ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މިއީ ތަރައްގީވެފައިވާ ރަށެއް

ގދ. ތިނަދޫ

ސިޓީގެ ދަރަޖައާ އެކު ތިނަދޫ މީހުން އުފަލުން ފޮޅިފައި

ސިޓީއެއްގެ ދަރަޖަ ލިބުމާ އެކު، އެ ރަށަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށް އެ މީހުން ގަބޫލު ކުރޭ

ރަށުގެ މަތިން ނަގާފައިވާ ފޮޓޯއަކަށް ބަލާލައިފި ނަމަ ފެންނާނީ، އުމްރާނީ ތަރައްގީގެ މިސާލެކެވެ. ރަށުތެރޭގައި ބުރެއް ޖަހާލައި ތަންކޮޅެއް ގާތުން ބަލާލައިފި ނަމަ، ފެންނާނީ ތަފާތު ހިދުމަތްތަކެއް އެއް ތަނަކުން ލިބޭ، ވަސީލަތްތައް ފުރިހަމަވެފައިވާ އިދާރާތަކާއި މުއައްސަސާތަކެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ތިނަދު އަކީ ސިޓީއެއް ކަމަށް، މާ ކުރިން އެ ރަށުގެ މީހުން ބަލަން ފަށައިފި އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ރަސްމީކޮށް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމާ އެކު، އެ ރަށު މީހުންނަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފަލެކެވެ. ރަށު މީހުންގެ ވާހަކަތަކުން އެކަމާ މެދު ފަހުރުވެރިވާ މިންވަރު އެނގެ އެވެ.

"ތިނަދޫއިން ނުލިބޭ ހިދުމަތެއް ކިޔާބަލަ. ތައުލީމަށް ބެލިޔަސް، ސިއްހީ ހިދުމަތަށް ބެލިޔަސް، ނޫނީ ވަޒީފާގެ ފުރުސަތުތަކަށް ބެލިޔަސް، މި ރަށް އުޅޭނީ މި ސަރަހައްދުތަކުގެ ރަށްތަކަށް ވުރެ މާ ކުރީގައި،" ތިނަދުއަށް އުފަން، މުހައްމަދު ހަމީދު، 53 ބުންޏެވެ.

"އެހެންވެ، އަޅުގަނޑު މިދަންނަވަނީ، މި ތަނަށް ތިނަދޫ ސިޓީއޭ ކިޔަން މިހާރު މާ ލަސް ވެސް ވެއްޖެއޭ."

ތިނަދޫގެ މަގެއްގެ މަތިން ކުއްޖަކު ބައިސްކަލްގައި ދަނީ

ތިނަދޫގެ މީހުން ގަބޫލުކުރާ ގޮތުގައި، އެ ރަށުގައި މުސްތަގްބަލެއް އެބައޮތެވެ. ތާރު އަޅާފައިވާ މަގުތަކާއި ހިދުމަތްތައް ގިނަ ހޮސްޕިޓަލާއި ފެންވަރު ރަނގަޅު ސްކޫލާ އެކު، ބޯހިޔާވަހިކަން އެބަ އޮތެވެ. ކޮންމެ މީހަކަށް ވެސް އެ ރަށުގައި ވަޒަންވެރިވުމުގެ ފުރުސަތު އެބަ އޮތެވެ.

"މިއީ މުޅި ހުވަދުއަތޮޅަށް ލިބުނު ފަހުރެއް. އަޅުގަނޑުމެންނަށް ހައްގު ދަރަޖައެއް،" ތިނަދޫގެ އެހެން މީހަކު ބުންޏެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އެ ރަށަށް ވަޑައިގެން، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށާއި ދެން ތިނަދުއަށް އެނބުރި ވަޑައިގަންނަވާނީ އެކަން އިއުލާން ކުރައްވާ ޖަލްސާއަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން އެ ރަށުގެ ވެރިންނާއި ރަށަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން ބޭނުންވެވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެ ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރަށުގެ އާބާދީ، ގާނޫނުގައި ކަނޑައަޅާފައި އޮންނަ މިންވަރަށް ވުރެ މަދުވުމެވެ.

ތިނަދޫގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަބާދީއަކީ 5،390 މީހުންނެވެ. މިދިޔަ 16 ޖުލައިގެ ނިޔަލަށް ތިނަދޫގައި ރަޖިސްޓްރީވެފައިވާ އާބާދީގެ އަދަދަކީ 7،906 އެވެ. ގާނޫނީ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި، ރަޖިސްޓްރީވެފައިވާ އާބާދީ 10،000އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.

އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން ވެސް އެ މިންގަނޑު ތެރޭގައި ހިމެނެ އެވެ.

ގދ. ތިނަދޫ: މިހާރު އެއީ ސިޓީއެއް (ފައިލް ފޮޓޯ/އައިލްސް)

ތިނަދޫގެ ވެރިންނާއި އާއްމުންގެ ވާހަކައަކީ ރަޖިސްޓްރީ ވެފައިވާ އާބާދީ، 10،000އާ ގާތްކޮށްފައި ހިއްކައިގެން ރަށް އިތުރަށް ބޮޑު ކުރުމުގެ ފުރުސަތު އޮތް ނަމަ، ސިޓީއެއްގެ ދަރަޖަ އެ ރަށަށް ނުލިބެން ޖެހޭ ސަބަބެއް ނެތެވެ.

މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު، އަބްދުﷲ ސަނީފް ވެސް މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވެފައިވަނީ، އެ މިންގަނޑުތަކަށް ބަލައި ފުވައްމުލަކާއި ހދ. ކުޅުދުއްފުއްޓަށް ވެސް ސިޓީގެ ދަރަޖަ ނުދެވޭނެ ކަމަށާއި އެއީ އިތުރަށް ބޮޑު ނުކުރެވޭނެ ދެ ރަށް ކަމަށެވެ. އެހެންވެ، ގާނޫނު ބަދަލުނުކޮށް ހާއްސަ އިޖުރާއަތްތަކުގެ ތެރެއިން ތިނަދޫ ސިޓީއަކަށް ހެދޭނެ ކަމަށް އެ ދުވަހު ވެސް އޭނާ ވަކާލާތު ކުރެއްވި އެވެ.

މިއަދު ތިނަދޫގެ ގިނަ ބަޔަކު ތިބީ އުފަލުންނެވެ. ސިޓީއެއްގެ ދަރަޖަ ލިބުމާ އެކު، އެ ރަށަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އަދި އެއީ މުޅި ހުވަދު އަތޮޅަށް ވެސް ލިބޭނެ ފަހުރެއް ކަމަށް ދެކެ އެވެ.

މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑުއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވާއިރު، އެ ލިސްޓަށް ތިނަދޫ އެރުމުން ރާއްޖޭގެ ހާއްސަ ރަށަކަށް އެ ތަން ވީ އެވެ. 

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، މަޝްރޫއުތައް ހިންގުމުގައި ވެސް، ހިދުމަތްތައް ދިނުމުގައި ވެސް ސަރުކާރުން ދެން ތިނަދުއަށް އިތުރަށް ބަލާނެ،" އެ ރަށުގެ ޒުވާނަކު ބުންޏެވެ.

"އަޅުގަނޑުމެންނަކީ ސިޓީއެއްގެ ރައްޔިތުން. މިއީ ތިނަދޫ ސިޓީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް