12 ޖޫން 2024: ބޮޑު ކަންނެލި މަސްވެރިން އިހްތިޖާޖް ކުރަނީ. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް އެދި މަޖިލީހަށްވަނީ ކުއްލި މައްސަލައެއް ހުށައަޅާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްވެރިންގެ ފައިސާ 48 ގަޑިއިރު ތެރޭ ދޭން ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

އެމްޑީޕީން ހުށަހެޅި އެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީ އަވަހަކަށް ހަމަޖައްސައިދީ އެކަމަށް ދާއިލީ ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް

ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއަށް މަސްވެރިން ކިރުވި މަހަށް ފައިސާ ނުދައްކާތާ ދެ ތިން މަސް ވެފައިވާ ކަމަށް ބުނެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި މަސްވެރިން ވަނީ ހުކުރު ދުވަހު މުޒާހަރާކުރަން ފަށާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން އައްޑޫ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ.

ތަފްސީލް - މި މައްސަލަ ބަލައިގަނެ، ބަހުސް ކުރުމަށް ފާސްވީ 74 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލައިގައި އަހުމަދު ދީދީ ވިދާޅުވީ:

  • ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައިނުވާ ކަމަށް

  • އެކަމުގެ ސަބަބުން މަސްވެރިން ބިކަވެ ހާލުގައި ޖެހިފައިވާ ކަމަށާއި ދަރަނި ބިލުތަކާއި ޔޫޓިލިޓީ ބިލުތައް ދެއްކޭނެ ގޮތެއް ނެތިފައިވާ ކަމަށް

  • މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައި ވާތީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު މި ސަރުކާރުން ފުއްދާނުދޭތީ އެކަމާ ގުޅިގެން މިމަހުގެ 21 ވީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން އައްޑޫ ސިޓީގެ %90 މަސްވެރިން، ގާތްގަނޑަކަށް 400 އެއްހާ އާއިލާ ނިސްބަތްވާ މަސްދޯނިތަކުގެ މަސްވެރިން މިވަނީ އިހްތިޖާޖަށް ނުކުމެ އެކަމާ ދެކޮޅަށް އަޑު އުފުލައި، ވައުފު ފުއްދުމަށް ގޮވާލާފަ އެވެ." އަހުމަދު ދީދީ ހުށައެޅުއްވި މައްސަލައިގައިވެ އެވެ.

އޭގެ އިތުރުން މަސްވެރިން އެމީހުންގެ ހައްގު ހޯދަން ކުރަމުންދާ އިހުތިޖާޖަށް ސިފައިންނާއި ފުލުހުން ނުކުމެ ހުރަސްނޭޅުމަށް ވެސް އަހުމަދު ދީދީ ގޮވާލެއްވި އެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ސަރުކާރުން ހަމަޖައްސައިދިނުމާއި ފައިސާ ނުލިބި ލަސްވާ މައްސަލައަށް މަސްވެރިން އެދޭގޮތަށް އިޖާބަދީ ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ހަފްތާގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ.

އެކަމާ ގުޅިގެން މިފްކޯއިން ބުނެފައި ވަނީ މިހާރު ނުދެވިހުރީ މިދިޔަ 9 މޭ އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން ރުފިޔާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް