ގދ. ތިނަދޫ: އެ ރަަށަށް ސިޓީއެއްގެ ދަރަޖަ ދީފައި ވިޔަސް ކައުންސިލު އޮތީ ގާނޫނީ އޮޅުންބޮޅުމެއްގައި (ފައިލް ފޮޓޯ/އައިލްސް)

ގދ. ތިނަދޫ

ތިނަދުއަށް ސިޓީއެއްގެ ނަން، ދެން މިއައީ ބޮޑު ހިޔާލު ތަފާތުވުމެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި. އެކަމަކު ރަށު ކައުންސިލް ސިޓީ ކައުންސިލަށް ވާނެތޯ، ކައުންސިލްގެ ރައީސް މޭޔަރަށް ވާނެތޯއާ މެދު އޮތީ ސުވާލު
11 ޑިސެމްބަރު 2023
1

ގާނޫނު ޝަރުތު ކުރާ 10،000 މީހުންގެ އާބާދީ ހަމަނުވިޔަސް ތިނަދޫ ސިޓީއަކަށް ހެދުމަކީ، އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ތާރީހެއް ވެސް އޮތް، އެ ރަށުގެ ރައްޔިތުން ދުށް ހުވަފެނެކެވެ. ސިޓީއަަކަށް ބަދަލުކޮށްދިނުމަށް އެދި ޖެނުއަރީ 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން ގެންދިޔައީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ސިޓީ ފޮނުވަމުންނެވެ. އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދީގެން ވިޔަސް އާބާދީ ހަމަކުރަން ކައުންސިލުން މަސައްކަތް ކުރި އެވެ.

ގާނޫނު ބުނާ އަދަދަށް ރަށުގެ އާބާދީ ހަމަނުވިޔަސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ކުުއްލި ގޮތަކަށް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވައިފަ އެވެ. އެ ނިންމުމުގައިވާ ގޮތުން ސިޓީއަކަށް ވުމުގެ ހުރިހާ ޝަރުތެއް އެ ރަށުގައި ފުރިހަމަ ވެއްޖެ އެވެ.

 ގދ. ތިނަދުއަށް ވަޑައިގެން އޭރުގެ ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ: އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވީ އެމަނިކުފާނު (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

އޭރުގެ ރައީސް ސޯލިހު ތިނަަދުއަށް ސިޓީއެއްގެ ދަރަަޖަ ދެއްވުމަކީ އިއްތިފާގެއް ނޫނެވެ. ވާދަވެރި ކެންޑިޑޭޓު، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އޭރު އޮތީ އެމަނިކުފާނު އިންތިހާބުވިޔަސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވަން ވައުދުވެވަަޑައިގެންފަ އެވެ. ބޮޑު އާބާދީއެއް އޮތް ތިނަދޫން އަގުލަބިއްޔަތު ނެގުމުގެ މުހިންމުކަން ދެ ބޭފުޅުންނަށް ވެސް އެ ދަނޑިވަޅުގައި އިންތިހާއަށް ބޮޑެވެ. އެހެންވެ، ސޯލިހުގެ އެ ނިންމެވުން ބައެއް އާންމުންނަށް ސިފަވީ އިސްތިރާޖީ ގޮތުން ނިންމެވި ސިޔާސީ ނިންމެވުމެއްގެ ގޮތުގަ އެވެ.

ކެމްޕެއިނުގެ ތެރޭގައި ތިނަދޫ ރައްޔިތުންގެ އުންމީދުތައް ހާސިލުވީ ކަމަށް ހީވިޔަސް، ހަގީގަތަކީ ނަމެއް ދިނުން ފިޔަވައި އިތުރު ބަދަލެއް އަދި ނުގެނެވޭ ކަމެވެ. އެ ރަށުގެ ކައުންސިލުން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ފާހަގަކުރި މައްސަލަތަކުން އެކަން އެނގެ އެވެ.

ސިޓީތަކުގެ އެންމެ އިސް ވެރިންގެ ގޮތުގައި މޭޔަރުން އިންތިހާބު ކުރަން ޖެހޭއިރު، މިދިޔަ ކައުންސިލް އިންތިހާބުގައި ތިނަދޫން އިންތިހާބުކުރި ކައުންސިލުގެ ރައީސް ސައުދު އަލީއަކީ ގާނޫނީ ގޮތުން މޭޔަރެއް ކަމެއް ނުވަތަ އަދިވެސް ރަށު ކައުންސިލުގެ ރައީސް ކަމެއް ސާފެއް ނޫނެވެ. ލާމަރުކަޒީ ކޮމިޓީގައި ދެ ގޮތަށް ވެސް އޭނާއާ މުހާތަބުކުރި އެވެ.

ތިނަދޫ ކައުންސިލުގެ ޝަކުވާތަކާއި ސުވާލުތައް:

  • 1-

    ބައެއް އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލްގެ ނަން ހިމަނައިގެން މުއާމަލާތުކުރާއިރު، އެހެން ބައެއް އިދާރާތަކުން އަދިވެސް މުއާމަލާތު ކުރަނީ ރަށު ކައުންސިލެއް ކަމަށް ބަލައިގެން

  • 2-

    ތިނަދޫ ސިޓީއަކަށް ހެދުމުން ކައުންސިލު ރައީސް މޭޔަރަށް ވެ، ދެން ތިބި މެމްބަރުން ސިޓީ ކައުންސިލުގެ މެމްބަރުންނަށް އޮޓޯއިން ވާނެތޯ 

  • 3-

    މިހާރު އިންތިހާބުވެފައި އޮތް ކައުންސިލަށް ސިޓީ ކައުންސިލެއްގެ މުސާރަ ނެގޭނެތޯ

  • 4-

    ސިޓީ ކައުންސިލަކަށް ބަދަލުވުމުން ރަށު ކައުންސިލުގެ އެސްޖީ ވެސް ސިޓީ ކައުންސިލުގެ އެސްޖީއަށް ބަދަލުވާނެތޯ

"ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައި އޮތް އޮތުން ފުރިހަމަ މާނައިގައި ބަދަލުކުރެވިގެން ދާނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މަސްއޫލިއްޔަތާ އެއްވަރަށް މަސްއޫލިއްޔަތު އަދާކުރަން ތިބި ފަރާތްތަކުގެ ވެސް ހައިސިއްޔަތު ބަދަލުވެގެން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ސައުދު ވިދާޅުވި އެވެ.

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، ކެމްޕޭންގައި ތިނަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ

ލާމަރުކަޒީ ގާނޫނު ބުނަނީ ކީކޭ؟

މީގެ ކުރިން ސިޓީއެއްގެ ދަރަޖަ ދިން ކުޅުދުއްފުއްޓާއި ފުވައްމުލަކަށް އެ ދަރަޖަ ދިން އިރު އެ ދެ ރަށުގެ ކައުންސިލުތައް އޮޓޯއިން ސިޓީ ކައުންސިލަކަށް ބަދަލެއް ނުވެ އެވެ. ސިޓީއެއްގެ ގޮތުގައި ކަނޑައެޅިޔަސް ސިޓީ ކައުންސިލެެއް އިންތިހާބުކުރީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ފަސްވި 2021ގެ ކައުންސިލު އިންތިހާބުގަ އެވެ. އެ ދެ ކައުންސިލަށް ބޭފުޅުން އިންތިހާބުވުމާ އެކު އޭރުގެ ރައީސް ސޯލިހު ވަނީ ސިޓީ ކައުންސިލުތަކުގެ އިދާރާތައް ވެސް އުފައްދަވައިފަ އެވެ. އެކަމަށް ލާމަރުކަޒީ ގާނޫނު އޮތީ ފަހިކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ޝަރުތުތައް ހަމަވާ ނަމަ ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ވަކި ރަށަކަށް ނުވަތަ ސަރަހައްދަކަށް އެދެވިދާނެ އެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ނަމަ އެ ރަށެއް ނުވަތަ ސަރަހައްދެއްގެ ހުށަހެޅުން ގަބޫލުކޮށް ސިޓީއެއްގެ ދަރަޖަ ރައީސުލްޖުމްހޫރިއްޔާ ދޭންވާނެ ކަމަށް އޮންނަނީ އެ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގަ އެވެ.

އެ މާއްދާގެ (ނ)ގައި ވަނީ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅަނީ، އެ ރަށް ހިންގުމަށް އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން ނަމަ، އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވި ވިޔަސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށް އިންތިހާބުވެފައި އޮތް ރަށު ކައުންސިލު ކަމަށެވެ. 

އޭގެ އިތުރުން، އެ ރަށް ސިޓީއަކަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، އެ ރަށު ކައުންސިލަށް ލިބިގެންވާ ކަމަށް އެ 51 ވަނަ މާއްދާގެ (ބ)ގައި އޮވެ އެވެ. އަދި ސިޓީއަކުން ލިބިދޭން ޖެހޭ ކަމަށް  ގާނޫނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް އެ ސިޓީން ލިބިދޭންވާނެ ކަމަށް ވެސް އެ އަކުރުގައިވެ އެވެ.

އެލްޖީއޭއިން ދެކެނީ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ތިނަދޫ ކައުންސިލުގެ އިތުރުން އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް ޝައްމޫން އާދަމް އާއި ކައުންސިލުތަކުގެ މިނިސްޓަރު އާދަމް ޝަރީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތިނަދޫ ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ޝައްމޫން ފާހަގަކުރެއްވީ ކުޅުދުއްފުއްޓާއި ފުވައްމުލައް ސިޓީއެއްގެ ދަރަޖަ ދިން އިރު އެ ރަށްތަކުގެ ސިޓީ ކައުންސިލަށް ބޭފުޅުން އިންތިހާބުވުމާ އެކު، އެއިން ކޮންމެ ސިޓީ ކައުންސިލަކަށް ވަކި އިދާރާއެއް ރައީސް އުފައްދެވި ކަމެވެ. އޭގެ ފަހުން، ސިވިލް ސާވިސް ވަކި ނަމްބަރުތަކެއް ދީގެން އެރޭންޖުމަންޓު ހަދައި އިންތިޒާމުތައް ފުރިހަމަކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަރުހަލާ ނިމެންދެން ރަށް ހިންގަމުން ދިޔައީ ސިޓީއަކަށް ހެދި އިރު އޮތް ރަށު ކައުންސިލުންނެވެ.

ޝައްމޫން ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ތިނަދޫ ސިޓީއަކަށް ބަދަލުކުރި އިރު ވިސްނާފައި އޮތީ ކުޅުދުއްފުއްޓާ އެއްގޮތަށް ރަށު ކައުންސިލެއް ބާއްވައިގެން ކުރިއަށް ގެންދިޔުމަށެވެ.

"އަޅުގަނޑުމެން ރައީސް އޮފީހުގެ ޕޮލިސީ އޮފީހާ އެކު ވަރަށް މަސައްކަތް ކުރިން. ދެން އެ ބޭފުޅުންގެ އިންޓަޕްރިޓޭޝަނަކަށް ވީ ކުރީގައި ވެސް ކުޅުދުއްފުށީގައި އޮތް ގޮތަށް އޮންނާނީ ސިޓީ ކައުންސިލު އިންތިހާބު ވަންދެން ހަމަ އޮންނާނީ ރަށު ކައުންސިލު ކަމަށް އިންޓަޕްރިޓްކޮށްގެން އަސްލު އެ މަސައްކަތް ކުރިއަށްގެންދެވުނީ،" އޭނާ ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށި: ސިޓީއަކަށް ބަދަލުކުރި ފަހުން ސިޓީ ކައުންސިލް އުފެއްދީ ދެން އޮތް ކައުންސިލް އިންތިހާބުގައި (ފައިލް ފޮޓޯ/ އިރުޝާދު)

ޝައްމޫން ވިދާޅުވި ގޮތުގައި ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާފައިވާ ގޮތަށް، މޭޔަރަކާއި ކައުންސިލެއް އިންތިހާބުވުމުން ރައީސުލްޖުމްހޫރިއްޔާ ސިޓީ ކައުންސިލަށް އިދާރާއެއް އުފައްދަން ޖެހޭ ކަމަށް އެލްޖީއޭއިން ދެކެ އެވެ. އަދި އެގޮތަށް އިދާރާއެއް އުފެއްދޭނީ އިންތިހާބެއް ބާއްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަން ދެ އަހަރާއި ބައި ކުރިއަށް އޮތް އިރު، މި މައްސަލައަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް އޭނާ ދެކެވަަޑައިގަންނަވަ އެވެ. އެހެންވެ މަޖިލީހުން ގާނޫނަށް އިސްލާހެއް ގެނެސް، ތިނަދުއަށް ސިޓީ ކައުންސިލެއް އިންތިހާބުކުރަން އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި މަސައްކަތް އަސްލު ނުގޮސް އޮތީކީ އެލްޖީއޭގެ އިހުމާލަކުން ނޫން. މި މަސައްކަތް ނުގެންގޮސް އޮތީ މީގެ ކުރީގައި ވެސް ރާއްޖޭގައި ކަންތައްތައް ވެފައި އޮތް ގޮތަށް އިޖުރާއަތްތައް ފޮލޯކުރެވިފައި ނެތީމަ ދެން ހުރި މުއައްސަސާތަކަށް އަސްލު ވާންވީ ގޮތެއް ނޭނގި ހުރީމަ،" ޝައްމޫން ވިދާޅުވި އެވެ.

އޮޓޯއިން މޭޔަރަށް؟

ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގެ މަސައްކަތުގައި އުޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވެސް ކޮމިޓީ ބައްދަލުވުމުގައި އޭނާގެ ރައުޔު ހާމަކުރެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އެ ކައުންސިލު އޮޓޯއިން ސިޓީ ކައުންސިލަށް ވެގެންދާނެ އެވެ. އަދި ރަނގަޅަށް މާނަކުރެވެން އޮތް ކަމެއްގައި "މާ ބޮޑަށް ކޮމްޕްލިކޭޓު"ވާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހިސާން ވިދާޅުވ، ވަކި ރަށަކީ ސިޓީއެއް ކަމަށް ރައީސް ކަނޑަައަޅުއްވާ ހިސާބުން އެ ރަށް ހިންގާނީ އޭރު އޮތް ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައި އަދި ސިޓީއެއްގެ ހިދުމަތްތައް ވެސް އެ ކައުންސިލުން ދޭންވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުން ދޭހަވަނީ ސިޓީއެއްގެ ދަރަޖަ ދޭ އިރު އޮންނަ ކައުންސިލު ސިޓީ ކައުންސިލަށް ބަދަލުވެގެންދާނެކަން ކަމަށެވެ.

"ދެން ސިޓީއަކަށް ބަދަލުވެފައި ހުރިހާ ހިދުމަތެއް ދޭ އިރު އެ އިދާރާއަށް ކިޔަނީ ރަށު ކައުންސިލޭ ބުނީމަކާ އަޅުގަނޑަކަށް ހަމަގައިމު މި މާނަކުރުމުގައި ހަމަޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވި އެވެ.

