މަޖިލީހުގައި މީގެ ކުރިން ނެގި ވޯޓެއްގެ ތެރެއިން (ފައިލް ފޯޓޯ)

ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭން ހުށަހެޅި ބިލު ފާސްކޮށްފި

ތިނަދޫގައި މިހާރު އޮތް ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުން މީގެ ކުރިން ގާނޫނީ މައްސަލަތަކެއް ކުރިމަތިވި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ މިދިޔަ ސަރުކާރުން ދިން ނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިގެންވާ އެންމެހާ ބާރުތައް ލިބުމުގައި ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަން ހައްލުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްެޕެއިނާ ދިމާކޮށް ތިނަދޫއަށް ވަޑައިގެން، ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ރަށަކީ ސީޓީއެއް ކަމަށް އިއުލާން ކުރެއްވި އެވެ.

  • އެއާއެކު ގާނޫނީ މައްސަލަތަކެއް ފެންމަތިވެ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ނިންމާފައި ވަނީ އަލުން އިންތިހާބު ކުރެވެންދެން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް

  • ގާނޫނީ މައްސަލަތައް ކުރިމަތިވުމާ އެކު، އެމްޑީޕީން ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ހުށަހެޅި

އެ ބިލަށް ލާމަރުކަޒީ ކޮމިޓީން ގެނައި ބައެއް ކުދި ބަދަލުތަކާ އެކު މަޖިލީހުން މިއަދު ބިލު ފާސްކުރީ 42 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ތަފްސީލު - މަޖިލީހުން މިހާރު އެ ބިލު ފާސްކޮށްފައިވާ ގޮތުން، ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ އެކު ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން މިހާރު އޮތް ތިނަދޫ ރަށު ކައުންސިލް، ސިޓީ ކައުންސިލަށް ބަދަލުވުމަށް ހުރަހެއް ނެތެވެ. އެގޮތުން ބިލުގައި ބުނެފައި ވަނީ:

  • ސިޓީއެއްގެ ދަރަޖަ ދޭ ރަށެއްގެ ކައުންސިލުގެ ފަސް އަހަރުގެ ދައުރުގެ ބާކީ އެއް އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް އޮތް ނަަމަ، ސިޓީ ކައުންސިލަަކަށް އެ ކައުންސިލް ބަދަލުވާނީ އަލަށް އިންތިހާބުވާ ކައުންސިލަކުން ފެށިގެން ކަމަށް

  • އަދި އެ ކައުންސިލެއްގެ ދައުރުގެ ބާކީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވާނެ ކަމަށް؛ އެ އާއެކު އޭރު އިންތިހާބުކޮށްފައިވާ ރަށު ކައުންސިލް ވެސް ސިޓީ ކައުންސިލަކަށް ބަދަލުވާނެ ކަމަށް 

މިހާރު އޮތް ތިނަދޫ ކައުންސިލްގެ ފަސް އަހަރު ދައުރުގެ ހަމަވާނީ 2026 ވަނަ އަހަރު އެވެ. އެހެންކަމުން މި ކައުންސިލަށް އަދިވެސް ބާކީ ދެ އަހަރެއްހާ ދުވަސް އަބައޮތެވެ.

ގދ. ތިނަދޫ (ފައިލް ފޮޓޯ/އައިލްސް)

ބިލުގެ 51 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން ރަށު ކައުންސިލަކަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭއިރު ކައުންސިލްގެ ރައީސްއަކަށް ހުންނަ މީހަކު ސިޓީގެ މޭޔަރަށް އަދި ނައިބު ރައީސް ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ އެވެ. އޭގެ އިތުރުން ރަށު ކައުންސިލް މެންބަރުން ސިޓީ ކައުންސިލްގެ މެންބަަރުންނަށް ބަދަލުވާނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

"މިގޮތަށް ބަދަލުވާ ސިޓީ ކައުންސިލް ދެމިއޮންނާނީ އެގޮތަށް ބަދަލުވި ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން،" އެ އަކުރުގައި އިތުރަށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން މިހާރު އޮތް ތިނަދޫ ކައުންސިލްގެ ދައުރު ހަމަވަންދެން އެ ކައުންސިލަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑައެޅޭނެ އެވެ.

ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:

  • މިގޮތަށް ރަށު ކައުންސިލެއް، ސިޓީ ކައުންސިލަކަށް ބަދަލުވާ ހާލަތުގައި ސިޓީ ކައުންސިލަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިދޭ އެންމެހާ ބާރުތަކާއީ މަސްއޫލިއްޔަތުތައް އެ ކައުންސިލަކަށް ލިބިގެންވޭ

  • އެގޮތަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަކަށް ދޭން ޖެހޭ ބަޖެޓާއި ސިޓީ ކައުންސލްގެ މޭޔަރާއި މެންބަރުންނަށް ލިބެން ޖެހޭ މާލީ އިނާޔަތްތައް ވެސް ލިބިގެންދާނެ

  • އަދި ސިޓީއަކުން ފޯރުކޮށްދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހާ ހިދުމަތްތައް އެ ސިޓީއަކުން ފޯރުކޮށްދޭންވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް