ރައީސް އޮފީހުން 28 އޭޕްރީލް 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީޙުގެ ތަރުޖަމާން ހީނާ ވަލީދު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރާނަން: ހީނާ

ހީނާ ވިދާޅުވީ މައުލޫމާތު ހާމަކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ކަމަށާއި ސްޓޭންޑަކީ ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަކުރުން ކަމަށް

ސަރުކާރުގެ އެކި ތަންތަނަށް މިހާތަނަށް އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700އަށް ވުރެ ގިނަ ނުުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެވަޑައިގަތެވެ. ނަމަވެސް، މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އެކި މީހުންނަށް ދީފައިވާ ކަމުގެ ކަންބޮޑުވުން އެޗްއާރުސީއެމްގެ ރިޕޯޓެއްގައި ވެސް ވަނީ ފާޅުކޮށްފަ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މިހާތަނަށް އައްޔަން ކުރި މީހުންގެ މުސާރަތައް ހިމެނޭހެން އެ މަގާމުތަކުގެ ތަފްސީލު ހޯދަން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، 'ދައުރު'ން މިދިޔަ ޑިސެމްބަރު މަހު، ރައީސް އޮފީހުގައި އެދުނެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ގޮސް، މުއްދަތު އިތުރުކޮށްގެން ވެސް އެ މައުލޫމާތު އެ އޮފީހުން ދީފައެއް ނުވެ އެވެ.

އެކަމުގެ ޝަކުވާ 'ދައުރު'ގެ ފަރާތުން އައިކޮމްއަށް ހުށަހެޅުމުން، ތިން ދުވަހުގެ ތެރޭ އެ މައުލޫމާތު ހާމަކުރުމަށް މިދިޔަ މަހުގެ 28ގައި ރައީސް އޮފީހަށް އެންގި އެވެ. އެކަމަކު އެ މައުލޫމާތު އަދިވެސް ނުދެ އެވެ.

ބުނީ ކީކޭ؟ - ގިނަ ދުވަސްތަކެއް ފަހުން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކުރުމުން އެ އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ މަގާމުތަކުގެ ސީދާ އަދަދު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

"ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ބަޔަކު އެބަ ދައްކާ. ދެން މީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް ސިޔާސީ މަގާމުތަކުގެ އެކްޒެކްޓް ފިގާ ތިބޭފުޅުންނާ ހަމަޔަށް ފޯރުކޮށްދޭނަން،" ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވި އެވެ.

ބައެއް މައުލޫމާތުތައް ހާމަނުކޮށްގެން އައިކޮމްއިން އަންގާ އެންގުންތަކާ އެކު ވެސް މައުލޫމާތު ހާމަނުކުރުމާއި އޭގެ އިތުރުން އައިކޮމްގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ހާޒިރުނުވާ މައްސަލާގައި ވެސް ނޫސްވެރިން މިއަދު ސުވާލުކުރި އެވެ. ތަކުރާރުކޮށް ކުރި މި ސުވާލުތަކަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. 

މި ސަރުކާރު އައީ ވެސް މިދިޔަ ސަރުކާރުން މައުލޫމާތު ހާމަނުކުރާ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްގެންކަން ފާހަގަކޮށް، އެ ސްޓޭންޑް މިހާރު ބަދަލުވީތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. އެ ސުވާލުތަކަށް ހީނާ ވިދާޅުވީ ސަރުކާރުގެ ސްޓޭންޑަކީ މައުލޫމާތު ހާމަކުރުން ކަމަށާއި އެ ސްޑޭންޓު ބަދަލުނުވާ ކަަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާވެސް ބޮޑަށް މައުލޫމާތުތައް ހާމަކޮށްގެން ކުރިއަށްދިއުމުގެ ސިޔާސަތު. އެ ސިޔާސަތަކަށް ބަދަލެއް ނާދޭ. އެކަމަކު އެއްބަސްވުންތަކުގެ މައުލޫމާތުތައް ހާމަކުރުމުގައި އެބަ އޮވޭ ގާނޫނީ ނިޒާމުގެ ތެރެއިން ވެސް އެ އެއްބަސްވުންތައް ހާމަކުރެވޭ ގޮތްތަކެއް،" އެ މައުލޫމާތުތައް ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުންދާނެ ކަން ފާހަގަކުރައްވާ ހީނާ ވިދާޅުވި އެވެ.

