުކާރުން އެ އަދަދުތައް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ތަފްސީލް - މަޖިލީހުން މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ޖަލްސާގައި ހާޒިރުވެ ތިއްބެވި 68 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 64 މެންބަރުންނެވެ.

އެ މައްސަލައިގައި މީކާއިލް ވިދާޅުވީ ގާނޫނުއަސާސީން ރައީސަށް ލިބިފައިވާ އިހްތިޔާރުގެ ބޭނުންކޮށްގެން، އިދާރާތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ހައްދެއް ނެތް މިންވަރަށް ސިޔާސީ މަގާމްތަކަަށް މީހުން އައްޔަންކޮށްފައިވާ ކަމަށާއި އަދިވެސް ކުރަމުންދާ ކަމަށެވެ. އެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ:

  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތް މިންވަރަށް މުވައްޒަފުން ނަގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ކުންފުނިތަކުން ހޭދަކުރަން ޖެހޭ އަދަދު ބޮޑުވެ، ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ކުންފުނިތައް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ

  • ސިޔާސީ މަގާމްތަކަށް ނަގާފައިވާ މީހުންގެ އަދަދު ހޯދަން މާލިއްޔަތު ކޮމެޓީން ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު އެ ކޮމެޓީއަށް ވެސް ފޯރުކޮށްދީފައެއް ނުވޭ

  • މިއީ ގާނޫނުއަސާސީން ސަރުކާރު ހިނގާނުހިނގާ ގޮތް ބަލައި ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކުރާ ދުސްތޫރީ ވާޖިބަށް ހުރަސްއެޅޭ ކަމެއް

  • މިއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ހުރަސް އެޅުން 

ކޮމެންޓް (1)

ސިކުނޑި

3 ޖުލައި 2024
ވަރަށްދެރަ! އެހެނަސް ދީފާނެހެނެއް ހިއެއްނުވޭ! ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތް! އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ 700 ގައި ހިފެހެއްޓޭނެކަމަކަށް! ލިޔެކިޔުމުން އެހާވަރު ވެދާނެ! އެކަމަކު.... އަސްލު އެއަށްވުރެ ގިނަވާނެ! "މިވެރިކަން ފެށުނީވެސް އަދި ދެމި އޮންނާނީވެސް ދޮގާއި މަކަރާއި އޮޅުވާލުމުގައި" ދިވެހީންނަކީ ހުސްބުޅީގައި ބާނާ މަސްކައިގެންއުޅޭ، ހުސްގޮނޑިއެއަށް ދެއްކީމާ އެއަށް ވޯޓުއަޅައިއުޅޭ ބައެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް