ރިޔާސީ ގަނޑުވަރު، މުލިއާގެ

މުލިއާގެ މަރާމާތަށް ދިޔަ ހަރަދުގެ ތަފުސީލު ދޭން އައިކޮމްއިން އަންގައިފި

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ނިންމެވީ، އެ މައުލޫމާތަކީ ގާނޫނުގެ ދަށުން ލިބެން ޖެހޭނެ މައުލޫމާތެއް ކަމަށް

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލިއާގޭގެ މަރާމާތަށް ދިޔަ ހަރަދުތަކުގެ ތަފްސީލް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން މިއަދު ރައީސް އޮފީހަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - މުލިއާގެ މަރާމަތު ކުރަން ފެށީ، ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު އެ ގެއަށް ބަދަލުވުމުގެ ކުރިންނެވެ. އޭގެ ކުރިން  އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތުގަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މުލިއާގެ މަރާމާތަށް ދިޔަ ހަރަދު ހޯދުމަށް 'ދައުރު'ން ރައީސް އޮފީހަށް މިދިޔަ ޑިސެމްބަރު މަހު ހުށަހެޅުމުން ގާނޫނުގައި ބުނާ މުއްދަތު ފާއިތުވެގެން ގޮސް މުއްދަތު އިތުރުކުރިތާ އެތައް ދުވަހެއް ވީއިރު ވެސް އެ މައުލޫމާތު ދީފައެއް ނުވެ އެވެ. އެހެންވެ، އެ މައްސަލަ އައިކޮމްއަށް ހުށަހެޅުމުން، މިއަދު އެ މައްސަލައިގައި ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އަޑު އެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ 'ދައުރު'ން ހޯދަން އެދުނު މައުލޫމާތަކީ، ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށެވެ.

އެހެންވެ މިއަދުގެ އަޑުއެހުމުގައި އާހިދު ނިންމެވީ، ތިން ދުވަސް ތެރޭ އެ މައުލޫމާތު ރައީސް އޮފީހުން ދިނުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު 'ދައުރު'އަށް އިންޓަވިއުދެއްވަނީ. (ފައިލް ފޮޓޯ)

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ތިން ފަހަރެއްގެ މަތިން މި އަޑުއެހުން ތާވަލް ކުރުމުން އެ އަޑުއެހުމުގައި ރައީސް އޮފީހުން ބައިވެރިވެފައެއް ނުވެ އެވެ. އެހެންވެ އަޑުއެހުންތައް ކުރިއަށް ނުގެންދެވި މައްސަލަ އޮތީ މަޑު ޖެހިފަ އެވެ.

އާހިދު މިއަދު ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު ވެސް ރައީސް އޮފީހުން އަންގަމުން ދަނީ އަޑުއެހުމުގައި ބައިވެރިވެވެން ނެތް ކަމަށެވެ. އެހެންވެ، ކޮންމެ ފަހަރަކު ވެސް ދުވަސް ބަދަލުކޮށް، އަލުން ތާވަލް ކުރަމުން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކުވާ ހުށަހެޅިތާ މިއަދަށް 30 ދުވަސް ވެފައި ވާތީވެ، ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭތީ ދެން އިތުރަށް ލަސްކުރެވެން ނެތުމުން، އާހިދު މިއަދު މި ނިންމުން ނިންމާފައި ވަނީ ރައީސް އޮފީހުގެ ބައިވެރިވުމެއް ނެތި އެވެ.

މިއަދުގެ އަޑުއެހުން

ގުޅުން ހުރި - މުލިއާގެ މަރާމާތު ކުރުމަށް ދިޔަ ހަރަދު ހޯދުމަށް ޑިސެމްބަރު މަސް ތެރޭ 'ދައުރު'ން ފިނޭންސް މިނިސްޓްރީއަށް ވެސް ހުށަހެޅި އެވެ. އެ އޮފީހުން މިދިޔަ މަހު ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މުލިއާގެ މަރާމާތަށް އެންމެ ފުރަތަމަ ހަމަޖެއްސީ 9.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ބަޖެޓުން ވެސް ނުވެގެން އިތުރު ބަޖެޓް ދިނުމަށް ރައީސް އޮފީހުން އެދުނުކަން ފިނޭންސްގެ ޖަވާބުން އެނގެ އެވެ.

"އިތުރު ބަޖެޓަކަށް އެދިފައިވީ ނަމަވެސް، މި ވުޒާރާއިން އަދި އެ ރިކުއެސްޓް ޕްރޮސެސްކޮށްފައިނުވާ ކަމަށާއި އެ ރިކުއެސްޓް ވަނީ މި ވުޒާރާގައި ޕެންޑިންގައި،" ފިނޭންސްގެ ޖަވާބުގައި ބުނެފައިވެ އެވެ.

އެ ޖަވާބުގައި ބުނީ ކަނޑައެޅި ބަޖެޓުގެ ތެރެއިން މުލިއާގެ މަރާމަތަށް މިހާތަނަށް ހަރަދުވީ ކިހާ އަދަދެއްގެ ފައިސާކަން ފިނޭންސް މިނިސްޓްރީއަށް އަދި ނޭނގޭ ކަމަށެވެ. 

 "މި މައުލޫމާތުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ މުލިއާގެއިން ލިބޭނެ ކަމުގައި ގަބޫލުކުރެވެ އެވެ،" އެ ޖަވާބުގައި އިތުރަށް ބުނެފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް