ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

މަސްވެރިން

މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ މި ސަރުކާރުގެ ނާގާބިލުކަމުން: އެމްޑީޕީ

ސަރުކާރުން މަސްވެރިންނަށް ދޮގުހަދާ އޮޅުވާލަމުންދާ ކަމަށް ވެސް އެ ޕާޓީން ތުހުމަތު ކުރޭ؛ ގޮވާލީ ވީހާވެސް އަވަހަކަށް ފައިސާ ދޫކުރަން
20 ފެބްރުއަރީ 2024

މަސްވެރިން ބާނާ މަހަށް ފައިސާ ނުދީ މަސްވެރިން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވަންދެން ހިފަހައްޓާފައިވަނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށް ބުނެ ވީހާ ވެސް އަވަހަކަށް މަސްވެރިންނަށް ފައިސާ ދޫކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސްގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ނުލިބި ލަސްވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ، ނޫސްބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - "މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުންނެވެ. އެތަކެއް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިމަތިވި ކޮވިޑުގެ އެންމެ ދަތި ހާލުގައި، ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ދޫކުރި އެވެ.

އެމްޑީޕީން އިތުރަށް ބުނި ގޮތުގައި:

  • ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް މި ސަރުކާރުން ވައުދުވި 

  • ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ވަނީ އެ ވައުދާ ހިލާފުވެފައި

"މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީ ނަމަވެސް މި ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަން މިއީ ހަގީގަތެކެވެ. މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުންދިޔުން މި ޕާޓީން ބަލައެއް ނުގަންނަމެވެ،" އިދިކޮޅު ޕާޓީގެ ބަޔާނުގައިވެ އެވެ.

މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އަނެއްކާ ވެސް މަސްވެރިންނަށް ދޮގު ހަދައި އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން އެކަން ކުށްވެރި ކުރި އެވެ.

އޭގެ އިތުރުން، ރޯދަ މަހަށް ފަހު މަސް ގަންނަ އަގު 15ރ. އަށް ކުޑަކުރަން ނިންމާފައިވާ ނިންމުން އަނބުރާ ގެންދަން ވެސް އެ ޕާޓީން ސަރުކާރަށް ގޮވާލި އެވެ.

ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

އެނގުން މުހިއްމު - މަސް ގަންނަ އަގު 15ރ. އަށް ކުޑަކުރަން އުޅޭ ކަމަށް އެމްޑީޕީން ބުނި ނަމަވެސް، ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްގަންނަ އަގު 20ރ. އަށްވުރެ ދަށް ނުކުރާނެ ކަމަށެވެ.

މިދިޔަ ސަރުކާރުގައި މިފްކޯއަށް މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކޮށްފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރުގެ ކުރިންނެވެ. އެއީ ސިޔާސީ ނިންމުމެއް ކަމަށް ބުނެ، ކުރީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަ އަގު 25ރ. އަށް އޮތުމަކީ މިފްކޯއަށް ގެއްލުންވާ އަގެއްކަން މަސްވެރިން ގަބޫލުކުރާ ކަމަށް ބުނެ، މި ސަރުކާރުން ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މަސް ކިލޯއެއްގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.

ފާހަގަކޮށްލެވޭ - މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި ސަރުކާރު ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ނެރުނު އިރު، އެ މައްސަލާގައި މި ސަރުކާރުން ކުށްވެރި ކުރަނީ ކުރީ ސަރުކާރެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެން ގޮސް ހާލަތު މިހާ ގޯސްވީ މިދިޔަ ސަރުކާރުގައި މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ފައިސާ ނުދީ ސަރުކާރު ބަދަލުވި އިރު ބޮޑު ދަރަންޏެއް ވާރުތަވުމުގެ ސަބަބުން ކަމަށެވެ.

"17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރި ކުރުމަކީ މަސްވެރިން އެކަމަށް މަރުހަބާ ކީ ކަމެއް ނޫން ފުރަތަމަ ކަމަކަށް. ސިޔާސީ ބޭނުމެއްގައި ކުރެއްވި ކަމެއް އެ ކަމަކީ. މަސްވެރިން މަރުހަބާ ނުކިޔާ ކަމެއް އެ ކަމަކީ. އެކަމަކާ ގުޅިގެން ޖެހުނު ތަކުލީފުން އަޅުގަނޑުމެން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެން،" މަސްވެރިން މި މައްސަލާގައި މުޒާހަރާ ކުރާ ހާލަތަށް ދާން ޖެހުމުން ހިތާމަކުރައްވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުފާވީސް، ޔަގީނުން ވެސް މަސްވެރި އާއިލާތަކަށް މި ހާލަތު ނުޖެހުނީސް، އޭރު [މިދިޔަ ސަރުކާރުގައި] މަހުގެ އަގު ބޮޑުކޮށްލެއްވި އިރުގައި ނޫނީ ސަރުކާރު ނިމުނު އިރުގައި އެ ފައިސާކޮޅު ދައްކާ ހަލާސްކުރެވިފައި އޮތްނަމަ."

ސަރުކާރުން ބުނަމުންދަނީ، ރޯދަ މަސް ފެށުމުގެ ކުރިން މިހާރު އޮތް ބެކްލޮގް ފިލުވައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މުޅިން ހަލާސްކުރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް