މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް އަދި ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު: އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކަށް 25 ބެފުޅަކު އައްޔަންކޮށްފައިވޭ (ފައިލް ފޮޓޯ/ ހެލްތް މިނިސްޓްރީ)

ހެލްތް މިނިސްޓްރީގައި 20 ސިޔާސީ މީހުން؛ މުސާރައަށް މަހަކު 6 ލައްކަ ރުފިޔާ

ނައިބުންގެ ގޮތުގައި ފަސް ބޭފުޅަކު އައްޔަންކޮށްފައިވާއިރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައިވެސް ފަސް ބޭފުޅަކު އައްޔަންކޮށްފައިވޭ

ހެލްތް މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމްލަ 20 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ. އަދި އެ މީހުން މުސާރައަށް މަހަކު 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ ދެ ވަނަ ދުވަހު ހެލްތް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް 'ދައުރު'ން އެ މިނިސްޓްރީގައި އެދުމުން މިއަދު އެ މިނިސްޓްރީން ފޮނުވި ޖަވާބުގަ އެވެ. 

ތަފްސީލު - 'ދައުރު'ން އެދިފައި ވަނީ، 17 ނޮވެމްބަރު 2023އިން ފެށިގެން މި މަހު 2 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެމީހުންގެ މުސާރަތަށް ހޯދުމަށެވެ.

މިނިސްޓްެރީން ދިން ޖަވާބުން އެނގޭ ގޮތުގައި:

  • މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް 66،000ރ. މުސާރައަށް ލިބޭ

  • ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ހަތަރު ބޭފުޅުން؛ އެ މަގާމުގެ މުސާރައަކީ، 43،500ރ.

  • ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ފަސް ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 31،500ރ.

  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ފަސް ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 25،500ރ.

  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 20،500ރ.

  • މިނިސްޓަރުގެ ޕާސަންލް އެސިސްޓެންޓް؛ އެ މަގާމުގެ މުސާރައަކީ، 20،500ރ.

އެ 25 ބޭފުޅުންގެ މުސާރައަށް މަހަކު،627،500ރ. ހަރަދުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހެލްތް މިނިސްޓަރީގައި 20 ސިޔާސީ މަގާމު ހިމެނޭއިރު، ޓުއަރިޒަމް މިނިސްޓްރީއަށް 25 ބޭފުޅުން އައްޔަންކޮށްފައިވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީއަށް 21 ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކީ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމެވެ.

ކޮމެންޓް (1)

profile-image-placeholder

އައްޑާ

23 އޭޕްރީލު 2024
ކޮބާ އަދި ކޮންމެ މަހަކު ޕެންޝަނަށް ސަރުކާރުން ދައްކާބައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް