ތިނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް، މިރަށަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަނީ ސިޓީއެއްގެ ދަރަޖަ ދީފައި.

ގދ. ތިނަދޫ

ސިޓީގެ ދަރަޖައާ އެކު ތިނަދޫ ކައުންސިލުން ބޮޑު މުސާރަ ނެގި މައްސަލަ ބަލަނީ

މި މައްސަލާގައި މަޖިލީހުން ވަކި ގޮތެއް ނުނިންމަނީސް، ތިނަދޫ ކައުންސިލުން ވަނީ ސިޓީ ކައުންސިލުތަކުގެ މެމްބަރުންނާއި މޭޔަރަށް ލިބިވަޑައިގަންނަވާ ޖެހޭ މުސާރަ އެއް މަހު ދީފައި
14 ޑިސެމްބަރު 2023

ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ އެކު، ތިނަދޫގެ ކައުންސިލުގައި ތިއްބަވާ ބޭފުޅުން ސިޓީ ކައުންސިލުތަކުގެ މެމްބަރުންނާއި މޭޔަރަށް ލިބިވަޑައިގަންނަވާ 'ބޮޑު' މުސާރަ ނަންގަވާފައިވާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މައްސަލައިގެ ފެށުން - ތިނަދުއަށް ކުއްލި ގޮތަކަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެގޮތަށް ނިންމެވީ، ސިޓީއަކަށް ވުމުގެ ހުރިހާ ޝަރުތެއް އެ ރަށުގައި ފުރިހަމަވެއްޖެ ކަމަށް ބުނެ އެވެ.

އެ ބަދަލާ އެކު، ލާމަރުކަޒީ ގާނޫނު މާނަކުރުމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، ތިނަދޫގެ ކައުންސިލުން ވަނީ ބައެއް ކަންކަން ސާފުކޮށްދޭން އެފިފަ އެވެ.

  • ތިނަދޫ ސިޓީއަކަށް ހެދުމުން ކައުންސިލް ރައީސް މޭޔަރަށްވެ، ދެން ތިއްބެވި މެމްބަރުން ސިޓީ ކައުންސިލުގެ މެމްބަރުންނަށް ވާނެތޯ

  • މިހާރު އިންތިހާބުވެފައި އޮތް ކައުންސިލަށް ސިޓީ ކައުންސިލެއްގެ މުސާރަ ނެގޭނެތޯ

  • ސިޓީ ކައުންސިލަކަށް ބަދަލުވުމުން ރަށު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވެސް ސިޓީ ކައުންސިލުގެ އެސްޖީއަށް ބަދަލުވާނެތޯ

އެ ކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ކުރިއަށް އެބަދެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ވަކި ގޮތެއް ނުނިންމަނީސް، ތިނަދޫ ކައުންސިލުން ވަނީ ސިޓީ ކައުންސިލުތަކުގެ މެމްބަރުންނާއި މޭޔަރަށް ލިބިވަޑައިގަންނަވާ ޖެހޭ މުސާރަ އެއް މަހު ދީފަ އެވެ.

ތަފްސީލް - އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެފަދަ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ. އެ ކޮމިޝަނުން މިހާރު މައްސަލަ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެނގުން މުހިއްމު - ލާމަރުކަޒީ ގާނަޫނުގެ 51 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން:

  • ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައަޅަނީ އެ ރަށް ހިންގުމަށް އިންތިހާބުކޮށްފައިވާ ރަށު ކައުންސިލުގެ ދައުރު ހަމަވުމުގެ ކުރިން ނަމަ، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން ވެސް އިންތިހާބުވެފައި އޮތް ރަށު ކައުންސިލުން

  • އޭގެ އިތުރުން، ރަށް ސިޓީއަކަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް ރަށު ކައުންސިލަށް ލިބިގެންވާ ކަމަށް އެ މާއްދާގެ (ބ)ގައި އޮވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް