ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ތެރެއިން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އައިކޮމް

ސިޔާސީ މަގާމުތަކުގެ ތަފްސީލް ހާމަނުކޮށް ނުހިފެހެއްޓޭނެ ކަަމަށް އައިކޮމް އިން ނިންމައިފި

އެ މައުލޫމާތު ތިން ދުވަސް ތެރޭ ދިނުމަށް އައިކޮމްއިން މިއަދު ނިންމާފައިވާ

ސަރުކާރުގެ ސިޔާސީ މަގާމުތަކާ ގުޅޭ ތަފްސީލަކީ ހިފެއްހޭޓޭނެ ކަމެއް ނޫން ކަމަށާއި އެއީ ހާމަ ކުރަން ޖެހޭ މައުލޫމާތެއްގެ ގޮތުގައި އިންފޮމޭޝަން ކޮމީޝަނަރު އޮފީހުން (އައިކޮމް) މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުންގެ މުސާރަތައް ހިމެނޭހެން އެ މަގާމުތަކުގެ ތަފްސީލުތައް ހޯދުމަށް 'ދައުރު'ން މިދިޔަ ޑިސެމްބަރު މަހު، ރައީސް އޮފީހުގައި އެދި ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ގޮސް، މުއްދަތު އިތުރުކޮށްގެން ވެސް އެ މައުލޫމާތު އެ އޮފީހުން ދީފައެއް ނުވެ އެވެ.

އެހެންވެ، އެކަމުގެ ޝަކުވާ 'ދައުރު'ގެ ފަރާތުން އައިކޮމްއަށް ހުށަހެޅުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފަ އެވެ. 

ތަފްސީލު - އެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ ހޯދަން އެދިފައިވާ މައުލޫމާތަކީ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓުމަށް ބަޔާންކުރާ އިސްތިސްނާ ހާލަތައް ފެތޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ. އެހެންވެ އާހިދު ނިންމެވީ:

  • ހޯދަން އެދިފައިވާ މައުލޫމާތަކީ ރައީސް އޮފީހުގައި މިހާރު ހުރި މައުލޫމާތެއް ނަމަ، ރަސްމީ ތިން ދުވަސް ތެރޭ އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް އެންގުމަށް

  • އަދި ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތުތަކަކީ ރައީސް އޮފީހުގައި ބަލަހައްޓަމުން ނުދާ މައުލާމާތެއް ނަމަ، އެކަން ވެސް ރަސްމީ ތިން ދުވަސް ތެރޭ 'ދައުރު'އަށް އެންގުމަށް

  • އެ މައުލޫމާތުތަކީ، ދައުލަތުގެ އެހެން އިދާރާއަކާ ގުޅޭ މައުލޫމާތެއް ނަމަ، އެކަން އެ އިދާރާއަކަށް ބަދަލުކޮށްދިނުމަށް އެެންގުމަށް

'ދައުރު'ން ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 17 ނޮވެމްބަރު 2023އިން 17 ޑިސެމްބަރު 2023ގެ ނިޔަލަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ނަމާއި އެމީހުން މަގާމާއި މުސާރަ/އިނާޔަތްތައް ހޯދުމަށެވެ. އޭގެ ތެރޭގައި ހޯދަން އެދުނީ:

  • ސްޓޭޓް މިނިސްޓަރު/މިނިސްޓަރުގެ ފެންވަރުގައި އައްޔަން ކުރި ބޭފުޅުން

  • ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރި ބޭފުޅުން

  • މިނިސްޓްރީތަކަށް އައްޔަންކޮށްފައިވާ ސިޔާސީ ބޭފުޅުން

  • އެނޫންވެސް ހުރިހާ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުން

މިއަދު ބޭއްވި އައިކޮމްގެ އަޑުއެހުން

ރައިސް އޮފީހުން މީގެ ކުރިން އެ އެފީހުގެ ސައިޓުގައި އާންމު ކުރަމުން އައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް މިހާރު އަޕްޑޭޓެއް ކުރަމަކުން ނުދެ އެވެ. ސަބަބެއް ކަމަށް އެ އޮފީހުން ބުނެފައި ވަނީ "ޓެކްނިކަލް މައްސަލައަކުން" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ތިން ފަހަރެއްގެ މަތިން މި އަޑުއެހުން ތާވަލް ކުރުމުން އެ އަޑުއެހުމުގައި ރައީސް އޮފީހުން ބައިވެރިވެފައެއް ނުވެ އެވެ. އެހެންވެ އަޑުއެހުންތައް ކުރިއަށް ނުގެންދެވި މައްސަލަ އޮތީ މަޑު ޖެހިފަ އެވެ.

އާހިދު މިއަދު ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު ވެސް ރައިސް އޮފީހުން އަންގަމުން ދަނީ އަޑުއެހުމުގައި ބައިވެރިވެވެން ނެތް ކަމަށެވެ. އެހެންވެ، ކޮންމެ ފަހަރަކު ވެސް ދުވަސް ބަދަލުކޮށް، އަލުން ތާވަލް ކުރަމުން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކުވާ ހުށަހެޅިތާ މިއަދަށް 30 ދުވަސްވެފައިވާތީވެ ގާނޫނުގެ ދަށުން 30 ދުވަހުގައި މައްސަލަ ނިންމަން ޖެހޭތީ ދެން އިތުރަށް ލަސް ކުރެވެން ނެތުމުން، އާހިދު މިއަދު މި ނިންމުން ނިންމާފައި ވަނީ ރައީސް އޮފީހުގެ ގައިރު ހާޒިރުގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ކޮމިޝަނަރު ވަނީ މުލިއާގެ މަރާމާތައް ދިޔަ ހަރަދު ވެސް ތިން ދުވަސް ތެރޭ ދިނުމަށް ރައީސް އޮފީހަށް އަންގާފަ އެވެ.

ކޮމެންޓް (1)

އެދުރުބެ

29 މާރިޗު 2024
އައިކޮމްއަށް އަށް އެނގިލައްވާތޯ ސިޔާސީ މަޤާމްތައް ފާހަގަކުރަން. މިހާރު ހަދާފައި އޮންނަ ވަޒީފާއާއި ބެހޭޤާނޫނާއި ޤަވާއިދު ތަކާއި އުސޫލުތަކުން ބޭރުން ވޯޓުތަކާއި ކައިރިކޮށް ވަޒީފާއަށޭ ކިޔާ މީހުން އެވައްދަނީ އެއްވެސް މަސައްކަތެއް ކުރަންނުޖެހޭ ހަމައެކަނި މުސާރަދޭންޖެހޭ ގޮތަށް. މިމީހުން ނުގުނާ ސިޔާސީ ގޮތުންނެއް. ނިކަން ބަލާލަބަލަ ކުންފުނިތަކަށް މިދުވަސްކޮޅު ވައްދަނީ މިގޮތަށް ކިތަށް މީހުންތޯ. އަޅެ މަގުމަތީ ޤަވާއިދު ތަކަށް ޢަމަލުކުރަން ޖެހޭނަމަ ކީތްވެތޯ ވަޒީފާއާއި ބެހޭ ޤާނޫނުތަކާއި ޤަވާއިދު ތަކަށް އަމަލު ކުަރްނަ ނުޖެހެނީ. އެއީ ފޮތުގައި ހިމެނޭ ޢަމަލުކުރަން ނުޖެހޭ ބަޔަކީތޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް