މަސްވެރިން ކޫއްޑޫގައި އިހުތިޖާޖު ކުރަނީ.
މަސްވެރިން ނުކުމެ ކޫއްޑޫ ބަންދުކޮށްފި؛ މައްސަލަ ހައްލުކުރަން މިނިސްޓަރު ދަނީ
މިފްކޯއިން މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި އެތައް މަސްތަކެއް ވެފައިވާތީ ގއ. ކޫއްޑޫގައި މަސްވެރިން މުޒާހަރާކޮށް އެ ކާރުހާނާގެ އޮޕަރޭޝަންތައް ހުއްޓުވާލައިފި އެވެ.
ފާހަގަކޮށްލެވޭ - މުޒާހަރާ ކުރާ މަސްވެރިންނާ ބައްދަލުކޮށް ކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގަތުމަށް މިހާރު ވަނީ ނިންމަވައިފަ އެވެ.
ވީ ކިހިނެއް؟ - ފައިސާ ނުލިބި ލަސްވާ މައްސަލާގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ މިއަދު ކޫއްޑޫ މަސް ފެކްޓަރީ ކައިރިއަށް ޖަމާވެ އިހުތިޖާޖުކޮށް، އެ ފެކްޓަރީގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފަ އެވެ.
ބައެއް މަސްވެރިން އެ ފެކްޓްރީގެ އޮފީސް ތެރެއަށް ވަދެ، ކޫއްޑޫގެ ޕްރޮސެސިން ޕްލާންޓުގެ އިސް މެނޭޖްމަންޓުގެ މަގާމެއް އަދާކުރައްވާ އަންވަރު ސާދާތުއާ ދިމާލަށް ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މަސްވެރިން ރުޅިގަދަވެ އިހުތިޖާޖުކުރަމުން ދަނީ ތިން މަސް ވެގެން ދިޔައިރު ވެސް ކިރާފައިވާ މަހަށް ފައިސާ ނުލިބި ލަސްވާތީ ކަމަށް ބުނެ އެވެ.
މަސްވެރިން ބުނަމުންދާ ގޮތުގައި:
-
ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް މަސްވެރިންގެ ޝަކުވާތަކަށް ސަރުކާރުން ޖަވާބުދާރީ ވެފައެއް ނުވޭ
-
މަސްވެރިންގެ އާއިލާތައް ކާނެ، ބޯނެ ފައިސާ ވެސް މިހާރު ނެތް؛ މަސްވެރިން ހާލުގައި ޖައްސައިފި ކަމަށް ވެސް ބައެއް މީހުން ގޮވަމުންދިޔަ
-
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރަން ވެސް މުޒާހަރާގެ ބައެއް ބައިވެރިން ދަނީ ޑިމާންޑު ކުރަމުން
ގަ. ކޫއްޑޫގަ ކުރިޔަށްދާ މަސްވެރިންގެ މުޒާހިރާ!@HKurusee @dhonamaa_com pic.twitter.com/xfiXB1CZeL
— 𝑨𝒍𝒊 𝑺𝒂𝒋𝒊𝒅 (@AliSajidMV) February 18, 2024
ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި މިހާރު ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ބުނީ ކީކޭ؟ - ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން 'އެކްސް'ގައި ޕޯސްޓުކުރެއްވި ގޮތުގައި، މަސްވެރިން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ހޯދުމަށްޓަކަ އެވެ.
"ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިންނާއި އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވަނީ،" ސައުދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
-
ސަރުކާރުގެ ޔުޓިލިޓީ ހިދުމަތްތަކާއި އިންޓަނެޓު ވަސީލަތްތަކާއި ބޭންކު ލޯނުތަކަށް ފައިސާ ނުދެއްކި، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ވަރަށް ބޮޑު
-
ދުވަހުން ދުވަހަށް މަސްވެރި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ކަންކަން ކުރުމަށް ވެސް ވަނީ ދަތިވެފައި
"ސަރުކާރުން މަސްވެރިންނާ މެދު އިހުމާލުވުން ހުއްޓާލަން ޖެހޭ. މަސްވެރިންނަށް ދޭން ޖެހޭ ހައްގު ފައިސާ ވަގުތުން ވަގުތަށް ދޫކުރުމަށް ގޮވާލަން،" ސައުދުގެ ޕޯސްޓުގައިވެ އެވެ.
ސަރުކާރުގެ ބަސް - މިނިސްޓަރު ޝިޔާމް 'ދައުރު'އަށް ވިދާޅުވީ މަސްވެރިން އެދިވަޑައިގަންނަވާ ގޮތަށް އެމީހުންނާ ބައްދަލުކުރައްވަން އޭނާ މިއަދު ކޫއްޑުއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މިއަދު ހަވީރު މަސްވެރިންނާ ބައްދަލުވާނެ،" އޭނާ ވިދާޅުވި އެވެ.
މުޒާހަރާތަކުގެ ސަބަބުން ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓިފައި ވާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި މިވަގުތު ވެސް މަސް ކިރަން ބައެއް ދޯނިތައް އެ ސަރަހައްދުގައި އޮތްކަން ފާހަގަކުރައްވައި އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ގޮތް ހަދައިދޭން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
-
މަސްވެރިންނަށް ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން؛ ރޯދަ މަސް ފެށުމުގެ ކުރިން އެ ފައިސާ ދީ ނިންމަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރިން ވެސް ވިދާޅުވެފައި ވާނެ
-
ސަރުކާރުން މިހާރު ވަނީ މަސް ގަންނަ އަގު ބަދަލުކޮށްފައި؛ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ހަފްތާއެއް ތެރޭގައި މިހާރު ކިރާ މަހަށް އަގު ލިބޭނެ
އެނގުން މުހިއްމު - މަސްވެރިންނަށް މިހާތަނަށް ދޫކޮށްފައިވާ ފައިސާ އާއި މިހާރު ނުދެވި ހުރި ފައިސާގެ އަދަދު ސާފުކުރަން މިދިޔަ ހަފްތާގައި މަޖިލީހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވަނީ:
-
މިހާތަނަށް މި ސަރުކާރުން މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި، އައިސް ހިމެނޭ ގޮތަށް 422 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
-
270 މިލިއަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އެބަހުރި
-
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް، 250 މިލިއަނެއްހާ ރުފިޔާ އެ މަނިކުފާނަށް ވާރުތަވެފައިވޭ
މަހުގެ އަގު ކުޑަކުރި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، ސެޕްޓެމްބަރު މަހުގެ ތެރޭގައި މަހުގެ އަގު ކިލޯއެއް 17ރ. އިން 25ރ. އަށް ބޮޑުކުރި ކުރުމަކީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރަން ކުރި ކަމެއް ކަމަށެވެ.
އޭރު މަހުގެ އަގު 25ރ. އަށް ބޮޑުކުރި ނަމަވެސް، އެ ރޭޓުގައި އެއްވެސް މަސްވެރިއަކަށް ވެރިކަން ބަދަލުވުމާ ހަމަޔަށް ވެސް ފައިސާ ދީފައިނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަސް ކިލޯއެއް 25ރ. އަށް ގަންނަ ނަމަ އަހަރެއްގެ ތެރޭގައި 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން މިފްކޯއަށް ދޭން ޖެހޭނެ ކަމަށެވެ.
ކޮމެންޓް (1)
ކެލާ