އިދިކޮޅުގައި ތިއްބެވި އިރު، މިހާރުގެ ސަރުކާރުގެ އިސް ވެރިން އެންމެ ބޮޑަށް ފާޅުކުރީ އެކި ގައުމުތަކާ އެކު ކޮށްފައި ހުރި އެއްބަސްވުންތައް ސަރުކާރުން ހާމަނުކުރާ ކަމުގެ ކަންބޮޑުވުމެވެ. އޭގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދުގެ ތަފްސީލާއި، އިންޑިއާއާ އެކު ކޮށްފައި ހުރި އެއްބަސްވުންތަކުގެ ތަފްސީލު ހިމެނެ އެވެ.

ނަމަވެސް ސަރުކާރަށް ފަސް މަސް ވީ އިރު އެ މައުލޫމާތުތައް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާ ސިފައިންގެ އެއްބަސްވުންތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ވެސް ހީނާ ވިދާޅުވީ އެއްބަސްވުންތައް ހާމަކުރެވޭނެ ގޮތްތަކެއް އޮންނަ ކަމަށާއި އެ އެއްބަސްވުން ވެސް ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ފޮނުވާލި އިންޑިއާ ސިފައިންގެ އަދަދުތަކާ ބެހޭ ގޮތުން ސުވާލުުކުރުމުން ވެސް ހީނާ ފުރަތަމަ ވިދާޅުވީ އެ އަދަދުތަކުގެ މައުލޫމާތު އެކި މީހުން ކިޔަނީ އެކި ވަރަށް ކަމަށެވެ. ސީދާ ޖަވާބެއް ނުދެއްވި އެވެ.

އެއަށް ފަހު އެ އަދުދުތައް ސާފުކުރަން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ އަދަދުތައް ވެސް ފަހުން ހާމަކުރާނެ ކަމަށެވެ. 

އެނގުން މުހިންމު - 'ދައުރު'ން ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 17 ނޮވެމްބަރު 2023 އިން 17 ޑިސެމްބަރު 2023ގެ ނިޔަލަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ ނަމާއި އެމީހުން މަގާމާއި މުސާރަ/އިނާޔަތްތަކެވެ. އޭގެ ތެރޭގައި ހޯދަން އެދުނީ:

  • ސްޓޭޓް މިނިސްޓަރު/މިނިސްޓަރުގެ ފެންވަރުގައި އައްޔަން ކުރި ބޭފުޅުން

  • ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރި ބޭފުޅުން

  • މިނިސްޓްރީތަކަށް އައްޔަންކޮށްފައިވާ ސިޔާސީ ބޭފުޅުން

  • އެނޫން ވެސް ހުރިހާ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުން

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މައުލޫމާތު ނުލިބިގެން އާރްޓީއައިއަށް ލާ ހިސާބަށް ވެސް ނުދާނެ ކަމަށެވެ.

ކޮމެންޓް (3)

profile-image-placeholder

ަސަަސަ

28 އޭޕްރީލު 2024
އިންތިހާބަށް ނެދިމީހުން ކަނޑާލާފަ ހާމަ ކުރަންދޯ ފަހުން ނޭ މިކިޔަނީ..

ޑިމޮކުރަސީ އާއި ދެކޮޅު

28 އޭޕްރީލު 2024
ތި ކަންކަން ނުކޮށް ރާއްޖެއިން ޑިމޮކްރަސީ ނައްތާލަން ވީ !

ސަންތި މަރީ

28 އޭޕްރީލު 2024
ލޮލް. އެހެން ވީމާ މިއަދު ނޫސްވެރިންގެ ބައްދަލުވުން މި ބޭއްވީ "ފަހުން ހާމަ ކުރާނަން" މިހެން ބުނަންތަ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް