ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދު އުޅެނީ 40އިން މަތީގައި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ހޯމް މިނިސްޓްރީން 43 ސިޔާސީ މީހަކަށް މަހަކު މިލިއަނެއް ހަރަދުކުރޭ

ނައިބުންގެ ގޮތުގައި 17 މީހަކު އައްޔަންކޮށްފައިވާއިރު، އެމީހުންގެ މުސާރަ އެކަނިވެސް 5 ލައްކައަށް އަރާ

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމްލަ 43 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ. އަދި އެ މީހުން މުސާރައަށް މަހަކު 1.27 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ ދެ ވަނަ ދުވަހު ހޯމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް 'ދައުރު'ން އެ މިނިސްޓްރީގައި އެދުމުން މިއަދު އެ މިނިސްޓްރީން ފޮނުވި ޖަވާބުންނެވެ. 

ތަފްސީލު - 'ދައުރު'ން އެދިފައި ވަނީ، 17 ނޮވެމްބަރު 2023އިން ފެށިގެން މި މަހު 2 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެމީހުންގެ މުސާރަތައް ހޯދުމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މެންޑޭޓެއް ހަވާލުކޮށްފައިވާ ވަނީ ވެސް އެ މިނިސްޓްރީއަށެވެ. އަދި އެންމެ ގިނަ ސިޔާސީ މަގާމުތައް ވެސް އޮތީ އެ މިނިސްޓްރީގަ އެވެ. މިނިސްޓްރީން ދިން ޖަވާބުން އެނގޭ ގޮތުގައި:

  • މިނިސްޓަރު އަލީ އިހުސާންއަށް 65،000ރ. މުސާރައަށް ލިބޭ

  • ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ހަތަރު ބޭފުޅުން؛ އެ މަގާމުގެ މުސާރައަކީ، 43،500ރ.

  • ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި 17 ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 31،500ރ.

  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 13 ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 25،500ރ.

  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 7 ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 20،500ރ.

  • މިނިސްޓަރުގެ ޕާސަންލް އެސިސްޓެންޓް؛ އެ މަގާމުގެ މުސާރައަކީ، 20،500ރ.

އެ ހުރިހާ އެންމެންގެ ޖުމްލަ މުސާރައަކީ މަހެއްގެ މައްޗަށް 1.3 މިލިއަން ރުފިޔާ އެވެ. އެއީ، އަހަރަކަށް ބަލާނަމަ 15.2 މިލިއަން ރުފިޔާ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކީ، ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމެވެ. ނަމަވެސް މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ ތެރެއިން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފަދަ ބޮޑު މުސާރަ ލިބޭ މަގާމުތައް އިތުރުކަން ފާހަގަކުރެވެ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔުން ވެސް އަމާޒުކޮށްފައިވެ އެވެ.

ކޮމެންޓް (4)

profile-image-placeholder

ޙިޔާ

25 އޭޕްރީލު 2024
ބަލާބަލަ ޖެންޑާ މިނިސްޓްރީގެ ހާލަތު. ސިވިލް މީހުންނަށްވުރެ ގިނައީ ސިޔާސީ މީހުން ތޯއްޗެއް.

އަހްމަދު

25 އޭޕްރީލު 2024
މަޖިލިސް އިންތިހާބާ ހަމަޔަށް ބަލާލީމަ ސާފުވާނީ އަސްލު މަންޒަރު.

ޢަލީ

25 އޭޕްރީލު 2024
މި ސަރުކާރަށް ހުއްދަވާނޭ ތިހުރިހާ ކަމެއް ކުރަން.

ބްރޯ

25 އޭޕްރީލު 2024
ބައްލަވާ މުޒައްޔިން، މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމުތައް 700 ގައި ހިފަހައްޓަން. މަނިކުފާނު އޭގެ ތެރެއަށް 6،300 މަގާމު އިތުރުކޮށްލީ ކިހިނެއްތޯ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް