ރައީސްގެ ރަސްމީގެ، މުލިއާގެ

މުލިއާގެ

މުލިއާގެ މަރާމާތަށް 9.4 މިލިއަން ރުފިޔާ އަރާ؛ ތަފްސީލެއް ނުދޭ

އެތަނުގެ މަރާމާތައް ފުރަތަމަ ކަނޑައަޅީ 5.7 މިލިއަންގެ ބެޖެޓެއް އަދި ފަހުން 3.8 މިލިއަންގެ ބަޖެޓެއް ދިނުމަށް އެދިފައިވޭ

ރައީސްގެ ރަސްމީގެ، މުލިއާގޭގެ މަރާމާތަށް 9.4 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާކަން 'ދައުރު'އާ ހިއްސާކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ. އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން މުލިއާގެ މަރާމާތަށް ހިނގި ހަރަދުގެ ތަފްސީލް ހޯދުމަށް 'ދައުރު'ން ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ވަނީ އީމެއިލް މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދީފަ އެވެ. 

ތަފްސީލު - އެ މިނިސްޓްރީން ފޮނުވި މައުލޫމާތުތަކުގައި ބުނި ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 27 ނޮވެމްބަރު 2023ގައި މުލިއާގޭގެ މަރާމަތަށް އެންމެ ފުރަތަމަ އެދުނީ 5.7 މިލިއަންގެ ބަޖެޓެއް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު، އެ ފައިސާ އެއްކޮށް ބޭނުން ނުކުރެވޭ ކަމަށް ފިނޭންސުން ފާހަގަ ކުރި އެވެ.

 މިދިޔަ އަހަރުގެ ކަނޑައެޅި ބަޖެޓަށް ވުރެ މުލިއާގޭ މަރާމާރަށް އިތުރަށް ފައިސާ ބޭނުން ވާތީ މިދިޔަ މަހުގެ 10 ވަނަ ދުވަހު 3.8 މިލިއަން ރުފިޔާ އިތުތަށް ހަމަޖައްސައިދޭން އެދިފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. 

"މިކަމަށް ކަނޑައެޅުނު [5.7 މިިލިއަން ރުފިޔާގެ] ބަޖެޓު 2023 ވަނަ އަހަރު ފުރިހަމައަށް ބޭނުން ނުކުރެވި، މަރާމާތުގެ ދާއިރާ އިތުރުވެފައި ވާތީ، 10 ޖަނަވަރީ 2024ގައި 3,750,286.23ރ. [3.8 މިލިއަން ރުފިޔާ] ގެ އިތުރު ބަޖެޓަކަށް ސަރުކާރުގެ ފަރާތުން އެދުނު،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"އިތުރު ބަޖެޓަކަށް އެދިފައިވީ ނަމަވެސް، މި ވުޒާރާއިން އަދި އެ ރިކުއެސްޓް ޕްރޮސެސްކޮށްފައިނުވާ ކަމަށާއި އެ ރިކުއެސްޓް ވަނީ މި ވުޒާރާގައި ޕެންޑިންގައި."

މެއިލްގައި ބުނީ ކަނޑައެޅި ބަޖެޓުގެ ތެރެއިން މުލިއާގެ މަރާމަތަށް މިހާތަނަށްހަރަދުވީ ކިހާ އަދަދެއްގެ ފައިސާކަން ފިނޭންސް މިނިސްޓްރީއަށް އަދި ނޭނގޭ ކަމަށެވެ. 

 "މި މައުލޫމާތުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ މުލިއާގެއިން ލިބޭނެ ކަމުގައި ގަބޫލުކުރެވެ އެވެ." މެއިލްގައި އިތުރަށް ބުނެފައިވެ އެވެ. 

ގުޅުން ހުރި ކަމެއް- މިދިޔަ ޑިސެމްބަރު މަހު ފަސް ވަނަ ދުވަހު 'ދައުރު'ން ވަނީ، މުލިއާގެ މަރާމާތައް ދިޔަ ހަރަދުތަކުގެ ތަފްސީލުތައް ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިތުރުން، ރައީސް އޮފީހުގައި ވެސް އެދިފަ އެވެ. އެގޮތުން:

  • ގާނޫނުން ޖަވާބުދާރީވުމަށް ލިބޭ 14 ދުވަސް މުއްދަތު ހަމަވެގެން، އިތުރު 14 ދުވަހަށް މުއްދަތު އިތުރު ކުރިކަމަށް ރައިސް އޮފީހުން މިދިޔަ ޑެސްމަބަރު މަހު26ގައި މެއިލްކޮށްފައިވޭ

  • ނަމަވެސް އެ މުއްދަތު ވެސް ހަމަވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީއިރު، ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވޭ

ފާހަގަކޮށްލެވޭ ކަމެއް - މީގެ 100އެއްހާ އަހަރު ކުރިން ބިނާކޮށްފައިވާ މުލިއާގެ މަރާމާތު ކުރަން ޖެހޭތީ، ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހު ރައީސް ދިރިއުޅުއްވީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގަ އެވެ. އެމަނިކުފާނު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ، މިމަހު ކުރީކޮޅު އެވެ.

ކޮމެންޓް (1)

ޙަސަނު

26 ފެބްރުއަރީ 2024
މުލިއާގެ އެއްކޮށް ތަޅާފަ މަދުވެގެން 2-3 ބުރިއަށް ނަގަންވެސް ތިވަރު ދާނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް