ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

މިފަހުން މަގާމުތަކަށް އައްޔަންކުރި މީހުން ހާމައެއް ނުކުރޭ؛ ބުނީ ޓެކްނިކަލް މައްސަލައެއް ކަމަށް

މިދިޔަ މަހު ފެށިގެން ރައީސް އޮފީހުގެ ވެބްސައިޓުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ މައުލޫމާތު ނުފެނޭ

މި ސަރުކާރުގެ ސިޔާސީ މަގާމުތަަކަށް މިފަހުން އައްޔަން ކުރި ބޭފުޅުން ރައީސް އޮފީހުގެ ވެބްސައިޓަށް ނުލާ މައްސަލަ ފެންމަތިވެއްޖެ އެވެ. ރައީސް އޮފީހުން ބުނީ ފަހުން މަގާމުތަކަށް އައްޔަން ކުރި މީހުންގެ މައުލޫމާތު ނުފެންނަނީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ސިޔާސީ މަގާމުތައް ދުވަހުން ދުވަހަށް އިތުރުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މިދިޔަ މަހުން ފެށިގެން މަގާމުތަކަށް އައްޔަންކުރާ މީހުންގެ މައުލޫމާތު ވެބްސައިޓުން ފެންނާކަށް ނުހުރެ އެވެ.

ރައީސް އޮފީހުގެ ބަސް - އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލުއާ މިއަދު އެކަމާ ގުޅިގެން 'ދައުރު'ން ސުވާލުކުރުމުން ވިދާޅުވީ ރައީސް އޮފީހުގެ މިހާރުގެ ވެބްސައިޓަކީ "ވަރަށް ކުރީގެ ވެބްސައިޓެއް" ކަމަށާއި އެހެންވެ ޓެކްނިކަލް މައްސަލަތައް ދިމާވާ ކަމަށެވެ. އެހެންވެ ވެބްސައިޓަށް "ބައިވަރު ބަދަލުތަކެއް" ގެންނަމުން އަންނަ ކަމަށް ހަލީލު ވިދާޅުވި އެވެ. 

"[ޓެކްނިކަލް] ކަމެއް ދިމާވެގެން، ކުޑަކޮށް އަޅުގަނޑުމެންނަށް އިންޓާނަލީ އެބައި [ސިޔާސީ މަގާމުތަކަށް އައްޔަން ކުރާމީހުންގެ މައުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރުން] ކުޑަކޮށް ޑިލޭވެފައި މި ވަނީ،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަފްތާއެއް ތެރޭ އެ މައްސަލަ ހައްލުވެ ކުރިއެކޭ އެއްގޮތަށް ވެބްސައިޓުން އެ މައުލޫމާތު ފެންނަން ފަށާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ބޭއްވި ޕީއެންސީގެ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވި ކެންޑިޑޭޓުންނާއި ނަން ނެގި ބައެއް މީހުން އަދި އެނޫން ވެސް ބައެއް މީހުން މިފަހުން ވަނީ މިނިސްޓްރީތަކުގެ ނައިބު ކަމާއި ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ. އެއިން އެއްވެސް މީހެއްގެ ނަމެއް ވެބްސައިޓަކުން ނުފެނެ އެވެ. 

އެމީހުން މަގާމުތަކަށް އައްޔަންކޮށްފައި މި ވަނީ، ކޮންމެހެން ނަގަން ޖެހޭ މަގާމުތަކަށް ނޫނީ މީހުން ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަލީލު މިއަދު ވެސް ވިދާޅުވީ:

  • ރައީސް ވިދާޅުވެފައިވާ ގޮތަށް "ކޮންމެހެން ނަގަން ޖެހޭ މީހުން ނޫނީ މީހަކު މަގާމުތަކަށް ނުނަގާނެ" ކަމަށް

  • ރައީސް މީގެ ކުރިން ސިޔާސީ މަގާމުތަކަަށް ކަނޑައެޅުއްވި އަދަދަށް ވުރެ އިތުރުވެގެން ނުދާނެ


ފަސް މަންޒަރު - ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުރި ސިޔާސީ މަގާމުތައް 300 އަށް ވުރެ ގިނަ އެވެ. އެގޮތުން: 

  • ރައީސް އޮފީސް ނުހިމަނާ މިނިސްޓަރުންގެ ފެންވަރުގައި 8 ބޭފުޅުން  

  • ރައީސް އޮފީހަށް މިނިސްޓަރުންގެ ފެންވަރުގައި 12 ބޭފުޅުން

  • ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހަތް ބޭފުޅުން

  • މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 79 ބޭފުޅުން

  • އެހެން އިދާރާތަކަށް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހަ ބޭފުޅުން

  • މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި ރައީސް އޮފީހަށް ނުވަ ބޭފުޅުން

  • މިނިސްޓްރީތަކަށް ނައިބުންގެ ގޮތުގައި 149 ބޭފުޅުން

  •  ސްޕޯޓްސް މިނިސްޓްެރީއަށް އެކަނި ވެސް 12 ނައިބުން 

  •  ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް 13 ނައިބުން

ރިޔާސީ އިންތިހާބުގައި ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތުން އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ އަދަދު 700ގައި ހިފަހައްޓަވާނެ އެވެ. 

ކޮމެންޓް (1)

މީހުން

17 މާރިޗު 2024
މީހުން ތިބެގެން ނޫންތަ މަސައްކަތް ކުރެވޭނީ. ރޮބޮޓުން ލައްވާ ކުރެވޭނީ ފީޑް ކުރާ ކަމެއް އެކަނި ނޫންތޯ.
0 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް