މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: ރައީސް ވިދާޅުވީ ދެމެހެއްޓެނި ގޮތެއްގައި ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް (ދައުރު ފޮޓޯ/ ހުސައިން ސުނައިން)
މަސައްކަތް ކުރަނީ ރޯދައިގެ ކުރިން މަސްވެރިންނަށް ފައިސާ ދޭން: ރައީސް
މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ ރޯދައިގެ ކުރިން ދައްކައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަސްވެރިންގެ ޝަކުވާ ބޮޑުވެފައި އޮތް ދަނޑިވަޅު ރައީސް މުއިއްޒު އެގޮތަށް ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫގަ އެވެ.
ބުނީ ކީކޭ؟ - އެ އަތޮޅު މަރަދޫގެ އިރުޝާދިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ކުރު މުއްދަތެއްގައި މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދިނީ މި ސަރުކާރުންނެވެ.
"އަޅުގަނޑުމެން ހަވާލުވިއިރުގައި 200 އެތައް މިލިއަން ރުފިޔާއެއް ދައްކަން އޮތް. އެ ފައިސާ ވެސް ދައްކައި، އަދި އިތުރަށް މަސް ބާނަމުންދާ ވަރަކަށް ވެސް ދައްކަން ޖެހޭ ފައިސާ ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
"ޖުމްލަ 442 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި މި ދެއްކީ."
ތަފްސީލު - ރައީސް ވިދާޅުވީ މަސްވެރިކަން ކުރާ ވަރަކަށް މަސްވެރިންނަށް ފައިސާ ދޭން ޖެހޭނެ ކަމަށާއި މިހާރު ވެސް އެގޮތަށް ދައްކަން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ އެބަ އޮތް ކަމަށެވެ.
"އެ ފައިސާ ވެސް މި ބަލަނީ ރޯދައިގެ ކުރިން ނިންމާލެވޭތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަމައެކަނި މަރަދު އާއި މަރަދޫ ފޭދޫގެ މަސްވެރިންނަށް ވެސް 30 މިލިއަން ރުފިޔާ ދައްކަން އެބަ އޮތް ކަމަށެވެ.
"އެ ފައިސާ ވެސް ހަމަ ވަރަށް އަވަހަށް ދައްކައިދޭނަމޭ، އިރާދަކުރެއްވިއްޔާ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކޭނެ ގޮތް ހަދައިދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ކަމެއް - މިފްކޯއިން މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި އެތައް މަސްތަކެއް ވެފައި ވާތީ ގއ. ކޫއްޑޫގައި މަސްވެރިން މުޒާހަރާކޮށް އެ ކާރުހާނާގެ އޮޕަރޭޝަންތައް މިއަދު ވަނީ ހުއްޓުވައިފަ އެވެ.
މުޒާހަރާ ކުރާ މަސްވެރިންނާ ބައްދަލުކޮށް ކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މިއަދު ކޫއްޑުއަށް ފުރާވަޑައިގެންފަ އެވެ.