ރަށެއް ސިޓީއަކަށް ބަދަލުވާ ފަހުން، އެ ރަށް ހިންގާނީ އޭގެ ކުރިން އެ ރަށް ހިންގަން 'އިންތިހާބުވެފައި' އޮތް ރަށު ކައުންސިލުންނޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައި އޮތުމުން، އެ އިބާރާތުން ވެސް އިތުރު އިންތިހާބެއް ބާއްވަން ނުޖެހޭކަން ދޭހަވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ގަބޫލުކުރައްވަނީ ސިޓީއަކަށް ބަދަލުކުރާ ހިސާބުން އޭރު އޮންނަ ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވާނެ ކަމަށް )ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

އޭގެ އިތުރުން އޭނާ ވިދާޅުވީ ގާނޫނުގައި އަވަށު އޮފީސް އުފެއްދުމާ ބެހޭ 52 ވަނަ މާއްދާގެ އިބާރާތުގައި ސިޓީ ކައުންސިލުގެ ދަށުން އަވަށު އޮފީސް އުފައްދަން ޖެހޭ ކަމަށް އޮތުމުން ވެސް ދަރަޖަ ދޭ ހިސާބުން ސިޓީއަކަށް ބަދަލުވާނެކަން ދޭހަވާ ކަމަށެވެ.

ހިސާންގެ އެ ރައުޔަށް ތިނަދޫ ކައުންސިލުގެ ލީގަލް އޮފިސަރު މުހައްމަދު ޝަރީފު ވެސް އެއްބަސްވެވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކައުންސިލުން ދެކެނީ މިހާރު ތިބި މެމްބަރުން އޮޓޯއިން ސިޓީ ކައުންސިލުގެ މެމްބަރުންނަށް އަދި ކައުންސިލުގެ ރައީސް މޭޔަރަށް ވާނެ ކަމަށެވެ.

ތިނަދޫ ކައުންސިލާއި އެލްޖީއޭ މިކަމުގައި ހިޔާލުތަފާތުވެފައި ވިޔަސް، ތިނަދޫ ކައުންސިލުން މިހާރު ވަނީ ސިޓީ ކައުންސިލުގެ މެމްބަރުންނާއި މޭޔަރަށް ލިބެން ޖެހޭ މުސާރަ އެއް މަހު ދީފަ އެވެ. މައްސަލަ ހައްލު ނުކުރެވެނީސް އެގޮތަށް މުސާރަ ދިނުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިހާރު ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ކައުންސިލުތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ކޮމިޓީގައި ވިދާޅުވީ ދެ އަހަރާއި ބައި ފަހުން ކައުންސިލް އިންތިހާބެއް ބާއްވަންދެން ބޮޑު ރަށެއްގައި ސިޓީއެއްގެ ފެންވަރުގައި ހިދުމަތް ނުދެވި އޮތުމަކީ އިންސާފެއް ނޫން ކަމަށެވެ. އެހެންވެ އެކަމަށް އަވަސް ހައްލެއް ހޯދަން ސަރުކާރުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެކަމަށް އޮތް ހައްލަކީ ގާނޫނީ ފަރުވާއެއް މަޖިލީހުން ހޯދައިދިނުމެވެ. އެގޮތުން ގާނޫނަށް އަވަސް އިސްލާހެއް ގެނަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނުދައްކާ ހަގީގަތެއް

ސިޓީއަކަށް ބަދަލުކުރަން ޖެނުއަރީ 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން ކުރަމުން ދިޔަ މަސައްކަތް ކުރިއަށް ނުކަނޑައި އޮތީ އެ ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000އަށް ނާރާތީ ކަމަށް ލާމަރުކަޒީ ކޮމިޓީގައި އެލްޖީއޭގެ ފަރާތުން ބުނެފައިވެ އެވެ.

ރަށެއް ސިޓީއަކަށް ބަދަލުވުމުގެ ޝަރުތުތައް:

  • 1-

    ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 އަށް ވުރެ ދަށްނުވުން.

  • 2-

    ޓާޝަރީ ހޮސްޕިޓަލެއް ހުރުން.

  • 3-

    ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން.

  • 4-

    ސިޓީގައި ކޮމާޝަލް ހާބަރެއްގެ ހިދުމަތް ލިބެން ހުރުން.

  • 5-

    ސިޓީގައި ބޭންކެއްގެ ހިދުމަތް ލިބެން ހުރުން.

ކޮވިޑް ވެކްސިން ޖެހި އަދަދުތަކަށް ބަލައި ތިނަދޫ ކައުންސިލުން ލަފާކުރަނީ އެ ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 12،000އަށް އަރާނެ ކަމަށެވެ. އެއީ ބިދޭސީންނާއި އެ ރަށުގައި ރަޖިސްޓްރީނުވެ ދިރިއުޅޭ މީހުން ވެސް ގުނައިގެންނެވެ. އެކަމަކު، 2022ގެ ބޯހިމެނުމުގެ ހިސާބުތަކުން އެނގޭ ގޮތުގައި އެ ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 7،867 މީހުންނެވެ.

ލާމަރުކަޒީ ގާނޫނުގައިވާާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ކަމަށް ތިނަދޫ ސިޓީއަކަށް ހެއްދެވުމަށް ފަހު ރައީސް ނެރުއްވި ގަރާރުގައިވެ އެވެ. ސިޓީއަކަށް ވުމުގެ ގާނޫނީ ޝަރުތަށް އެއްވެސް ބަދަލެއް ނައިސް، އެ ތަފާސްހިސާބުތައް ދައުލަތުގައި ލިބެން އޮއްވައި، ތިނަދޫގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000އަށް އަރާފައިވާ ކަމަށް ނިންމީ ކޮން ގޮތަކުން ކަމެއް ސާފެއް ނޫނެވެ.

ގާނޫނުގައި ބުނާ މި ޝަރުތު ފުރިހަމަނުވާކަން އެންމެ ފަހުގެ ބޯހިމެނުމުން ފެންނަން އޮއްވައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން ގޮތާ މެދު އެއްވެސް ފަރާތަކުން ރަސްމީކޮށް ސުވާލެއް ނުއުފައްދަ އެވެ. ގާނޫނުގައި ސަރީހަ އިބާރާތުން 'ރަޖިސްޓަރީވެފައިވާ އާބާދީ' ބަޔާންކޮށްފައި އޮއްވައި، އެ ނޫން ގޮތަކަށް އާބާދީ ބެލޭނެތޯ ވެސް ސުވާލު އުފެދެ އެވެ.

އާބާދީ ހަމަނުވެ، ތިނަދޫ ސިޓީއަކަށް ހެދުން މަޑުޖެހިފައި އޮއްވައި، ޝަރުތުތައް ހަމަވާ ކަމަށް ނިންމައި އެކަން ކޮށްދިނީ ރައްޔިތު މީހާ އެދެމުން ދިޔަ އެދުމަށް ވުރެ ބޮޑަށް، އިންތިހާބެއްގެ މެދުތެރޭގައި ބޮޑު ރަށެއްގެ އަގުލަބިއްޔަތު ކަށަވަރުކުރުން މުހިންމުކަން ބޮޑުވެފައި އޮތުމުންނެވެ. ފުރަތަމަ ވޯޓެވެ. ރޫތައް ފިލުވުން އޭގެ ފަހަށެވެ.

ކޮމެންޓް (1)

އބރހމ

13 ޑިސެމްބަރު 2023
ތިބުނާ ބޯހިމެނުމިގަ ބަޔެއް ގެތަނަށް ނުވަދޭ އަޅުގަނޑު ނިސްބަތްވާ ދެގެޔަކަށް ނުވަދޭ . މިގޮތައް ސާވޭކުދިން އެއްވެސް ގޮތަކަށް ނުވަންނަ އެތަކެއް ގެއެއް ތިނަދޫގަ އެބަހުރި މީ ހަގިކގަތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް