ސަރުކާރުގެ މަގަމުތަކަށް އައްޔަން ކުރި ބައެއް ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރއިން

އައިކޮމް

އައިކޮމުން އެންގުމުން ވެސް ސިޔާސީ މަގާމުތަކުގެ ތަފްސީލު ސަރުކާރުން ހާމަ ނުކުރި

މިކަމާ ގުޅިގެން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަ ކުރުމަށް އިންފޮމޭޝަން ކޮމިޝަރު އޮފީސް(އައިކޮމް)އިން އެންގުމުން ވެސް، ރައީސް އޮފީހުން އެ މައޫލޫމާތު ނުދީ ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން މިދިޔަ ޑިސެމްބަރު މަހު ހޯދުމަށް އެދުނު އެ މައުލޫމާތު، ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް ދީފައި ނުވެ އެވެ. އެއާއެކު އެ މައްސަލަ އައިކޮމަށް ހުށަހެޅުމުން އެ މައުލޫމާތު ދިނުމަށް ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިދިޔަ މަހު 28ގައި ބޭއްވި އަޑުއެހުމުގައި ނިންމެވީ ރައީސް އޮފީހުން އެ މައުލޫމާތު ރަސްމީ ތިން ދުވަސް ތެރޭ ދިނުމަށެވެ.

ތަފްސީލު - އެ ނިންމުން ނިންމިފަހުން ފަހު 10އަށް ސަރުކާރު އޮތީ ބަންދުވެފަ އެވެ. އަދި ރަސްމީ ތިން ދުވަސް އަންގާރަ ދުވަހަށް އޮތީ ހަމަވެފަ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހާ 'ދައުރު'ން ސުވާލު ކުރުމުން ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.

'ދައުރު'ން ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 17 ނޮވެމްބަރު 2023 އިން 17 ޑިސެމްބަރު 2023ގެ ނިޔަލަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ނަމާއި އެމީހުން މަގާމާއި މުސާރަ/އިނާޔަތްތައް ހޯދުމަށެވެ. އޭގެ ތެރޭގައި ހޯދަން އެދުނީ:

  • ސްޓޭޓް މިނިސްޓަރު/މިނިސްޓަރުގެ ފެންވަރުގައި އައްޔަން ކުރި ބޭފުޅުން

  • ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރި ބޭފުޅުން

  • މިނިސްޓްރީތަކަށް އައްޔަންކޮށްފައިވާ ސިޔާސީ ބޭފުޅުން

  • އެނޫންވެސް ހުރިހާ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުން

އާހިދު މި މައްސަލައިގައި ގޮތް ނިންމުމަށް އަޑުއެހުން އެކި ފަހަރުމަތިން ތާވަލް ކުރުމުން ވެސް ރައީސް އޮފީހަކުން އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެ އެވެ. އެންމެ ފަހުން އައިކޮމްއަށް ޖެހުނީ، ރައީސް އޮފީހުގެ ގައިރު ހާޒިރުގައި މި މައްސަލައިގައި ގޮތެއް ނިންމުމަށެވެ.

އެ އަޑުއެހުމުގައި އާހިދު ވިދާޅުވީ ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓުމަށް ބަޔާންކުރާ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ. އެހެންވެ އާހިދު ނިންމެވީ:

  • ހޯދަން އެދިފައިވާ މައުލޫމާތަކީ ރައީސް އޮފީހުގައި މިހާރު ހުރި މައުލޫމާތެއް ނަމަ، ރަސްމީ ތިން ދުވަސް ތެރޭ އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް އެންގުމަށް

  • އަދި ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތުތަކަކީ ރައީސް އޮފީހުގައި ބަލަހައްޓަމުން ނުދާ މައުލާމާތެއް ނަމަ، އެކަން ވެސް ރަސްމީ ތިން ދުވަސް ތެރޭ 'ދައުރު'އަށް އެންގުމަށް

  • އެ މައުލޫމާތުތަކީ، ދައުލަތުގެ އެހެން އިދާރާއަކާ ގުޅޭ މައުލޫމާތެއް ނަމަ، އެކަން އެ އިދާރާއަކަށް ބަދަލުކޮށްދިނުމަށް އެެންގުމަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް