ފިޝަރީޒް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ (ފައިލް ފޮޓޯ/ މިނިސްޓްރީ)

ފިޝަރީޒް މިނިސްޓްރީގައި 38 ސިޔާސީ މީހުން؛ މަހަކު މިލިއަނެއް ހަރަދުކުރޭ

ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި އެކަނި ވެސް އެއިން ކޮންމެ މަގާމަށް 11 ބޭފުޅަކު ވަނީ އައްޔަންކޮށްފައި

ފިޝަރީޒް މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމްލަ 38 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ.

 އެ ބޭފުޅުންގެ މުސާރައަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ ދެ ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް 'ދައުރު'ން އެދުމުން އިއްޔެ އެ މިނިސްޓްރީން ފޮނުވި ޖަވާބުންނެވެ. 

ތަފްސީލު - 'ދައުރު'ން އެދިފައި ވަނީ، މިދިޔަ ނޮވެމްބަރުން ފެށިގެން 2 އެޕްރީލްގެ ނިޔަލަށް އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެބޭފުޅުންގެ މުސާރަތަކުގެ ތަފްސީލް ހޯދުމަށެވެ.

އެ މިނިސްޓްރީން ފޮނުވި މައުލޫމާތުތަކުގައިވާ ގޮތުގައި:

  • މިނިސްޓަރު އަހްމަދު ޝިޔާމަށް މުސާރައިގެ ގޮތުގައި 66،500ރ. 

  • އެހެން މިނިސްޓަރުންނަށް ވުރެ ޝިޔާމްގެ ފޯނު އެލަވަންސް 500ރ. ބޮޑު

  • 2 ސްޓޭޓް މިނިސްޓަރުން؛ ކޮންމެ ބޭފުޅެއްގެ މުސާރައަކީ، 43،000ރ.

  • 11 ޑެޕިއުޓީ މިނިސްޓަރު؛ ކޮންމެ ބޭފުޅެއްގެ މުސާރައަކީ 31،500ރ.

  • 11 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުން: ކޮންމެ ބޭފުޅެއްގެ މުސާރައަކީ 25،500ރ.

  • 12 ޕޮލިޓިކަލް ޑިރެކްޓަރުން؛ ކޮންމެ ބޭފުޅެއްގެ މުސާރައަކީ، 20،500ރ.

  • މިނިސްޓަރުގެ ޕާސަންލް އެސިސްޓެންޓް؛ މުސާރައަކީ، 20،000ރ.

އެ ހުރިހާ ބޭފުޅުންގެ ޖުމްލަ މުސާރައަކީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 1 މިލިއަން ރުފިޔާ އެެވެ. އަހަރަކަށް 12.5 މިލިއަން ރުފިޔާ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކީ، ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމެވެ. ނަމަވެސް މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ ތެރެއިން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފަދަ ބޮޑު މުސާރަ ލިބޭ މަގާމުތައް އިތުރެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.

މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި - ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މުސާރަތަކާއި ޕެންސަނަށް މި ސަރުކާރުން ކޮށްފައިވާ ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތައް ވުރެ 300 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެއީ %10ގެ އިތުރުވުމެކެވެ. 

ކޮމެންޓް (1)

profile-image-placeholder

ސިޔާސީ އައްޕަ

1 މޭ 2024
މިދިޔަ ހުރިހާ ސަރުކާރުގެ ދެމިނިސްޓްރީ އެއްކޮށް އޮތް އިރުގީެ މަޤާމުތައް އެކޮށްގެންވެސް މިވަރު ނުވޭ. މިހާރު 01 މިނިސްޓްރީއަކަށް އޮންނަ އިރު މީ ބޮޑުވަރު. ސިވިލް ސާރވަންޓުންގެ މުސާރަ އަށް ކުރިއެރުމެއް ދޭންވީމަ ބަޖެޓް އެއް ނުހުރޭ. މީ ހީކުރިވަރުގެ ސަރުކާރެއް ނޫން. އަދި ކިތައް މީހުން އިތުރުވާނެބާ. ސިވިލް ސާރވަންޓުން މަދުކޮށްފަ މި މީހުންތަކާ މަސައްކަތް ވާލުކުރަންފެނޭ.. މީދެން ބޮޑުވެއްޖެ ކަމެއް މި ބައި މީހުން ކުރާނެ މަސައްކަތެއް ވެސް އޮންނަނީކީ ނޫން. ސިވިލް މީހުން މިޖެހެނީ ހެސްކިޔާފަ މަސައްކަތްކުރަން ލިބެނީ ވަރަށް ކުޑަ މުސާރައެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް