ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ ( ފޮޓޯ/ ޕީޕީއެމް)

ތިނަދޫ ސިޓީއަކަށް ހެދުމުގެ ވައުދާ އެކު، މުއިއްޒު ވިދާޅުވީ 8،000 ހަމަވާ ނަމަ ސިޓީގެ ދަރަޖަ ދޭން ޖެހޭ ކަމަށް

ނަތީޖާ ނެެރެދިނުމުގެ ޓްރެކް ރިކޯޑާއި ދުރު ވިސްނުން އޮތީ އޭނާގެ ޓީމުގައިކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި

ގދ. ތިނަދޫ - އާބާދީގައި 8،000 ހަމަވާ ނަމަ އެ ރަށަކަށް ސިޓީގެ ދަރަޖަ ދޭން ޖެހޭ ކަމަށް ވިދާޅުވެ، ގާނޫނު އިސްލާހުކޮށްގެން މި ރަށަށް ސިޓީގެ ދަރަޖަ ދިނުމާ އެކު ގިނަ ވައުދުތަކެއް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މި ވައުދުތައް ވެވަޑައިގެންނެވީ، އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ތިނަދުއަށް ވަޑައިގެން، މި ރަށުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - މިރޭގެ ޖަލްސާގައި ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމުގެ ވާހަކަ ގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭ ތިނަދޫގައި 1 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގި ކަމަށެވެެ. އޭގެ ތެރޭގައި، މަގު ހެދުމާއި ބިން ހިއްކުމާއި އިސްލާމީ މަރުކަޒު އެޅުމާއި ހަައުސިން މަޝްރޫއުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ޔަގީން ކުރަނީ، ތިޔަބޭފުޅުން، މި ސިޓީގެ، މި ރަށުގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ ކަމެއް ކުރުމުގައި އަޅުގަނޑަށް އިތުބާރު ކުރައްވައި އަޅުގަނޑަށް ފުރުސަތު ދެއްވާނެ ކަމަށް،" ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ ވައުދު ވެވަޑައިގަތުމުގެ ކުރިން މުއިއްޒު ވިދާޅުވި އެވެ.

"އާދެ، އަޅުގަނޑަށް އޮޅިގެން ނަމަވެސް ސިޓީއޭ ދެންނެވިއްޖެ."

އެހެން ވިދާޅުވުމަށް ފަހު މުއިއްޒު ފާހަގަކުރެއްވީ:

  • އުމްރާނީ ގޮތުންނާއި ހިދުމަތް ދިނުމުގެ ވަސީލަތަކަށް ބެލިޔަސް ތިނަދޫގައި ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ވެފައިވޭ

  • އެކަން ކޮށްފައިވަނީ ޔާމީންގެ ސަރުކާރުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި

"އެހެންވީމަ، ގާނޫނުގައި މި އޮންނަ 10،000 މީހުންގެ އާބާދީ ކޮންމެހެން ހަމަވުމަކީ އެ ތަނުގައި ސިޓީއަކަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތަކާ [އަދި] އިންފްރަސްޓްރަކްޗާ ގާއިމްވެފައި ހުރި ކަމުގައިވާ ނަމަ، ލާޒިމް ކަމަކަށް ވާން ނުޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ތިނަދޫގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ސިޓީގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލު ކުރަނީ، ދިވެހި ރައްޔިތުން ގަބޫލު ކުރާނެ އަދި ޔަގީން ވެސް ކުރައްވާނެ، އެ ވިޝަން އާއި އެ ލީޑާޝިޕާއި އެ ހިންގުންތެރިކަމާއި އެ ނަތީޖާ ނެރެދިނުމުގެ ޓްރެކް ރިކޯޑް އޮތީ އަޅުގަނޑުމެންގެ ކަމަށް.

ޑރ. މުހައްމަދު މުއިއްޒު / ރިޔާސީ ކެންޑިޑޭޓު
މިރޭގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ- (ފޮޓޯ/ ޕީޕީއެމް)

މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، 10،000 މީހުންގެ އާބާދީގެ ބަދަލުގައި މުހިންމީ، އެ ތަނެއްގައި ސިޓީއެއްގެ ފެންވަރަށް ހިދުމަތް ދެވޭނެ ގޮތެއް އޮތުމެވެ. ތަރައްގީގެ ރާސްތާގައި ކުރިއެރުންތަކެއް ހޯދިފައި އޮތުމެވެ. އަދި އިތުރަށް ތަރައްގީ ކުރެވޭނެ ކަމުގެ މުސްތަގުބަލެއް އެ ތަނުގައި އޮތުމެވެ.

"އެހެންވީމަ، އަޅުގަނޑު ތިޔަބޭފުޅުންނަށް [ތިނަދޫގެ ރައްޔިތުން] 9 ސެޕްޓެމްބަރުގައި އޮންނަ ވޯޓުގައި އަޅުގަނޑުމެންނަށް އިތުބާރުކުރައްވައިިފި ނަމަ [ވެރިކަމަށް އިންތިހާބުކޮށްފި ނަމަ] ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ތިނަދު އަކީ ސިޓީއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ކަނޑައަޅައިދޭނަން،" ޖަލްސާއަށް ގޮސް ތިބި މީހުންގެ ހިނިތުންވުމާއި އަތްތިލަބަޑީގެ އަޑުގެ ތެރެއިން މުއިއްޒު ވިދާޅުވި އެވެ.

އެއަށް ފަހު، މުއިއްޒު ވިދާޅުވީ، އޭނާ "ގަބޫލު ކުރާ ގޮތުގައި 8،000 މީހުން ހަމަވާ ނަމަ، ސިޓީއަކަށް ހެދެންވާނެ" ކަމަށެވެ. ސިޓީއަކަށް ބަދަލުވުމާ އެކު ވަރަށް ގިނަ ދޮރުތައް ހުޅުވޭ ކަމަށް ފާހަގަކުރައްވައި މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، "އޭނާގެ އަތުގައި ތިނަދޫގެ ރައްޔިތުން ހިފައިފި ނަމަ" ތަރައްގީގެ ދުވެލީގައި އެ ރަށް ދާނީ ބާރު ދުވެލީގައި ކުރިއަށެވެ.

"މަސްވެރިކަމުގެ ދާއިރާއަށް ބެލި ނަމަވެސް، ދެން ހުރި ދިމަދިމާއަށް ބެލި ނަމަވެސް، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ ޕީޕީއެމް)

އެނގުން މުހިންމު - އާބާދީގައި 8،000 ހަމަވާ ނަމަ، ސިޓީގެ ދަރަޖަ ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، އެންމެ ފަހުން މިދޔަ އަހަރު އެކުލަވާލި ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ތިނަދޫގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 6،200 އެވެ.

ގުޅުން ހުރި ކަމެއް - މިރޭގެ ޖަލްސާގައި މުއިއްޒު ތިނަދުއަށް ވެވަޑައިގެންނެވި ބައެއް އެހެން ވައުދުތައް:

  • 10،000 އެނދާ އެކު ހުވަދު އަތޮޅަކީ ޓޫރިޒަމްގެ ހަބަކަށް ހެދުން

  • ކޯލްޑް ސްޓޯރޭޖް ގާއިމްކުރުން

  • ގދ. ކާޑެއްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުން

  • ފީނުމުގެ ތެރޭގައި ދިމާވާ ކަންކަމަށް ފަރުވާ ދޭ ޑީކޮމްޕްރެޝަން ޗެންބާ ގާއިމް ކުރަން

  • ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުން

  • ރަށުގައި ހުރި ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުން

"މި ކަންކަމަކީ ވިޝަނަރީ ވިސްނުމެއްގައި [ނުވަތަ] ދުރަށް ވިސްނައިގެން ކޮންމެވެސް ކަހަލަ ތަސައްވަރެއް އޮވެގެން ނޫނީ ނުކުރެވޭނެ ކަންތައްތައް. ކަންކަން ކުރުމުގެ ވައްޓަފާޅިއަކާއި އެ ވަރުގެ ޓީމެއް އޮވެގެން ނޫނީ ނުކުރެވޭނެ ކަންކަން،" ވާދަވެރިންނަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވަމުން، ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ، ދިވެހި ރައްޔިތުން ގަބޫލު ކުރާނެ އަދި ޔަގީން ވެސް ކުރައްވާނެ، އެ ވިޝަން އާއި އެ ލީޑާޝީޕާއި އެ ހިންގުންތެރިކަމާއި އެ ނަތީޖާ ނެރެދިނުމުގެ ޓްރެކް ރިކޯޑް އޮތީ އަޅުގަނޑުމެންގެ ކަމަށް."

ކޮމެންޓް (1)

ފަނޭ

28 އޯގަސްޓު 2023
ހާދަ މަދޭ މީހުންކޮޅު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް