ރިޔާސީ ކެމްޕެއިން ތެރޭ ރައީސް މުއިއްޒު ތިނަދޫއަށް ވަޑައިގެން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ގދ. ތިނަދޫ

ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަ ދޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

މިއަދުން ފެށިގެން ތިނަދޫ ރަށު ކައުންސިލްގެ ދައުރުގެ ބާކީ މުއްދަތަށް ސިޓީ ކައުންސިލެއްގެ އެންމެހާ ބާރުތައް ލިބުމަށް އެއްވެސް ހުރަހެއް ނޯންނާނެ

ގދ. ތިނަދޫ ކައުންސިލަށް މިހާރުން މިހާރަށް، ސިޓީ ކައުންސިލަކަށް ލިބިގެންވާ އެންމެހާ ބާރުތައް ލިބުމުގައި ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަން ހައްލުކުރުމަށް އެމްޑީޕީގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްެޕެއިނާ ދިމާކޮށް ތިނަދޫއަށް ވަޑައިގެން، ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ރަށަކީ ސީޓީއެއް ކަމަށް އިއުލާން ކުރެއްވި އެވެ.

  • އެއާއެކު ގާނޫނީ މައްސަލަތަކެއް ފެންމަތިވެ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ނިންމާފައި ވަނީ އަލުން އިންތިހާބު ކުރެވެންދެން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް

  • ގާނޫނީ މައްސަލަތައް ކުރިމަތިވުމާ އެކު، އެމްޑީޕީން ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ހުށަހެޅި

ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވި ބިލު، މިދިޔަ ހަފްތާ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ 42 މެންބަރުންގެ ތާއީދާ އެކު ފާސްކޮށްފަ އެވެ.

ތަފްސީލު - ރައީސް މި ބިލު ތަސްދީގު ކުރެއްވުމާ އެކު، މިއަދުން ފެށިގެން މިހާރު އޮތް ތިނަދޫ ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވުމަށް ހުރަހެއް ނެތެވެ. އިސްލާހުގައި ބުނެފައި ވަނީ:

  • ސިޓީއެއްގެ ދަރަޖަ ދޭ ރަށެއްގެ ކައުންސިލުގެ ފަސް އަހަރުގެ ދައުރުގެ ބާކީ އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަަމަ، ސިޓީ ކައުންސިލަަކަށް އެ ކައުންސިލް ބަދަލުވާނީ އަލަށް އިންތިހާބުވާ ކައުންސިލަކުން ފެށިގެން ކަމަށް

  • އަދި އެ ކައުންސިލެއްގެ ދައުރުގެ ބާކީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވާނެ ކަމަށް؛ އެ އާއެކު އޭރު އިންތިހާބުކޮށްފައިވާ ރަށު ކައުންސިލް ވެސް ސިޓީ ކައުންސިލަކަށް ބަދަލުވާނެ ކަމަށް 

ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފައިލް ފޮޓޯ)

މިހާރު އޮތް ތިނަދޫ ކައުންސިލްގެ ފަސް އަހަރުގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރު އެވެ. އެހެންކަމުން މި ކައުންސިލަށް އަދިވެސް ބާކީ ދެ އަހަރެއްހާ ދުވަސް އެބައޮތެވެ.

މި އިސްލާހުގެ 51 ވަނަ މާއްދާގެ (ރ)ގައި ވާގޮތުން ރަށު ކައުންސިލަކަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭއިރު ކައުންސިލްގެ ރައީސްއަކަށް ހުންނަ މީހަކު ސިޓީގެ މޭޔަރަށް އަދި ނައިބު ރައީސް ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ އެވެ. އޭގެ އިތުރުން ރަށު ކައުންސިލް މެންބަރުން ސިޓީ ކައުންސިލްގެ މެންބަަރުންނަށް ބަދަލުވާނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

"މިގޮތަށް ބަދަލުވާ ސިޓީ ކައުންސިލް ދެމިއޮންނާނީ އެގޮތަށް ބަދަލުވި ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން،" އެ އަކުރުގައި އިތުރަށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން މިހާރު އޮތް ތިނަދޫ ކައުންސިލްގެ ދައުރު ހަމަވަންދެން އެ ކައުންސިލަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑައެޅޭނެ އެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ސަރުކާރުގައި ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމުުގެ ކުރިން ރައީސް މުއިއްޒު ވެސް، ރިޔާސީ ކެމްޕެއިން ތެރޭ، ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ތިނަދޫއަށް ސީޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް