ރިޔާސީ ގަނޑުވަރު މުލިއާގެ
މުލިއާގެ މަރާމާތު ކުރާނީ އަސްލަށް ގެއްލުން ނުވާނެހެން
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާނެހެން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް ދިރިއުޅުއްވަމުން މިވަގުތު ގެންދަވަނީ އަމިއްލަފުޅު ގެކޮޅު، މ. ދިމްޔާތުގަ އެވެ.
ރައީސްގެ ރަސްމީގެކޮޅުގެ ގޮތުގައި ބޭނުންކުރާ މުލިއާގެ މަރާމާތުކޮށް ނިމެންދެން އެމަނިކުފާނު ދިރިއުޅުއްވާނީ ދިމްޔާތުގައި ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.
ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، މަރާމާތު ކުރި ނަމަވެސް މުލީއާގޭގެ ތާރީހީ އާސާރީ ގެކޮޅުގެ އަސްލަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
"މަރާމާތުގެ ކަންތައްތަކަކީ އޭގެ ޒާތުގައި ވެސް އާންމު އުސޫލުން ކޮންމެ ފަހަރަކު ވެސް، އަދި ވެރިކަން ބަދަލު ނުވި ނަމަވެސް ތަނުގެ މެއިންޓެނެންސްއަށް ކުރަން ޖެހޭ މަސައްކަތްތަކާ، މިހެން ހުރި މަސައްކަތްތަކެއް އެތަނުގެ ތެރޭގައި ކުރެވިގެންދާނެ،" ފިރުޒުލްް ވިދާޅުވި އެވެ.
"ރައީސްގެ މައިގަނޑު ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެއް ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެ ތަރިކައިގެ އެންމެ ބޮޑު އެއް ބަޔަކީ މިހެން ހުރި އާސާރުތައް. އާސާރުތަކަށް އުނިކަން ލިބޭނެހެން އެއްވެސް ކަމެއް ނުކުރާނެ."
މުލިއާގޭގެ މަރާމާތަށް ހަރަދުވާނެ ސީދާ އަދަދެއް ފިރިޒުލް ވިދާޅެއް ނުވެ އެވެ. ނަމަވެސް 'ޗެކް ކޮށްލުމަށް ފަހު އެ އަދަދު ހިއްސާކުރާނެ' ކަމަށް އޭނާ ވިދާޅުވި އެވެ.
މުލިއާގެ:
-
އެ ތަން ބިނާކޮށްފައިވަނީ މީގެ ގަރުނެއް ކުރިން، އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި
-
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލިއާގޭގައި ދިރިއުޅުއްވި
-
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމުގެ ފަހު ދުވަސްކޮޅު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވި؛ ނަމަވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދިރިއުޅުއްވީ އަމިއްލަ ގެކޮޅުގައި އަދި އޭގެ ކުރިން ރިޔާސީ ގަނޑުވަރު ބޭނުންކުރެއްވީ ސިޔާސީ މަސައްކަތްތަކަށް
ކޮމެންޓް (1)
ބެއްޔާގެ ދަރި